ސިއްހީ ހާލަތަށް ހަޖޫޖަހައި، މަލާމަތްކޮށް ހަދަނީ އިންސާނިއްޔަތުކަމެއް ނެތުމުންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ އޭނާއަށް ސިއްހީ ގޮތުން ދިމާވީ ކަންތައްތަކަކާއި ގުޅިގެން ފުރައްސާރަ ކުރަމުންދާ ކަމަށާއި އެހާ ދަށުދަރަޖަ އަށް ވެއްޓޭނީ އިންސާނިއްޔަތުކަމެއް ނެތުނީމަކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި އަންހެނަކަށް ވީތީ ސިފަ އަށް ހަޖޫޖަހަމުންދާކަމަށް ވިދާޅުވެ، ހީނާ ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފަ އެވެ.
ހީނާ ވިދާޅުވީ އޭނާ އަށް އަމާޒުކޮށް، ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ފަތުރަމުން ދަނީ އަންހެނަކަށް ވީތީކަމަށާއި، އެގޮތުން އެންސްޕާ ހިންގާނެ ތަނެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އޭނާ އަށް ކުރިމަތިވި ފާޑުކިޔުންތައް ފާހަގަކުރެއްވިއެވެ. ހީނާ ވިދާޅުވި ގޮތުގައި އެންސްޕާ ހިންގާނެ ތަނެއް ފިނޭންސް މިނިސްޓްރީން ހޯދަން އިއުލާންކުރީ އެ އޮންނަ އުސޫލުގެ ތެރެއިންނެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ބިޑަށް ބޭނުން ކޮންމެ ބަޔަކަށް ކުރިމަތިލެވޭ ގޮތަށް ހާމަކަން ބޮޑުކޮށްކަމަށް ވިދާޅުވިއެވެ. އެ ބިޑު ކާމިޔާބުކުރި ފަރާތުން އެދިގެން އެ ބިޑު ބާތިލުކޮށް، ޓާމިނޭޓްކުރީކަމަށާއި، ދައުލަތަށް އެންމެ ލޯ ލާރިއެއްވެސް ގެއްލިފައިނުވާކަމަށް ހީނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް އޭނާއަކީ އަންހެނަކަށްވީތީ އެތައް ފާޑުކިޔުމެއް ކިޔާ، ނާޅުވާ އިލްޒާމެއް ނެތްކަމަށް ފާހަގަކުރެއްވިއެވެ.
ހީނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފްގެ ބައްދަލުވުމެއްގައި އޭނާއާ ގުޅުވައި ދެެއްކި ވާހަކަތަކަކަށްވެސް ރައްދު ދެއްވައިފައެވެ. އެއީ އާއިލާ އާއި ދަރިން ދޫކޮށް، މަގުތަކަށް ނިކުމެ، ޔާމީން މިނިވަން ކުރުމަށް ކުރެއްވި ބުރަ މަސައްކަތާއި ގުރުބާނީގެ އަގު ވަޒަންކުރާ ގޮތްތޯ ހީނާ ސުވާލު އުފެއްދިއެވެ.
ނަފްސާނީ ގޮތުން އޭނާ ބަލިކަށިކޮށްލުމަށް ދޮގު ވާހަކަތަކެއް ދެއްކިދާނެކަމަށާއި، އެހެން ނަމަވެސް އަޒުމު ގުޑުވާނުލެވޭނެ ކަމަށާއި މަސައްކަތުން ފަސްޖެހިވަޑައިނުގަންނަވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ހީނާ ވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހިންގެވުމަށް ތައުރީފު ކުރައްވާފައެވެ. ރައީސް މުއިއްޒުގެ ޒައާމަތަކީ ދިވެހިން އެދިއެދި ތިބި އޯގާތެރި، ހިތްތިރި، ނިޔަނެތި، އޯގާތެރި ޒައާމަތެއް ކަން އެތަަނަށް އެއްވެ ތިބި ހުރިހާ ފަރާތްތަކެއްގެ މޫނުމަތިން ފެންނަމުންދާކަމަށް ވިދާޅުވިއެވެ. ހީނާ ވިދާޅުވީ، އޯގާތެރިކަމުގައި މިދިޔަ ދެ އަހަރު އޮތީ މިކަހަލަ އެތައް ހާސް ވާހަކައެއްކަމަށެވެ. އަަންހެނުންގެ ސިއްހަތާއި ގުޅުން ހުރި ކަންކަމާއި، އަންހެނުން ބާރުވެރި ކުރުވުމަށް މިފަދަ އެތައް ކަމެއް ހިނގަމުންދާކަމަށްވެސް ފާހަގަކުރެއްވިއެވެ.

