އެންމެ ހާއްސަ އިސްކަމެއް ދެނީ ރައްޔިތުންނަށް، އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރުކުރުމަށް ކަމަށް މާލެ ވޯޓާ އެންޑު ސިއުވެރަޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
މަތީން މިހެން ވިދާޅުވީ، ”ސަންގުޓީވީ“އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. އޭނާ ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ ހިންގުމާއި މަސައްކަތްތައް ކުރިއަށް ގެންދަނީ ބިޒްނަސް ޕްލޭނެއްގެ ދަށުން، އެ ޕްލޭންގެ މައްޗަށް ބަޖެޓެއް ހަދައިގެން ކަމަށެވެ. އަދި އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ޔަގީންކަން އިތުރުކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީ ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރާއި ހަވާލުވެވަޑައިގެންނެވިއިރު، ސަރުކާރު އޮތީ ވަރަށް ބޮޑު ދަރަންޏެއްގެ ތެރޭގައި ކަމަށާއި، އެ ދަރަނީގެ އަސަރު ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ކޮށްފައިވާކަމަށެވެ. މި ހާލަތުގައި، ރައީސް ޑރ. މުއިއްޒު ސަރުކާރުގެ ހިންގުމާއި ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ އިރުޝާދެއްގެ ގޮތުގައި ދެއްވީ ހަރަދު ކުޑަ ކުރުމަށް ކަމަށް މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވި ގޮތުގައި ރައީސްގެ އިރުޝާދާ އެއްގޮތަށް، އެމްޑަބްލިއުއެސްސީން ހަރަދުތައް ކުޑަކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި، ކޮންމެހެން ކުރަން ނުޖެހޭ ބައެއް ކަންތައްތައް މަޑުޖައްސާލުމާއި، ބޭރު ގައުމުތަކަށް ކުރާ ދަތުރުތައް ހުއްޓާލުމާއި، ބާއްވަން ޖެހޭ އިވެންޓުތައް މަދުކުރުން ހިމެނެއެވެ.
މީގެ އިތުރުން، އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ހިދުމަތްތަކަށް ބުރުނާރުވާ އަދި މުވައްޒަފުންނަށް ލިބެންޖެހޭ އުޖޫރައަށް އުނިކަމެއް ނާންނަ އުސޫލަކުން އެހެނިހެން ހަރަދު ކުޑަކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައެވެ. މިގޮތުން، ހިދުމަތްތަކަށް ބޭނުންވާ ތަކެތި ގަތުމަށްޓަކައި ކޮމްޕެޓިޓިވް މާކެޓްތައް ހިޔާރުކުރުމާއި، ޓްރާންސްޕޭރެންސީއާއި އެކައުންޓަބިލިޓީ އިތުރުކުރުން ހިމެނެއެވެ.
މަތީން ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް އެމްޑަބްލިއުއެސްސީގެ ހިންގުމަށް އެކުލަވާލުމަށްފަހު، ފާހަގަކޮށްލެވޭ ނަތީޖާތައް ނެރެވުނު ކަމަށެވެ. އެގޮތުން، 2023 ވަނަ އަހަރުގެ އެމްޑަބްލިއުއެސްސީގެ ހިންގުމުގެ ހަރަދާއި، 2024 ވަނަ އަހަރުގެ ހިންގުމުގެ ހަރަދާއި އަޅާބަލާއިރު، 2024 ވަނަ އަހަރުގެ ހިންގުމުގެ ހަރަދު 160އެއްހާ މިލިއަނ ރުފިޔާ ކުޑަކުރެވުނު ކަމަށެވެ. އޭނާ ފާހަގަކުރެއްވީ، މިއީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ އެއްބާރުލުމާއި މަސައްކަތާއި އެކީގަ ނެރެވުނު ނަތީޖާއެއް ކަމަށާއި، ކުންފުނީގެ ކާމިޔާބީގެ ސިއްރަކީ މުވައްޒަފުން ކަމަށެވެ.
މަތީން ވިދާޅުވީ، ކުންފުންޏަށް ބޭނުންވާ އެހީތެރިކަމާއި، ކުންފުނިން ކުރާ މަސައްކަތްތަކުގައި، ލަފަޔާއި އިރުޝާދު ރައީސް ޑރ. މުހައްމަދުގެ އަރިހުން ލިބުނު ކަމަށެވެ. އަދި ދަރަނި ބޮޑު މި ހާލަތުގައި، ހަރަދު ކުޑަކޮށްގެން ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވިއެވެ. ނަމަވެސް، އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ޔަގީންކަން އިތުރުކުރުމަށް ކަމަށާއި، އެގޮތުން މާލޭ ސަރަހައްދުގައި ހިދުމަތް ވަރަށް ބޮޑަށް އިތުރުކުރެވިފައިވާ ކަމަށާއި، ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

