ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ހަމައެކަނި ”އެއާޕޯޓެއްގެ އިންފްރާސްޓްރަކްޗާ“އެއް ނޫން ކަމަށާއި މިއީ ބޮޑުތިލަދުންމަތީގައި ހިމެނޭ ހުރިހާ އަތޮޅެއްގެ ރައްޔިތުންގެ ތަރައްގީގެ ދޮރާށި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި އެއާޕޯޓު ވެގެންދާނީ ވަރަށްބޮޑު ބޫސްޓެއް ގެންނާނެ ކަމަކަށް ކަމަށެވެ. ރައީސް ވިދާޅުވީ އެ އެއާޕޯޓުގެ މަސައްކަތް ސަރުކާރު ހަވާލުވީއިރު، އޮތީ ގާތް ގަނޑަކަށް 30 އިންސައްތަ ނިމިފައި ކަމަށެވެ.
ރައީސް ވިދާޅުވީ ނުނިމި ހުރި މަސައްކަތްތައް ދިވެހި ސަރުކާރާއި އަދި އިންޑިއާގެ އެހީތެރިކަމާއިއެކު ނިންމުމަށްޓަކައި އަވަސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން 70 އިންސައްތަ މަަަސައްކަތް އަވަސްމިނެއްގައި ނިންމި ސަބަބަކީ ހަނީމާދޫ އޮތް ސަރަހައްދުގެ އިގްތިސޯދު އިތުރަށް ހަރުދަނާކޮށް، ޓޫރިޒަމްގެ ފަހި ފުރުސަތުތައް ހޯދައިދީ، އިންވެސްޓަރުން ގެނައުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމްގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައްވެސް ފަހިވެގެން ދާނޭ ކަމަށެވެ. ހއ. ގައި މޯލްޑިވްސް އިކޮނޮމީގެ ގޭޓްވޭގެ މަސައްކަތްވެސް ފަށައިގަނެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
”މިއީ ވަރަށް ބޮޑޫ ރަނުގެ ފުރުސަތެއް. މިއީ ފުން ފުޅާ ވަރަށް ބޮޑު ރަނުގެ ފުރުސަތެއް. ހުރިހާ ދާއިރާއެއްވެސް މިސަރަހައްދުގެ. ސަރުކާރުން މިއޮތޫ ތައްޔާރަށް ހުރިހާ ގޮތަކުން ކަންތައްތައް ފަހިކޮށްދެވޭނެ. ރާއްޖޭގެ ބޭރުގެ އިންވެސްޓަރުންވެސް ރާއްޖެ އައުމަށް ގޮވާލަން. މިއީ ރާށުގެ ތަރައްގީއަށްވެސް ބޮޑު ކުރިއެރުމެއް. ހަނިމާދޫ އަކީ ތަރައްގީގެ ޕޮޓެނޝިއަލް ވަރަށްބޮޑު ކާމިޔާބީޯ ތަކެއް ހޯދައިފައިވާ އެ ކާމިޔާބީތައް ހޯދަންވެސް މަސައްކަތް ކުރާ ރަށެއް“
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އުތުރުގެ އިންޓެގްރޭޓަޑް ޑިވެލޮޕްމަންޓް ސިޔާސަތު ހަގީގަތަކަށް ހެދުމުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އެންމެ މުހިންމު އެއް ވަސީލަތް ކަމަށެވެ. މި ހާސިލްވެގެން ދަނީ ރާއްޖޭގެ ތަރައްގީގެ، ހާއްސަކޮށް އުތުރުގެ ދެމެހެއްޓެނިވި ތަރައްގީގެ ހާސިލް ކުރުމުގެ އެންމެ އެއް ކާމިޔާބީ ކަމަށް ވިދާޅުވިއެވެ.
ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް މި ލިބޭ ފުރުސަތު ވަރަށް ފުޅާ މިނުގައި ބަލައިގަނެ، އޭގެ ބޭނުން ހިފުމަށް ރައީސް ޑރ. މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. ރައީސް ޑރ. މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި ހދ. އަތޮޅު ހިމެނޭ ބޮޑުތިލަދުންމަތީގައި އެކަށީގެންވާ ވަރަށް ފަތުރުވެރިކަން ގެނެވިފައި ނެތެވެ. އެކަމަކު، ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް މި ސަރަހައްދަށް ޓޫރިޒަމް ފުޅާ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

