ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި، ޤައުމީ ފެންވަރުގައި ގިނަގުނަ މަޝްރޫޢުތަކެއް ފެށިގެން ކުރިއަށްދާ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ. މި މަޝްރޫޢުތަކުގެ އެންމެ ބޮޑު މަޤްޞަދަކީ ދިވެހި ރައްޔިތުންނަށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދިނުމާއި، އުމްރާނީ އަދި އިޤްތިޞާދީ ގޮތުން ޤައުމު ބިނާކުރުމެވެ. މިފަދަ މަޝްރޫޢުތައް ހިންގުމުގައި ދިވެހި ކުންފުނިތަކަށް އިސްކަންދިނުމަކީ، ޤައުމީ އިޤްތިޞާދު ވަރުގަދަވެ، ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ މުހިންމު ކަމެކެވެ.
ދިވެހި ކުންފުނިތަކަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ތެރެއިން 9 ދާއިރާއަކުން 206 މަޝްރޫޢެއް 53 ދިވެހި ކުންފުންޏަކާ ހަވާލުކުރެވުނުކަން ފާހަގަކޮށްލެވެއެވެ. މިއީ އެއްފަހަރާ މިހާ ގިނަ މަޝްރޫޢުތައް ދިވެހި ކުންފުނިތަކާ ހަވާލުކުރި ފުރަތަމަ ފަހަރެވެ.
މިކަމުގެ ސަބަބުން ދިވެހި ކުންފުނިތަކަށް އަމިއްލަ ޤާބިލުކަން އިތުރުކުރުމުގެ ފުރުޞަތު ލިބި، ތަޖުރިބާ ހޯދައި، ޤައުމީ ތަރައްޤީގައި އިސް ދައުރެއް އަދާކުރުމުގެ މަގު ފަހިވެގެންދެއެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، މަގު ހެދުމުގެ މަސައްކަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމަށް ސީދާ އަސަރުކުރާނެ ކަންކަމެވެ.
ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ފުވައްމުލައް ސިޓީގައި 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމާއި، އައްޑޫ ސިޓީގެ ގުޅިފައިވާ ތިން ރަށެއްގައި 200 ހައުސިންގ ޔުނިޓް ތަރައްޤީކުރަން އެޗްޑީސީއާ ހަވާލުކުރުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ލިބިގެންދާނެ ކަމެކެވެ. އަދި އައްޑޫ ހުޅުދޫ، މީދޫ، ފޭދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަކީ ރަށްރަށުގެ އުމްރާނީ ގޮތްތައް ބަދަލުކޮށްލާނެ ކަމެކެވެ.
ޤައުމީ އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި، މަޝްރޫޢުތައް ހިންގުމުގައި ދިވެހި ކުންފުނިތަކަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ސިޔާސަތެކެވެ. މީގެ ސަބަބުން ޤައުމުގެ ފައިސާ ބޭރުވުން ކުޑަވެ، އެ ފައިސާ ދިވެހި އިޤްތިޞާދުގެ ތެރޭގައި ދައުރުވާނެއެވެ.
މީގެ އިތުރުން، އިޤްތިޞާދީ ދާއިރާއިން އާ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (ސްޕެޝަލް އިކޮނޮމިކް ޒޯން) ގެ ބިލު މަޖިލީހުން ފާސްކުރުމަކީ އިންވެސްޓަރުންނަށް ފަހި ފުރުޞަތުތައް ހޯދައިދީ، އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރާނެ ކަމެކެވެ.
އިޤްތިޞާދީ ކުރިއެރުމުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ކަމަކީ، މަސްވެރިކަމުގެ ދާއިރާއަށް ގެނެވުނު ބަދަލެކެވެ. ގަވާއިދު ޢާންމުކޮށް ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ސަރުކާރުން ދެއްވުމަކީ، މަސްވެރިންގެ އާމްދަނީ އިތުރުކޮށް، އިޤްތިޞާދަށް އާ ދޮރެއް ހުޅުވިގެންދާނެ ކަމެކެވެ. އަދި އައްޑޫ ސިޓީގައި 30 މެގަވޮޓުގެ ކަރަންޓުގެ ކެޕޭސިޓީ ޤާއިމްކުރުމުގެ މަޝްރޫޢަކީ އިންޑަސްޓްރީތަކާއި ވިޔަފާރިތަކަށް ބޭނުންވާ ހަކަތައިގެ ޔަޤީންކަން އިތުރުކޮށްދޭނެ ކަމެކެވެ.
މަޝްރޫޢުތަކުގެ އިތުރުން އިޖުތިމާޢީ އަދި ސިޔާސީ ގޮތުންވެސް ގިނަ ބަދަލުތަކެއް ފެނިގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޚިދުމަތްތައް ރައްޔިތުންނާ ގާތްކުރުމުގެ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރަން ފެށުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، 3 ދާއިރާއެއްގެ މުސާރަ އެއްހަމަކޮށް ތަންފީޒުކުރަން ފެށުމަކީ މުވައްޒަފުންގެ ހިތްހަމަޖެހުން އިތުރުކޮށް، މަސައްކަތުގެ މާހައުލު ރަނގަޅުކުރާނެ ކަމެކެވެ.
ހަމައހެންމެ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާކޮށް، ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯއަށް ޢަމަލުކުރަން ފެށުމަކީ ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި ދުރުވިސްނޭ ގޮތަކަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި މިހާރު ފެށިގެން ކުރިއަށްދާ މަޝްރޫޢުތަކަކީ، އުމްރާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ޤައުމަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭނެ ކަންކަމެވެ. ޚާއްޞަކޮށް، މި މަޝްރޫޢުތައް ދިވެހި ކުންފުނިތަކާ ހަވާލުކުރުމުގެ ސިޔާސަތުގެ ސަބަބުން ޤައުމީ އިޤްތިޞާދު ވަރުގަދަވެ، ދިވެހި ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެއެވެ. މިފަދަ ބޮޑެތި މަސައްކަތްތައް ހިންގުމުގައި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ދިއުމަކީ، ދިވެހިރާއްޖެއަކީ އިޤްތިޞާދީ ގޮތުން އަމިއްލަ ފުދުންތެރި ޤައުމަކަށް ހެދުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެކެވެ.

