ދައުލަތުގެ ބެލުމުގެ ދަށުގައިވާ 101 ކުއްޖަކަށް އާއިލާތައް މިހާރު ހޯދައިދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޜ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަޅާނުލެވި ތިބި ކުޑަކުދިންނާއި މެދުގައިވެސް ހާއްސަ ސިޔާސަތުތަކެއް ކަނޑައަޅައިފައިވާނެ ކަމަށެވެ. ކޮންމެ ކުއްޖަކަށް އާއިލާއެއް، ސިޔާސަތުގެ ތެރެއިން ފެށި ޕްރޮގްރާމް ވަރަށް ކާމިބުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރަކީ އޯގާތެރި އަޅާލާ ސަރުކާރެއް ކަމަށެވެ.
ރައީސް ވިދާޅުވީ މި މުޖުތަމައުގެ ތެރޭގައި ކުޑަކުދިންނަށް އަޅާނުލާ، އެކުދިންނަށް އަނިޔާކޮށް ނުވަތަ އެކުދިންނާއި މެދު ބަހައްޓަންޖެހޭ ގާތްކަން ނުބަހައްޓާ ހުރި އަޑުއަހަން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ އެކަން ނައްތާލެވޭނީ އެންމެން ގުޅިގެން ކަމަށެވެ. އެހެންނަމަވެސް އެކަން ކުރުމުގައި ސަރުކާރުން ދޭންޖެހޭ އެންމެ އިސްކަމެއް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުޖުތަމައުގައިވާ މައްސަލަތަކަކީ އޭގެ ހަގީގީ ރޫޓް ކޯޒްއަށް ގޮސްގެން މެނުވީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ސަރުކާރުން ބޭނުންވަނީ އެފަދަ މަސައްކަތްތައް ކުރަން ކަމަށެއވެ.

