ވެރިކަމުގައި ތިބޭ ފަރާތްތައް ގޯސް ކުރުމަށް ދެކޮޅު ނުޖެހޭ ވާހަކަދެއްކުމަކީ ނާތަހުޒީބު އަމަލެއްކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުގައެވެ. އިންޓަވިއުގެ ތެރެއިން ނައިބު ރައީސްއާއި ކުރެއްވި ސުވާލުގައި، އިދިކޮޅު އަމާޒުކުރާ ފާޑުކިޔުންތައް ފާހަގަކޮށް ސަރުކާރުން ރަށްތަކަށް ކުރައްވާ ދަތުރުތަކަކީ އެންމެ އެކަށީގެންވާ ގޮތެއްގައި، ރައޔްިތުންނަށް ވަގުތު ދެވި، މަޝްވަރާ ކުރެވޭނެ ގޮތަށް އިންތިޒާމް ކުރެވިގެން ކުރައްވާ ދަތުރުތަކެއްތޯ ފާހަގަކުރެވުނެވެ.
ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމަށް މީހަކު އިންތިހާބުކޮށް، ބާރުތަކެއް ދެއްވަނީ ހުދު ރައްޔިތުންކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ހޮވާ މަންދޫބުންނަކީވެސް ހަމަ އެފަދަ ބައެއްކަމަށާއި، މެންބަރުން އިންތިހާބު ކުރަނީ ކޮންމެ ރައްޔިތަކަށް ގޮސް އެތަނުގައި ވަކާލާތުކުރުމުގެ ފުރުސަތު ނުދެވޭނެތީކަމަށް ވިދާޅުވިއެވެ.
ކިހިނެއްތޯ ހުރިހާ ރައްޔިތުން އައިސް، ރައްޔިތުންގެ މަޖިލީސް ތެރޭގައި އެބޭފުޅަކު ބޭނުންވާ ހިޔާލު ވަކި ވަކިން ދެއްވޭނީ. އެހެންވީމާ، ނިޒާމެއް ކަނޑައެޅިފައި މި އޮންނަނީ.
ނައިބު ރައީސް ވިދާޅުވިއެވެ.
ވަކި ނިޒާމެއްގެ ތެރެއިން ކަންކަން އިންތިޒާމު ކުރެވިގެން ގޮސް، ރައްޔިތުން ތަމްސީލު ކުރުމަށްޓަކައި ރަށްތަކުގައި ކައުންސިލްތަކެއް އެކުލަވާލާފައިވަނީ ރައްޔިތުންގެ އަޑު ސަރުކާރާއި ހަމައަށް ގެނެސްދިނުމަށްޓަކައިކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ރައްޔިތުންގެ ހިޔާލާ މަޝްވަރާ އެ ކައުސިލެއްގެ ފަރާތުން ރައީސްއަށް އަރުވާނެކަމަށެވެ. ރަށްތަކަށް ވަޑައިގެން ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީތަކާއި ރައީސް ބައްދަލުކުރައްވާ ސަބަބަކީ މިއީކަމަށް ވިދާޅުވިއެވެ.
އެބޭފުޅުން ދެއްވާ ހިޔާލުތަކަކީ ރައްޔިތުންގެ މަޝްވަރާތައްކަމަށް ފާހަގަކުރެއްވިއެވެ. ރައީސްއާއި އެބޭފުޅުން ދައްކަވަނީ އަމިއްލަ ވާހަކަތަކެއް ނޫންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ފާހަގަކުރެއްވީ ދެކޮޅު ޖެހޭ ވާހަކަތައް ދެއްކެވުމުގެ މުހިންމުކަމެވެ. މިއީ ޑޮމޮކްރަސީގެ ތެރެއިން އުފެދިގެން އައިސްފައިވާ ނިޒާމުތަކެއްކަމަށާއި، މިފަދަ ގޮތަކަށް މި ވާހަކަތައް ދައްކަވާ ބޭފުޅުންނަކީ އެންމެ ބޮޑަށް ޑިމޮކްރަސީގެ ވާހަކަ ދައްކަވާ ބޭފުޅުންކަމަށް ވިދާޅުވިއެވެ.
ތިމާ މެންނަށް ވެރިކަން ގެއްލުމުން، ވެރިކަމުގައި ތިބޭ ފަރާތްތައް ގޯސް ކުރުމަށް މިކަހަލަ ވާހަކަތައް ދެއްކުމަކީ ނާތަހުޒީބު އަމަލުތަކެއްގެ ގޮތުގައި ނައިބު ރައީސް ވަނީ ސިފަކުރައްވާފައެވެ. މިއީ މުޖުތަމައު ބަލައިގަންނަނާނެކަމެއްވެސް ނޫންކަމަށް ވިދާޅުވިއެވެ.
ނިޒާމުުގެ ތެރެއިން ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި، އިސް ރަށްވެހިންނާއި، ޖަމިއްޔާ ޖަމާއަތްތައް އެކުލަވާލާފައިވަނީ ރައްޔިތުންގެ ކަންކަން ހަމަޖެހޭ އުސޫލަކާއި، އިންތިޒާމުތަކެއްގެ ތެރެއިން ސަރުކާރާއި ހަމައަށް ގެނައުމަށްކަމަށް ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ، މިއާއިއެކުގައި ވަކި ވަކި ފަރުދުންގެ އެދުންތަކަށްވެސް ސަރުކާރުން އިޖާބަދެއްވާ މަސައްކަތް ކުރަމުންދާކަމަށެވެ.

