ގަވާއިދާއި ޙިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި، އެ ފަރާތްތައް ހަމަ މަގަށް އެޅުވުމަށް ކުރަމުންދާ މަސައްކަތަށް މިއަދު އިނގިލާބީ ބަދަލެއް އައިސްފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑު، ސެކިއުރިޓީ އެންޑު ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް 2.0 އިސްނެންގެވުމުގެ ދަށުން، އިމިގްރޭޝަނުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާނު ވިދާޅުވީ، ތައާރަފު ކުރެވިގެންދިޔަ އެޕްލިކޭޝަނަކީ، އިމިގްރޭޝަން އެންފޯސްމެންޓުގެ ހިދުމަތާއި، ރާއްޖޭގައި ގަވާއިދާއި ޙިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި، އެ ފަރާތްތައް ހަމަ މަގަށް އެޅުވުމަށް ކުރަމުންދާ މަސައްކަތަށް، އިންގިލާބީ ބަދަލެއް ގެނެސްދޭނެ އެޕްލިކޭޝަނެއް ކަމަށެވެ. މީގެއިތުރުން، އިމިގުރޭޝަނުގެ މުވައްޒަފުންނަށާއި، ފުލުހުންގެ އިތުރުން ލޭބަރ ރިލޭޝަންސް އޮތޯރިތީ (އެލް.އާރު.އޭ) އަދި ހެލްތު ޕްރޮޓެކްޝަން އެންޖެންސީ (އެޗް.ޕީ.އޭ) ފަދަ ގާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކަށް ވެސް މި އެޕްލިކޭޝަނުގެ އެކްސެސް ލިބިގެންދާނެއެވެ.
މިނިސްޓަރު އިޝާރާތް ކުރެއްވި ގޮތުގައި، މިހާރަކަށް އައިސް ކައުންސިލުތަކަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ، ރަށްރަށުގައި ތިބޭ ބިދޭސީން މަސައްކަތްކުރާ ސައިޓުތައް މޮނިޓަރ ކުރުމުގައި، އެ މީހުންގެ އަތުގައި ސައްހަ އައިޑެންޓިފިކޭޝަނެއް ނެތި ތިބޭ މީހުންގެ މައްސަލައެވެ. ”މިފަދަ ހާލަތްތަކުގައި، އެ މީހުންނަކީ، ކޮން ބައެއްތޯ، ކަށަވަރު ކުރެވޭނެ މަގެއް ނެތުމާއިއެކު، އެ ބިދޭސީންގެ ދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ރަށުގެ ކަންކަން ބެލެހެއްޓުމުގައި، ރަށްރަށުގެ ކައުންސިލަރުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ.“ އެހެންނަމަވެސް، އެ ހުރިހާ ގޮންޖެހުންތަކާއި ދަތިތަކަށް ޑިޖިޓަލް ހައްލެއް މިހާރު ލިބިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެއާއިއެކު، މިނިސްޓަރު ވިދާޅުވީ، މި އާ ޑިޖިޓަލް ނިޒާމުގެ ސަބަބުން ޞިއްޙީ ދާއިރާއަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މީގެ ކުރިން ބޭސްފަރުވާ ހިދުމަތް ހޯދުމުގައިއާއި، ނިޔާވެގެން ހޮސްޕިޓަލަށް ގެންދާ ބިދޭސީން އައިޑެންޓިފައި ކުރުމުގައި ލަސްވުންތަކާއި، މެޑިކަލް އިންޓަވެންޝަންތަކަށް ބޭނުންވާ މުހިއްމު މައުލޫމާތު ލިބުމުގެ ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، މި އުނދަގޫތަކަށް، ވަގުތުން ވަގުތަށް ހައްލު ލިބިގެންދާނެ ސޮލިއުޝަނެއް މިއަދު ތައާރަފު ކުރެވިގެން ގޮސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

