ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޖެނެރޭޝަން ބޭން“ އަކީ ޤައުމީ މުހިންމު މަސައްކަތެއް: ނާޒިމް

"ނޭޝެނަލް ޓޯޗް ރަން" ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

”ޖެނެރޭޝަން ބޭން“ އަކީ ޤައުމީ މުހިންމު މަސައްކަތެއްކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ”ނޭޝެނަލް ޓޯޗް ރަން“ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

މި ބޭން ތަންފީޒު ކުރަން ފަށަނީ ނޮވެމްބަރު އެކަކުން ފެށިގެންނެވެ. އާއެކު 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުމާއި ވިއްކުންވެސް މަނާވާނެއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހުރި ސިއްހީ މައްސަލަތައް ދިމާވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ސިއްހަތާއި ބީރައްޓެހި އަދި ކަނޑައެޅިގެން ބޮޑެތި ބަލިތަކަށް ހުށަހެޅޭ އާދަތައްކަމަށެވެ. މިފަދަ އާދަތަކުން މުޖުތަމަޢުއާއި ޅަދަރިން ރައްކާތެރިކުރަން ޖެހޭކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ދުޅަހެޔޮ އާދަތަކަށް ރައްޔިތުން އަހުލުވެރިކޮށް ޞިއްޙީގޮތުން ރައްކާތެރި، ޞިއްޙީ ދުޅަހެޔޮކަމަށް މަގުފަހިވާނޭހެން ކަންކަން ތަރުތީބުކުރަން ޖެހޭކަމަށެވެ.

ދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭންއެއް ތަންފީޒުކުރާ ފުރަތަމަ ގައުމަކީ ރާއްޖެކަމަށް ފާހަގަކުރެއްވިއެވެ. މި ސިޔާސަތު ތަންފީޒުކުރުމަށް ކުރާ މަސައްކަތުގައި އެންމެންގެ ޝާމިލުކަން ވަރަށް މުހިންމުކަމަށް ވިދާޅުވިއެވެ.

މެއިމަހުގެ 21 ވަނަ ދުވަހު ރައީސް ޖަނަރޭޝަން ބޭންގެ ޤާނޫނު ތަންފީޒުކުރެއްވުން، މިއީ ޒުވާނުންގެ ހައްގުގައި ސަރުކާރުން އެޅި ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ. މި ނެންގެވި ތާރީޚީ އަދި ބޯލްޑް ނިންމެވުމަށް ދުނިޔޭގެ އެހެނިހެން ޤައުމުތަކުންނާއި ޞިއްޙަތާގުޅުންހުރި އިދާރާތަކުން ތަޢުރީފުކޮށް ރައިސާއި ސަރުކާރަށް ވަނީ އެކަމުގެ ތައުރީފުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިޢުމަތަކީ ދުޅަހެޔޮ ޞިއްޙަތެއްކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، މި ނިއުމަތަށް ޝުކުރުވެރިވުމަށްޓަކައި ކުރަން ޖެހޭނެކަމަކީ އެ ނިއުމަތަށް އިހުމާލުނުވެ ރައްކާތެރިވުންކަމަށް ވިދާޅުވިއެވެ. ސަލާމަތް ޞިއްޙަތެއްގައި ހުރުމަކީ ދިރިހުރުމާއި ދިރިއުޅުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ ކަމެއްކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސިއްޙީ ދާއިރާގެ މައިގަނޑު އަމާޒަކީ އަދި ސިޔާސަތުތައް ބިނާވެގެން ވަނީ ދުޅަހެޔޮ ފަރުދެއް، ދުޅަހެޔޮ އާއިލާއެއް، ދުޅަހެޔޮ މުޖުތަމަޢެއް އަދި ދުޅަހެޔޮ ދިވެހީންގެ ރާއްޖެއެއް ބިނާކުރުމުގެ މައްޗަށް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރު ޞިއްޙީ ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދުރާލާ ބަލިތަކުން ރައްކާތެރިވުމާއި އަދި ބަލިވުމުން ލިބެންޖެހޭ ފަރުވާގެ ކަންކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މިކަމާ ގުޅުންހުރި މުއައްސަސާތަކާއިއެކު މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ތަސްދީޤު ކުރެއްވީ މިއަހަރުގެ މެއި މަހުއެވެ. އެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެއެވެ. ނަތީޖާއަކަށްވާނީ މި ޖީލު ހެދި ބޮޑުވެ ހަރު މީހުންނަށް ވާއިރު، މުޅި މުޖުތަމަޢަކީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ، އަދި ދުންފަތާ ދުރު މުޖުތަމަޢަކަށްވުމެވެ.

މީގެ އިތުރުން، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާ ވާނެއެވެ.

ހަމައެއާއެކު، ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސަރކުރުން، ޕްރޮމޯޓްކުރުން ފަދަ އެއްވެސް ކަމެއް ކުރުންވެސް މުޅީން މަނާ ވާނެއެވެ.

މި ޤާނޫނާ ޚިލާފަށް، ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދިނުމާއެކު، އެ އަތުލައިގަނެވޭ، ދުންފަތާ، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް އަދި އެފަދަ ތަކެތި އުފައްދާ މެޝިނަރީ ފަދަ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާއެކު ނައްތާލެވޭނެ ނިޒާމެއް ކަނޑައެޅިފައިވެއެވެ.

މީގެ އިތުރުންވެސް ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތް ކުރުމަށާއި، މަސްތުވާތަކެއްޗާ އެނޫން ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް މުހިންމު ކަންކަން މި އިޞްލާޙުގެ ތެރެއިން ކަނޑައަޅުއްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: