ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން، ރިޕޯޓުގައި ވާ ކަންކަން ދެނެގަތުމަށް 3 އިލްމުވެރިއެއްގެ އެހީ ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުން އެ އިދާރާއަށް ހުށަހަޅާފައިވަނީ އެމްޑީއެންއިން، ޕްެރިލިމިނަރީ އެސެސްމެންޓް އޮގް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސްގެ ނަމުގައި ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހުރިކަމަށާއި، އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީސްބަސްފުޅުތަކަށް ފާޑުކިޔާ، އާއްމުންގެ މެދުގައި ދީނީގޮތުން ހިޔާލު އުފެދޭ ބާވަތްތަކުގެ ވާހަަކަތައް އެ ރިޕޯޓުގައި ހިމަނާފައިވަކަމަށް ބުނެއެވެ.
ފުލުހުން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، 2019 އޮކްޓޯބަރ 03 ގައި އެމްޑީއެންގެ ރިޕޯޓު ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނީ ރާއްޖޭގެ މީޑިއާތަކާއި އާއްމުންގެ ފަރާތުން ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ބަލާ ތަހުގީގު ކުރިޔަށް ގެންދިއުމަށް ނިންމައި މައްސަލައި ތަފްސީލު ސާފު ކުރަމުންދަނިކޮށް ހަމަ އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން، އެމްޑީއެންގެ މައްސަލަ ބަލާދިނުމަށް އެދި ފުލުހަށް ހުށަހެޅިކަމަށެވެ.
ފުލުހުންނަށް މައްސަލަ ހުށަހެޅުމާއި ގުޅިގެން އާއްމުގޮތެއްގައި އެފަަދަ މައްސަލަތައް ބަލާ ތަހުގީގު ކުރުމުގައި އާއްމުކޮށް އަމަލު ކުރާ އިޖުރާތްތަކާއި އެއްގޮތަށް ރިޕޯޓުގައި ހުރި އިސްލާމީ އަގީދާ އާއި އިސްލާމީ ޝަރީއަތާއި ހިލާފް ވާހަކަތަކާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިހުރި ވާހަކަތައް ތަހުގީގީ ބޭނުމަށްޓަކައި ކުރަމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން މައްސަލައާއި ގުޅިގެން، 3 އިލްމުވެރިއެއް މެދުވެރިކޮށް ވަކިވަކިން ރިޕޯޓާއި ގުޅޭ އިލްމީ ދިރާސާއެއްކޮށް ރިޕޯޓުގައި ހުރި އިސްލާމީ އަގީދާ އާއި އިސްލާމީ ޝަރީއަތާއި ހިލާފު ވާހަކަތަކާއި އިސްލާމްދީނަށް ތައުހީނުި ކުރުމާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް ބެލެވޭ ކޮންޓެންޓްގެ މައްޗަށް އިލްމީ ގޮތެއްގައި ތަފްސީލީ ދިރާސާ ރިޕޯޓެއް ތައްޔާރު ކުރަމުންދާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުންވެސް ރިޕޯޓާއި ގުޅޭ އިލްމީ ދިރާސާއެއް ފުލުހުންނަށް ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ބުނެފައިވަނީ މައްސަލަ ހުށަހެޅުނުއިރު ރިޕޯޓުގައި މުސައްނިފުންގެ ގޮތުގައި ބަޔާންކޮށްފައިވާ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިބުމަށް އެމީހުން ތަހުގީގަށް ހާޒިރުވުމަށާއި މައްސަލައާއި ގުޅިގން ތަހުގީގުގައި ސުވާލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމެވެ. އަދި ބައެއް ފަރާތްތަކަށް، ތަހުގީގަށް ހާޒިރުވުމަށް ޗިޓު ފޮނުވާއިރު އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދު ކުރެވިފައި ނުވާ ފަރާތްތަކާއި ސުވާލު ކުރަމުން ގެންދާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައަކީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތާއި ގުޅިފައިވާ ރައްޔިތުންގެ އިހުސާސްތަކާއި ގުޅުން ހުރި މައްސަލައަކަށް ވުމުން ބައެއް ފަރާތްތަކުން މި މައްސަލައިގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށް ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ފިތުނަފަސާދަ އަދި ހަމަނުޖެހުމަށް މަގުފަހިވާފަދަ ކަންތައް ކުރަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ހާއްސަކޮށް ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތް ކުރުމުގެ ނަމުގައި ނަފްރަތާއި ބައިބައިވުމާއި ރުޅިވެރިގެން އުފެދޭވާހަކަ ފެތުރުމާއި ބައެއް ކަންކަމުގައި ދީނީ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުންކަމަށް ދައްކައި ފިތުނައިގެ އަމަލުތަކަށް ހިއްވައު ލިބޭގޮތަށް އަމަލު ކުރަމުންދާތީ ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފުލުހުން ބުނީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ބަލާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި ފުލުހުން އިލްމުވެރިން މެދުވެރިކޮށް ފަށާފައިވާ ދިރާސާ ރިޕޯޓް ނިމުމުން އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެ ކަމަށެވެ.
އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންކަން ވަނީ ހިމަނާފަ އެވެ.
އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް ”އިސްރާ އާއި މިއުރާޒު“ ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.
ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ.

