ރައީސް މައުމޫނުގެ ”ރަން ތިރީސް“ އަހަރަށް ނުދާވަރުގެ ހަރަދެއް، 2026 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ބަޖެޓު ބަހުސްގައި ޒިޔާދު ފާހަގަކުރެއްވި ގޮތުގައުގައި، 2026 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 64 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވިދާޅުވަމުން ގެންދަވަނީ މި އަދަދު 56 ބިލިއަން ރުފިޔާއަށްވުރެ ކުޑަވާނެކަމަށެވެ.
ޒިޔާދު ވިދާޅުވީ 64 ބިލިއަން ރުފިޔާއާއި 56 ބިލިއަން ރުފިޔާއާ ދެމެދު ފެންނަ ތަފާތަކީ ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކަނޑާލުމުން އަންނަ ތަފާތު ކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ލޯނު އަދާކުރުމަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި އަދަދު ބަޖެޓުން އުނިކުރުމުން ބަޖެޓުގެ ހަގީގީ އަދަދު ކުޑަވާނެކަމަށް ސަރުކާރުންނާއި މަޖިލީހުގެ މެންބަރުން ވިދާޅުވަމުން ގެންދަވާކަމަށް ފާހަގަކުރެއްވިއެވެ.
ޒިޔާދު ފާހަގަކުރެއްވި ގޮތުގައި، ބަޖެޓުގެ ތެރެއިން 40 ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއް ކަނޑައަޅާފައިވަނީ ރިކަރަންޓް ޚަރަދުތަކަށް ކަމަށާއި، މި އަދަދުވެސް ބަޖެޓުން އުނިކުރުމުން މާ ރަނގަޅުވާނެ އެވެ.
މީގެއިތުރުން ޒިޔާދު ވިދާޅުވީ ބަޖެޓަކީ އަރަންޏާއި ދަރަންޏާއި، އާމްދަނީއާއި ޚަރަދު އެކުލެވޭ ޖުމްލަ ކޮންސެޕްޓެއް ކަމަށެވެ. 2026 ވަނަ އަހަރަށް ހުށަހެޅިފައިވާ 64 ބިލިއަން ރުފިޔާގެ ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ހުށަހެޅުނު އެންމެ ބޮޑު ބަޖެޓުކަމުގައި ޒިޔާދު ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް މައުމޫނުގެ ”ރަން ތިރީސް“ އަހަރުގެ މުޅި ދައުރުރުގައި ވެސް ނުކުރެވޭވަރުގެ ޚަރަދެއް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަމަށް ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ސަރުކާރުން ބަޖެޓުގެ އަދަދު ކުޑަކަމުގެ ވާހަކަ ދައްކަވަމުން ގެންދަވާއިރު، މި ބަޖެޓުން ރައްޔިތުންނާ ހަމައަށް އަލަށް ލިބިގެންދާނީ ކޮން ހިދުމަތްތަކެއްކަން ސުވާލު އުފެދޭކަމަށެވެ.

