ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިބޭ ފަރާތްތަކުން ރައްޔިތުންނަށް ހިޔާނާތްތެރިވާނަމަ، އެއްވެސްކަމެއް ރަނގަޅު ނުވާނެކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ޢަފޫރު މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު އަސްލަމް ހުށަހެޅުއްވި ހެއްކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
ޢަފޫރު ފާހަގަކުރެއްވި ގޮތުގައި މިހާރު އޮތް ހެއްކާ ބެހޭ ގާނޫނުވެސް ތައްޔާރުކޮށްފައި އޮތީ ވަރަށް ފުރިހަމައަށްކަމަށާއި، އެ ގާނޫނު ފާސްކުރީ ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ މަޝްވަރާއާއެކު ކަމަށެވެ. އެހެން ނަމަވެސް، ޒަމާން ބަދަލުވަމުންދިއުމާއެކު ގާނޫނުތަކަށް ބަދަލު އައުމަކީ މައްސަލައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. މައްސަލައަކީ ގާނޫނުގެ ނޫންކަމަށް ޢަފޫރު ވިދާޅުވިއެވެ.
ގައުމު ހިންގަން ޖެހޭނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިންކަން ފާހަގަކުރައްވައި ޢަފޫރު ވިދާޅުވީ، ގަވާއިދެއްގައި އޮންނަ އިސްލާހެއްގެ ސަބަބުން ގައުމު ހިންގުމުގެ އަސާސީ އުސޫލު ބަދަލުވެގެން ނުވާނެކަމަށެވެ. އަދި ކުށްވެރިން ބޭނުންވާ ގޮތަށް ގައުމު ހިނގައިގެން ނުވާނެކަމަށް އޭނާ ވަނީ ވަރަށް ބޮޑަށް އިޝާރާތްކުރައްވާފައެވެ. ޢަފޫރު ވަނީ ބައެއް ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޢަފޫރު ވިދާޅުވީ ބައެއް ފަހަރު، ބައެއް ފަނޑިޔާރުން ކުށްވެރިން ކައިރިއަށް ގޮސް، ފައިސާ ހޯދުމަށް އެ މައްސަލައިން ސަލާމަތްވެވޭނެ ގޮތްތައް ކިޔައިދޭ މަންޒަރު ފެންނަކަމަށެވެ. އޭނާ ގޮވާލެއްވީ ފަނޑިޔާރުން އިހުލާސްތެރިވުމަށެވެ.
”ބައެއް ފަނޑިޔާރުން ހަމަ ރަނގަޅަށްވެސް މަސައްކަތް ކުރައްވާ. އެހެން ނަމަވެސް ބައެއް ފަނޑިޔާރުން ފައިސާގެ ބޭނުމަށް ކުށްވެރިންނަށް ސަލާމަތްވެވޭނެ މަގު ދައްކައިދޭ.“ ޢަފޫރު ވިދާޅުވިއެވެ.
މިކަންކަން ހައްލު ނުވުމަކީ ކަންބޮޑުވުމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދި ބޮޑެތި މައްސަލަތަކުގައި ތުހުމަތުވާ މީހުންނަށް އަޅާ ފިޔަވަޅުތައް އެމީހުން ކުރާ ކުށާ އެކަށީގެން ނުވާއިރު، ގެޔަކުން އަނބެއް ބިދެލާ، ރިހާކުރު ފުޅި ވަގަށް ނަގާ މީހާއަށް އަޅާ ފިޔަވަޅު މާ ބޮޑުކަމަށް ޢަފޫރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ރައްޔިތު މީހާއަށް އެއްވެސް ހިމާޔަތެއް ނެތްކަމަށާއި، ފަނޑިޔާރުންވެސް އަހަމިއްޔަތުކަން ދެނީ ފައިސާވެރި މުއްސަދި މީހާއަށްކަމަށެވެ.
ޢަފޫރު ވިދާޅުވީ ސިޔާސީ ބޭނުމަށް ނުވަތަ އަމިއްލަ މަންފާއަށް ހުކުމް ޖަހާ ފަނޑިޔާރުންގެ މައްސަލަތައް ބަލައިގެން ނޫނީ ގައުމު ހަމަ މަގަށް ނޭޅުވޭނެކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިބޭ ފަރާތްތަކުން ރައްޔިތުންނަށް ހިޔާނާތްތެރިވާނަމަ އެއްވެސްކަމެއް ރަނގަޅެއް ނުވާނެކަމަށް އޭނާގެ ވާހަކަފުޅު ނިންމަވާލައްވަމުން އިތުރަށް ބާރުއެޅުއްވިއެވެ.

