ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން ޖެހޭ އިތުރު ބައެއް ހާލަތްތައް ހިމަނައި، ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން، މި ބިލް ހުށަހެޅުމުގެ ބޭނުމެއްކަމަށް ބުނެފައި ވަނީ ހެއްކާބެހޭ ގާނޫނުގައި އެކުލެވޭ، ހެއްކާބެހޭ ބައެއް އުސޫލުތަކާއި ގުޅިގެން ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި، ދިމާވާ، ދަތިތައް ހައްލުކުރުމަށާއި ނިޒާމު އިތުރަށް، ފުރިހަމަކުރުމެވެ. އަދި ގާނޫނުގައި ހެއްކާއި ގުޅިގެން ހިމަނަންޖެހޭ އިތުރު އުސޫލުތަކާއި، އިޖުރާއަތްތައް ކަނޑައެޅުމަށާއި، އަދި ޤާނޫނުގެ 136 ވަނަ މާއްދާގައި، ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި، އޮތްގޮތުން، ނޫސްވެރިންގެ މެދުގައި ކަންބޮޑުވުން ހުރުމުން އެކަމަށް ހައްލެއް ގެނައުމަށްކަމަށް ވަނީ ބުނެފަ އެވެ.
މި ގާނޫނު މިހާރު ބުނާ ގޮތުގައި އެ މައުލޫމާތު ދިން ފަރާތުގެ ރުހުމާ ނުލައި އެފަރާތް ހާމަކުރުމަށް ނޫސްވެރިޔާ ނުވަތަ އޭނާ މަސައްކަތްކުރާ ތަނަށް މަޖުބޫރު ނުކުރެވޭނެ އެވެ. އެހެން ނަމަވެސް ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގައި ވަކި ހާލަތްތަކެއްގައި މަސްދަރު ހާމަކުރުމަށް އެންގިދާނެ އެވެ.
އެގޮތުން، ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން އެނގޭނަމަ، އަދި ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތްނަމަ، ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށް ވުރެ އާއްމު މަސްލަހަތު މާބޮޑު ހާލަތެއްނަމަ، ނުވަތަ މަސްދަރު ހާމަނުކުރުމުގެ ސަބަބުން ތުހުމަތުކުރެވޭ ފަރާތަކަށް ނާއިންސާފު ހުކުމެއް ލިބުމުގެ ފުރުސަތު ބޮޑުނަމަ މިފަދަ އަމުރެއް ނެރެވިދާނެއެވެ.
މި ބިލުން ހެއްކާބެހޭ ގާނޫނަށް ގެނައުމަށް ހުށަހަޅާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ކިތާބީ ހެއްކާއި، އިލެކްޓްރޯނިކް ހެއްކާއި، މާއްދީ ހެއްކާއި އަދި އިވުނު ކަމަށް ބުނާ ހެއްކާބެހޭ އުސޫލުތަކަށް ބަދަލުތައް ގެނައުން ހިމެނެ އެވެ. އަދި ހެކިބަސް ނެގުމާބެހޭ އުސޫލުތަކާ ގުޅިގެން ބައެއް އިސްލާހުތައް ހުށަހެޅުމާއި، ނޫސްވެރިކަމުގެ އިމްތިއާޒާ ގުޅޭ އުސޫލުތަކަށް މުހިންމު އިސްލާހުތައް ގެނައުމުގެ އިތުރުން އަލަށް، ތައާރުފުކުރެވޭ ކާކުކަން އަންގައިދޭ ހެއްކާއި ޒާތާގުޅޭ ހެކީގެ އުސޫލުތައް ގާނޫނުގައި ކަނޑައެޅުން ހިމެނެ އެވެ.
މި އިސްލާހު ސަރުކަރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް އެވެ.
ހެއްކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައިވާ ގޮތުން، ނޫސްވެރިޔާ ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުކޮށްގެން ނުވާނެއެވެ. ނަމަވެސް، ވަކި ހާލަތްތަކެއްގައި، ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމުގެ އަމުރެއް ނެރުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ.
އިސްލާހުގައި ބުނާގޮތުގައި، ނޫސްވެރިޔާގެ މަސްދަރު އަންގައިދޭ މައުލޫމާތެއް ހާމަކުރުމަކީ، ބިލުގައި ބަޔާންކުރާ ކުށްތަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ދެނެގަތުމަށް ނުވަތަ އެ ފަރާތެއް ހުއްޓުވުމަށް ކޮންމެހެން މުހިންމު ކަމެއް ކަމުގައިވާނަމަ، މަސްދަރު ހާމަކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ހައިކޯޓަށް ހުށަހެޅިދާނެއެވެ.
