ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިޔުމުން ބަދަލުކުރުމުގެ ބަދަލުގައި ތިނަދޫ ހަގީގީ ސިޓީއަކަށް ހެދުން މުހިންމު: ސައުދުﷲ

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިނަދޫ ”ހަގީގަތުގައި“ ވެސް ޓީއެއްގެ ގޮތުގައި ތަރައްގީ ކުރަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ސައުދުﷲ މިހެން ވިދާޅުވީ 2026 ވަނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ ތިނަދޫ ދާއިރާއަށް ބަލާއިރު ފާހަގަކުރެވޭ ކަންތައްތަކެއް އެބަހުރިކަމަށާއި، އެގޮތުން ބޯހިޔާވަހިކަން ފާހަގަކުރެއްވިއެވެ.

ހައުސިންއަށް އޮތް ޑިމާންޑް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. ތިނަދޫގައި މިހާރު ކުރިއަށްދާ ހައުސިން މަޝްރޫއަށް އިއުލާނުކުރުމުން 2000 އެތައް ބަޔަކު 200 ގެއަށް ކުރިމަތިލިކަން ފާހަގަކުރެއްވިއެވެ. މި ސަރުކާރުގެ ތެރޭގައި ތިނަދޫގައި 3،000 ގެ އެޅިގެން ދިއުމަކީ ކުރާ ވަރަށް ބޮޑު އުންމީދެއްކަމަށާއި، މިހާރު އިމާރާތް ކުރަމުންދާ 200 ގެ ވެސް ވީހާ އަވަހަކަށް ނިމޭނެކަމަށް އުއްމީދު ކުރާކަމަށް ވިދާޅުވިއެވެ. އަދި 110 ފްލެޓްގެ މަރާމާތްވެސް ފާހަގަކުރެއްވިއެވެ. އެ މަސައްކަތްވެސް ވީހާވެސް އަވަހަކަށް ކުރެވިގެން ދިއުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ރައީސުލްމުހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެން ވައުދާ އެއްގޮތަށް ތިނަދޫގައި ނުވަތަ ކާޑެއްދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭކަމެއްކަމަށް ފާހަގަކުރެއްވިއެވެ. މިކަމުގެ ވާހަކަ ގިނަ ރައްޔިތުން ސާފުކުރަން ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ.

ތިނަދޫގައި ސިއްހީ ހިދުމަތް ތަރައްގީކުރުމަކީވެސް މުހިންމުކަމެއްކަމަށް ފާހަގަކުރައްވާ ސައުދުﷲ ވިދާޅުވީ، އެގޮތުން ތިނަދޫގައި މިހާރު ހުރި ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ވީހާވެސް އަވަހަކަށް ކުރިއަށް ގެންދިއުމަށް ރައްޔިތުން އެދޭކަމަށް ފާހަގަކުރެއްވިއެވެ. މިހާރު މި މަސައްކަތް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައިކަމަށް ވިދާޅުވިއެވެ.

ތާރު ނާޅާހުރި މަގުތަކުގައި ތާރު އެޅުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ހިއްކާފައިވާ ސަރަހައްދުގައި ފެނާ ނަރުދަމާ އެޅުމަކީ ރައްޔިތުންގެ އެދުމެއްކަމަށާއި، ކޮމާޝިއަލް ބަނދަރުގެ މަސައްކަތް ނިންމައިދިނުމަކީވެސް އެދުމެއްކަމަށް ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ ސިޓީއަކަށް ވަނީ ލިޔެކިޔުން ބަދަލު ކޮށްގެން ނޫންކަމަށާއި، ސިޓީއަކަށްވުރެ ބޮޑަށް ބޭނުންވަނީ ރައްޔިތުން އާބާދުކޮށް، ފްލެޓްތައް ގާއިމްވެގެން ގޮސް ސިޓީއަށް 10،000 ރައްޔިތުން ހަމަކުރުންކަމަށެވެ. ތިނަދޫ ސިޓީއަކީ ލިބެންޖެހޭ ހުރިހާ ހިދުމަތެއް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ސިޓީއަކަށްވުން މުހިންމުކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ދެން މިހާރު ތިނަދޫއަށް މަދުވަނީ އާބާދީ އިތުރުކުރުމާއި ވިޔަފާރީގެ މާހައުލު އިތުރުކުރުންކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: