އޮކްޓޫބަރު 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކުރި ހަރަދުތަކަށްވުރެ އާމްދަނީ އިތުރުކަން، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 31.25 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އާމްދަނީގެ ގޮތުގައި 31.26 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ދައުލަތުގެ މާލީ ހާލަތު ހުރި ގޮތް ދައްކުވައިދޭ މުހިންމު ނިޝާނެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އޮކްޓޫބަރު 23 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 23.52 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 7.47 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރާންޓުގެ ގޮތުގައި 269.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މި މުއްދަތުގެ ތެރޭގައި ރިކަރެންޓު ހަރަދުތައް ހުރީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި މިންވަރަށްވުރެ ދަށުގައިކަން ފާހަގަކުރެވެއެވެ. މި އަހަރުގެ އޮކްޓޫބަރު 23 ވަނަ ދުވަހުގެ ނިޔަލަށް މި މަގުން ހޭދަކޮށްފައިވަނީ 27.01 ބިލިއަން ރުފިޔާއެވެ. ކެޕިޓަލް ހަރަދުތައް ހުރީ 4.24 ބިލިއަން ރުފިޔާގައެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ މި ތަފާސްހިސާބުތަކުން ފެނިގެންދެއެވެ. ސަރުކާރުން ކުރި ދަތުރުތަކުގެ ހަރަދުވެސް ނިމިދިޔަ އަހަރަށްވުރެ ކުޑަ ކުރެވިފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، އިދާރީގޮތުން ބޭނުންވާ ސަޕްލައި އަދި އޮޕަރޭޝަންތަކުގައި ބޭނުންކުރެވިގެންދާ މުދާ ގަތުމުގެ ހަރަދުވެސް މި މުއްދަތުގައި ވަނީ ކުޑަކުރެވިފައެވެ. މިއީ ދައުލަތުގެ މާލިއްޔާ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބޮޑު ހޭދައެއް
ޕީއެސްއައިޕީ (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް) ގެ ގޮތުގައި ކުރެވިފައިވާ ހަރަދުތަކަށް ބަލާއިރު އެންމެ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވަނީ ޓްރާންސްޕޯޓު ދާއިރާއިންކަން ފެނިގެންދެއެވެ. އެ ދާއިރާއިން ބަނދަރު ތަރައްގީކުރުމުގެ އިތުރުން ބުރިޖުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަރަދުކުރެވިފައެވެ. ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތްތަކަށެވެ.
މީގެ އިތުރުން، ވެށި ރައްކައުތެރިކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް ބޮޑު ހޭދައެއް ކުރެވިފައިވާއިރު، ސަރުކާރުން ގެންގުޅޭ ތަރުތީބުގެ މަތިން ބޯހިޔާވަހިކަމުގެ މަސައްކަތްތައްވެސް ކުރެވެމުންދާކަން ޕީއެސްއައިޕީގެ ހަރަދުތަކުގެ ތަފްސީލަށް ބެލުމުން ހާމަވެއެވެ. މި ހަރަދުތަކުން ދައްކުވައިދެނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދައުލަތުން ދޭ އަހަންމިއްޔަތެވެ.