މި ކުށްތަކުގެ ތެރޭގައި ހިމެނެނީ
(1) ޓެރަރިޒަމްގެ ކުށް
(2) ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހުއްދަނޫން ގޮތުގައި ސިއްރު މަޢުލޫމާތު ހާމަކުރުމާއި، ރައްޒުކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމާއި ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޢުދުވާނީ ޙަރަކާތްތަކާއި ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިޤްލާލަށް ގެއްލުންދޭފަދަ ޢަމަލުތަކާއި އަދި އެނޫންވެސް ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ޢަމަލެއް އެކުލެވޭ ކުށް.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ހައިކޯޓަށް ހުށަހަޅާ ހުށަހެޅުމެއްގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރަންޖެހޭ ފަދަ ޙާލަތެއް އޮތްކަމަށް ފެންނަ ސަބަބުތަކާއި ކަމާގުޅޭ ހެކި ކޯޓަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައިވާ ފަދަ ހުށަހެޅުމެއް ހައިކޯޓަށް ލިބުމުން
މިފަދަ ހުށަހެޅުމެއް ހައިކޯޓަށް ލިބުމުން، ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރެއް ނެރެވޭނީ ވަކި ހާލަތްތަކެއް ކަށަވަރުކުރުމަށްފަހުގައިކަމަށް އިސްލާހުގައި ވެއެވެ. އެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ ނޫސްވެރިޔާގެ މަސްދަރު ހާމަކުރުން ފިޔަވައި އެނޫންވެސް އެޅެންހުރި އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިވާކަމާއި ނޫސްވެރިޔާ ނުވަތަ އޭނާ ނޫސްވެރިކަމުގެ ވަޒީފާ އަދާކުރާ ތަން މެދުވެރިނުކޮށް، މަސްދަރު ދެނެގަތުމަށް ކުރެވެން ހުރި އެންމެހައި މަސައްކަތެއް އެކަށީގެންވާ މިންވަރަށް ކޮށްގެންވެސް މަސްދަރު ދެނެގަނެވިފައިނުވާކަމެވެ. އަދި ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމަށް އޮތް ޢާންމު މައްލަހަތަށްވުރެ، މި ޤާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ދެނެގަތުމަށް ނުވަތަ އެ ފަރާތެއް ކުށްކުރުން ހުއްޓުވުމަށް ނުވަތަ އެ ފަރާތުގެ މައްޗަށް ދައުވާ އުފުލުމަށް މައުލޫމާތު ހާމަކުރުމަށް އޮތް އާންމު މަސްލަހަތުގެ ބޮޑުކަން ކަށަވަރުކުރުން ހިމެނެ އެވެ.
މި ހާލަތުގައި، މަޢުލޫމާތުން ވަކި ވާގިއާއެއް ދެނެގަތުމަށް ނުވަތަ ސާބިތުކުރުމަށް އެހީވެދޭ މިންވަރާއި، ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުރިމަތިވާ ކުއްލި ނުރައްކަލެއް ހުއްޓުވުމަށްޓަކައި މަސްދަރު ހާމަކުރުމުގެ ޒަރޫރަތްތެރިކަން އަދި މަސްދަރު ހާމަނުކުރުމުގެ ސަބަބުން ތުހުމަތުކުރެވޭ ފަރާތަށް ނުޙައްޤު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުވުން ފަދަ ކަންކަން ހިމެނެއެވެ.
އިސްލާހުގައި ބުނެފައި ވަނީ އިކޯޓަށް ހުށަހެޅޭ މައްސަލައަކާއި މެދު ގޮތެއް ނިންމުމުގައި، ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އޮތް ާއންމު މަސްލަހަތަށް ވުރެ މައުލޫމާތު ހާމަނުކުރުމަށް އޮތް އާންމު މަސްލަހަތު ބޮޑު ކަމުގައި ކޯޓަށް ބުރަވެވޭނަމަ، އެ މަޢުލޫމާތު ހާމަކުރުމަށް ލާޒިމުކޮށްގެންނުވާނެ ކަމަށެވެ. އެހެން ނަމަވެސް، މައުލޫމާތު ހާމަކުރުމުގެ މަސްލަހަތު ބޮޑުކަމަށް ފެނިއްޖެނަމަ، ކޯޓުން އަމުރެއް ނެރެންވާނެކަމަށް ވެއެވެ. އަދި މިކަމުގައި، މައުލޫމާތު ދިން މީހާއަށް ނުވަތަ އެހެން ފަރާތަކަށް ލިބިދާނެ ގެއްލުމާއި ނޫސްވެރިންނަށް މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުމަށް ލިބިދާނެ ގެއްލުމަށް ރިއާޔަތްކުރާނެ ކަމަށް ވަނީ ބުނެފަ އެއެވެ.
މައްސަލަ ހުށަހެޅުމާއި ނިންމާ މުއްދަތާއި ގުޅޭގޮތުން އިސްލާހުގައި ވަނީ، މައްސަލައެއް ހައިކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާމެދު ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންވާނެކަމަށެވެ. އަދި މައްސަލަ ރައްދުވާ ނޫސްވެރިޔާއަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނަށް ޝަރީައތުގައި ޖަވާބުދާރީވުމުގެ ފުރުަސތު ހައިކޯޓުން ދޭންވާނެކަމަށް ވެއެވެ.
ކޯޓު އަމުރުގައި ހިމެނެންޖެހޭ މައުލޫމާތުތަކަކީ، ނޫސްވެރިޔާގެ މަސްދަރު ހިމެނޭގޮތުން، މައުލޫމާތު ނުވަތަ ވަސީލަތް ހާމަކުރަންޖެހޭ ސަބަބާއި، އެ މަޢުލޫމާތު ހާމަކުރަންޖެހޭ މަގްސަދު އަދި އެ މައުލޫމާތު ހާމަކުރަން ބޭނުންވަނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަންކަމެވެ. އަދި މައުލޫމާތު ހާމަނުކުރުމަށް އޮތް ޢާންމު މަޞްލަޙަތަށްވުރެ މަޢުލޫމާތު ހާމަކުރުމަށް އޮތް ޢާންމު މަސްލަތުގެ ބޮޑުކަން ކަށަވަރުކޮށްފައިވާ ގޮތް ހިމަނަން ޖެހޭނ އެއެވެ.
މީގެއިތުރުން އެ މައުލޫމާތު ހާމަކުރުމުގައި ކަނޑައެޅޭ ވަކި ޝަރުތުތަކެއް ނުވަތަ އެ މައުލޫމާތުގެ ސިއްރު ހިފެހެއްޓެން އޮތް މިންވަރަށް ހިފެހެއްޓުމަށްޓަކައި އެ މައުލޫމާތު ހާމަކުރުން ހަނިކުރެވޭ މިންވަރު ބަޔާންކުރުމަށް އިސްލާހުގައި ވެއެވެ.

