ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިިފި

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 17 ނޮވެމްބަރ 2023ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ދިވެހިރާއްޖޭގެ މާލީ ހާލަތު އޮތީ ނުހަނު ނާޒުކު ފައްތަރެއްގައެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކުން އައީ ދިވެހިރާއްޖެ ބަނގުރޫޓްވާނެ ކަމުގެ ރަނގަބީލު އަޅަމުންނެވެ. އެފަރާތްތަކުން ފާހަގަކުރަމުން ދިޔައީ ދިވެހިރާއްޖެ އޮތީ ”އެޓް ހައި ރިސްކް އޮފް ޑެޓް ޑިސްޓްރެސް“ ކަމުގައެވެ.

މާލިއްޔާ ހިންގުމުގެ އަސާސްތަކުން އެކަހެރިވެ، ރޭވުންތެރިކަމެއް ނެތި ހިންގަމުންދިޔަ ފިސްކަލް ޕޮލިސީގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ މާލިއްޔާއަށް ނުކަތާ މިންވަރަށް ބޮޑެތި ޑެފިސިޓް ބަޖެޓްތައް ހުށަހެޅިފައިވެއެވެ.

ވިދިވިދިގެން ގިނަ އަހަރުތަކުގައި ސަޕްލިމެންޓްރީ ބަޖެޓްތައް ހުށަހަޅައިގެން ސަރުކާރު ހިންގުމުގެ ނަތީޖާއަކަށްވީ ދަރަނީގެ ދެމެހެއްޓެނިވިކަމާއި މެކްރޯ ފިސްކަލް ސްޓެބިލިޓީ ގެއްލިގެންދިއުމެވެ.

އެހެންކަމުން، ރައީސް މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވީ މެކްރޯ އިކޮނޮމިކް ހާލަތު ރަނގަޅުކުރުމެވެ. ބޭރުގެ ފައިސާއިން ކޮންމެހެން ހޯދަން ޖެހިފައިވާ ފައިނޭންސިން ހޯދުމަށް ކުރީގެ ސަރުކާރުން ނުކުޅެދިގެންދިއުމުގެ ސަބަބުން، 2023 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ރަސްމީ ރިޒާވް ވަނީ ބާރުމިނުގައި ދަށަށް ގޮސްފައެވެ.

2023 ވަނަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 591 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ދަށުގައި ކަމަށްވާއިރު، ޔޫޒަބަލް ރިޒާވް ހުރީ 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ދަށުގައެވެ. މި ހާލަތުން އަރައިގަތުމަށް ސަރުކާރުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ.

މާލިއްޔާ ހަރުދަނާކުރުމަށް އެޅުނު ފިޔަވަޅުތައް

ދައުލަތުގެ މާލިއްޔާ ކޮޅަށްޖަހައި، އިޤްތިޞާދުގެ ދުވެލި ކުރިއަރައިގެންދާނެ މަގެއްގައި ބައްޓަންކުރުމަށް ސަރުކާރުން ވަނީ ފިސްކަލް އިޞްލާޙީ ބޮޑެތި މަސައްކަތްތަކެއް ފަށާފައެވެ.

މިގޮތުން، މިހިނގާ އަހަރަށް ލަފާކޮށް ހުށަހެޅުނު ބަޖެޓްގައި ދައުލަތަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ގިނަ ޓެކުހާއި ފީ މަތިކުރުމަށް ހުށަހެޅުނެވެ. މި ބަދަލުތަކާއެކު، ދިވެހި ސަރުކާރުން އަދާކުރަންޖެހޭ އެންމެހާ ދަރަނިތަކާއި ޒިންމާތައް ގަޑިންގަޑިއަށް އަދާކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މިހިނގާ އަހަރުގެ ފުރަތަމަ 40 ހަފްތާގައި ވިދިވިދިގެން ސަރުކާރު ހިންގާފައިވަނީ ސާޕްލަސްގައެވެ.

އެކްސްޓާނަލް ސެކްޓަރ ބެލެންސްތަކަށް ބަލާއިރު، މަރުކަޒީ ބޭންކުން ސެޕްޓެމްބަރގެ ނިޔަލަށް އިޢުލާންކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، ދައުލަތުގެ ރަސްމީ ރިޒާވްގައި 860 މިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، ނެޓް ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައި 200 މިލިއަން އެމެރިކާ ޑޮލަރު ހުރިކަން އެނގެއެވެ. މިއީ ކުރީގެ ނާޒުކު ހާލަތާ އަޅާ ބަލާއިރު، މާލީ ހާލަތު ރަނގަޅުވަމުންދާކަން ދައްކުވައިދޭ ހެކިތަކެކެވެ.

އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަމާޒުތައް

އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަކީ، މި ފިސްކަލް އިޞްލާޙީ މަސައްކަތުގެ ތެރެއިން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ކުރެވުނު މަސައްކަތެކެވެ.

މި ބަޖެޓް އެކުލަވާލާފައިވަނީ، ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަށާއި، އިޤްތިޞާދީ ކުރިއެރުން ހޯދުމަށް އިސްކަންދީގެންނެވެ. ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ދައްކަންޖެހޭ ބޮޑެތި ދަރަނިތައް ހުރިއިރު، ޚާއްޞަކޮށް 2017 ވަނަ އަހަރު ބޮޑު އިންޓަރެސްޓް ރޭޓެއްގައި ވިއްކި ބޮންޑް ރީފައިނޭންސް ކުރުމަށާއި، 2021 ވަނަ އަހަރު ވިއްކި ސުކޫކް އަންނަ އަހަރު އަނބުރާ ދެއްކުމުގެ ބިޔަ ޒިންމާ މި ސަރުކާރުން އުފުލަންޖެހެއެވެ. މިކަންކަމަށް ރިޢާޔަތްކޮށް، ބަޖެޓްގައި ހިމެނޭ ޚަރަދުތައް ވަނީ ރޭވުންތެރިކަމާއެކު ތަރުތީބުކުރެވިފައެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ، ކުރީގެ ސަރުކާރުން ދޫކޮށްލާފައިވާ ނާޒުކު މާލީ ހާލަތުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ.

މިއަދު ދައުލަތުގެ ރިޒާވްތައް ވަރުގަދަވެ، ސަރުކާރުގެ ހިންގުން ސާޕްލަސްއަށް ބަދަލުވެފައިވާއިރު، މި ބަޖެޓުން އަމާޒު ހިފަނީ ދަރަނި ދެމެހެއްޓެނިވި މިންވަރެއްގައި ހިފަހައްޓައި، އިޤްތިޞާދީ ކުރިއެރުން އިތުރަށް ހަރުދަނާކުރުމަށެވެ. މާލީ އިޞްލާޙުގެ މި މަގުން ކުރިއަށް ދިއުމަކީ، ދިވެހިރާއްޖޭގެ މާލިއްޔާ ދިގު މުއްދަތަށް ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: