ކުރީގެ ރައީސުން ލުއި ގޮތް އިހުތިޔާރު ކުރި ނަމަވެސް މި ސަރުކާރުން އިސްކުރާނީ ރައްޔިތުންގެ މަސްލަހަތުކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުގައި، ގައުމުގެ އިގްތިސާދާއި އަދި ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން ސަރުކާރަށް ބޮޑެތި ގޮން ޖެހުންތަކެއް އޮއްވާވެސް ސަރުކާރުން އިސްކަންދިނީ، ރައްޔިތުންނަށް ނަފާވެރިކަން ހޯދައިދެވޭނެހެން ހުރި ފުރުސަތުތައް ދެނެގަތުމަށްކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަކް ހުޅުއްވައިދެއްވުމަކީވެސް މި މަގުން ކޮށްދެއްވި މަސައްކަތެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މިއީ ރާއްޖެއަށް ރަނގަޅު އިންކަމްއެއް ޖަނަރޭޓުކުރުމުގެ މަގްސަދުގައި ކުރި މަސައްކަތެއްކަމަށާއި، ހުރި އެކިއެކި ދަތިތަކާއިއެކުވެސް ސަރުކާރުން މި މަސައްކަތް ކޮށްފައިވަނީ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްކަމަށް ފާހަގަކުރެއްވިއެވެ. އަދި ތަރައްގީ ނުކުރެވި ހުރި ބައިވަރު ރިސޯޓުތައް ހުރިކަމަށްވާތީ، އެތަންތަނަށް ހާއްސަކޮށްވެސް ގިނަ މަސައްކަތްތަކެއްކޮށް ތަރައްގީކުރަމުންދާކަމަށް ވިދާޅުވިއެވެ. އެ ރަށްތަކަށް އިތުރު އިނާޔަތްކާއި ލުއިތައް ދެއްވައިގެން، ހިންގަން ފެއްޓެވުމަށްޓަކައި ކުރަމުުންދާ މަސައްކަތްވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މިގޮތުން މަސައްކަތްތަކެއްކޮށްފައިވާ ބައިވަރު ރަށްތަކެއް ހުޅުވާފައިވާކަމަށައި، އިތުރު ރަށްތައް ހުޅުވުމަށްޓަކައިވެސް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
އޭގެ ސަބަބުން ދިވެހި އިގްތިސާދަށް މި ފައިދަވަނީ އިނގޭތޯ! އޭގެ އިތުރުން ކުރީގެ ރައީސުން ލުއި ގޮތް އިހުތިޔާރުކުރުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިފައި އޮތީ، އެހެން ނަމަވެސް އެމަނިކުފާނު ބެއްލެވީ އާންމު ދިވެހި ރައްޔިތުނަށް އެންމެ މަސްލަހަތު ހުރި ގޮތް، އެންމެ ރަނގަޅު ގޮތް އިހުތިޔާރުކުރީ، ބޭރު ފައިސާ ދިވެހި ރާއްޖޭގައި ހިފެހެއްޓުމަށްޓަކައި، ބޮޑެތި ނިންމެވުންތައް ނިންމެވީ.
ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ކުރީގެ ރައީސުން ލުއި ގޮތް އިހުތިޔާރު ކުރެއްވުމަށްޓަކައި ނިންމެވުންތައް ނިންމަވާފައި ހުރި ނަމަވެސް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މަސައްކަތް ކުރެއްވީ ރައްޔިތުންގެ މަސްލަހަތު އިސްކުރެވޭތޯއެެވެ. އެގޮތުން ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށްޓަކައި ބޮޑެތި ނިންމެވުންތައް ނިންމެވިކަމަށްވެސް ވިދާޅުވިއެވެ. އެއާއިއެކު ޑޮލަރު ލިބުމުގައި ރައްޔިތުންނަށް ހުރި ލިމިޓް ކުރުންތައް އުވިގެން ގޮސްފައިވާކަމަށް ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ، އިގްތިސާދު ހަމައަކަށް އެޅޭ ވަރަކަށް ލިމިޓްދާނީ އިތުރުވަމުންކަމަށެވެ.
އިޖުތިމާއީ ރޮގުންވެސް ހަމައަކަށް އެޅުވުމަށް މަސައްކަތް ފެއްޓެވި ކަންކަން ފަހަރަކުކަމެއް ތަރުތީބުން ފުރިހަމަކުރަމުން އަންނަކަމަށް ނައިބު ރައީސް ވިދާވިއެވެ. އަދި ފާހަގަކުރެއްވީ މަސްވެރިންނަށްވީ ވައުދުތައްވެސް ފުއްދަމުން އަންނަކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބާއި ދިމާކޮށް އެމްޑީޕީއިން މަހުގެ އަގު ބޮޑުކޮށްފައިވަނީ އެއްވެސް ހަމައެއް ނެތިކަމަށް ފާހަގަކޮށް ނައިބު ރައިސް ވިދާޅުވީ، މި ސަރުކާރުން އިގްތިސާދު ހަމައަކަށް އެޅޭވަރަކުން ރައްޔިތުންނަށް މަންފާކުރާނެހެން މަހުގެ އަގުގެ ކަންކަންވެސް ބަދަލުކުރައްވާނެކަމަށެވެ. އަދި މިހާރު މަހަށްވާ އަގު ބަރާބަރަށް ސަރުކާރުން މަސައްވެރިންނަށް ދޫކުރަމުން އަންނަކަމަށް ފާހަގަކުރެއްވިއެވެ.

