ރާއްޖޭގައި މިޔަރު ހިފުމަށާއި، މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅުއްވައިފިއެވެ.
މިއީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުށައަޅުއްވާފައިވާ ގަރާރެކެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރުގެ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެއެވެ. ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއް ކުރިން ރާއްޖޭގައި ކުރި މަސްވެރިކަމުގެ ބާވަތެކެވެ.
ރާއްޖޭގައި 3 ބާވަތެއްގެ މިޔަރުގެ މަސްވެރިކަން މީގެކުރިންވަނީ ކޮށްފައެވެ. އެއީ ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމެވެ. ކަށިމިޔަރު މަސްވެރިކަން ކުރުން ހުއްޓިގެންދިޔައީ، އޭރު ކުރެވުނު ދިރާސާތަކަކުން ރާއްޖޭގައި މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުމާއެކުގައެވެ. އެހެންނަމަވެސް ފަހަކަށް އައިސް މަސްވެރިންގެ ފަރާތުން މިޔަރު ގިނަވުމުގެ ކަންބޮޑުވުންވެސް އަޑުއިވެއެވެ.
ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
މިކަމާއި ދެކޮލަށް ހުށައެޅި ގަރާރުގައި މެންބަރު އައްބާސް ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، މިޔަރުގެ އާއިލާގެ ހުރިހާ ބާވަތްތަކަކީ ލަހުން ހެދި ބޮޑުވާ އަދި ލަހުން ދަރިމާވާ، ވިހާ ފަހަރަކު މަދު އަދަދަކުން ވިހާ ބާވަތެއްކަމަށެވެ. މިޔަރުގެ އާބާދީއަކީ ދެ އުމުރުފުރައިގެ ދޭތެރެ ފުރު ސްޓޮކްގެ އުފެންދުންތެރިކަން ދަށް އާބާދީތަކެއްކަމަށްވެސް ފާހަގަކޮށްފައިވެއވެެ.
މިޔަރަކީ ކަނޑުގެ ނިޒާމުުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަންވެސް ފާހަގަކޮށްފައިވެއެވެ. އެއީ ކަނޑުގެ ސިއްހަތު ދެމެހެއްޓުމަށް އެހީތެރިވާ ”ކީސްޓޯން ސްޕީޝީޒް“ އެއްކަމަށްވާއިރު، ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލައިފިނަމަ، މިޔަރުގެ އާބާދީ ވަރަށް ބޮޑަށް ދަށްވުމުގެ ކަންބޮޑުވުންތައް އެބައޮތްކަމަށްވެއެވެ.
މިޔަރު މަދުވާނަމަ އެހެން މަސްތަކުގެ އާބާދީއަށްވެސް ބަދަލު އަންނާނެކަމަށްވެއެވެ. ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ ހަމަޖެހުން ގެއްލޭނެކަމަށާއި، މިކަމުގެ ސަބަބުން ދިގު މުއްދަތުގައި ރާއްޖޭގެ މަސްވެރިކަމަށްވެސް ނޭދެވޭ އަސަރުކުރާނެކަމަށް އައްބާސްގެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
ކަޑުގެ ދިރުންތައް ދެކުމަށް ރާއްޖެ އަންނަ ފަތުރުވެރިންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު ބައެއްކަމަށާއި، ޑައިވިންގއާއި ސްނޯކްލިންއަކީވެސް ވަރަށް ބޮޑު ހިއްސާއެއް އޮންނަ ދާއިރާއެއްކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އެކި ދިރާސާތަކުން ދައްކާ ގޮތުގައި ދިރޭ މިޔަރަކުން ފަތުރުވެރިކަމުގެ ސިނާއަތަށް ގެނެސްދޭ އިގްތިސާދީ މަންފާ، މިޔަރު މަރާލައިގެން ލިބޭ މަންފާއަށްވުރެ އެތައް ގުނައެއް ބޮޑުކަމަށާއި، އެހެންކަމުން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކޮށްފިނަމަ، ލިބޭނޭ ފައިދާއަށްވުރެ ލިބޭ ގެއްލުން މާ ބޮޑުވާނެކަމަށް ފާހަގަކޮށްފައިވެއެވެ.
ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ދުނިޔޭގެ އެކި ޖަމިއްޔާތަކާއި، ތިމާވެށީގެ އެކްޓިވިސްޓުންގެ ފާޑުކިޔުންވެސް ރާއްޖެއަށް އަމާޒުވަމުންދާކަން ފާހަގަކޮށްފައިވެއެވެ. މިކަންކަމުގެ ސަބަބުން ރާއްޖޭގެ ބްރޭޑަށް ގެއްލުން ލިބެމުންދާކަމަށާއި، މިޔަރުގެ ބާވަތްތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ރާއްޖެއަށް އޮތް ޒިންމާތަކަށްވެސް އުނިކަން އައިސް، ރާއްޖެ ބަދުނާމުވަމުންދާކަމަށް ފާހަގަކޮށްފައިވެއެވެ.
ގަރާރުގައި އިތުރަށް ބުނެފައިވަނީ، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އިސްކަން ދޭން ޖެހޭކަމަށާއި، މިޔަރުގެ ހިމާޔަތް ދެމެހެއްޓުމަކީ ރާއްޖޭގެ އަންނަ އޮތް ޖީލުތަކަށްޓަކައި މުހިންމުކަމެއްކަމަށެވެ. ދިގު މުއްދަތުގައި ތިމާވެއްޓާއި، ފަތުރުވެރިކަމުގެ ސިނާއަތަށާއި، ރާއްޖޭގެ ބައިނަލްއަގުވާމީ މަގާމު ހިމާޔަތް ކުރުމަށްޓަކައި މި ނިންމުން ބަދަލު ކުރަރަން ގަރާރުގައި ވަނީ ސަރުކާރަށް ގޮވާލާފައެވެ.

