އައްޑޫ ސިޓީގެ ގުޅިފައިވާ ތިން ރަށެއްގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކޮށްފިއެވެ.
ހައުސިންގ ޔުނިޓްތައް ތަރައްގީކުރުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެތެރެއިންނެވެ.
މި މަޝްރޫއުގެ ދަށުން ހައުސިންގ ޔުނިޓް ތަރައްގީކުރަނީ އައްޑޫ ސިޓީ ފޭދޫގައި 50 ހައުސިންގ ޔުނިޓް، މަރަދޫގައި 50 ހައުސިންގ ޔުނިޓް އަދި ހިތަދޫގައި 100 ހައުސިންގ ޔުނިޓެވެ.
މިރަށްރަށުގައި ހައުސިން ޔުނިޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރެވެ.

