ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް 2.0 ވެގެންދާނީ މުސްތަޤުބަލުގައި ދިވެހިރާއްޖޭގެ ތާރީޚު، ބަދަލުކޮށްލާނެ މަސައްކަތަކަށް: ރައީސް

ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް، ޑިޖިޓަލް އައު ޒަމާނަކަށް ދިވެހިރާއްޖެ ވާސިލްކޮށްދިނުމަށް ހިންގަންފަށާފައިވާ ”މޯލްޑިވްސް 2.0“ މަޝްރޫޢަކީ، ދިވެހިރާއްޖޭގެ މުސްތަޤުބަލުގެ ތާރީޚު ބަދަލުކޮށްލާނެ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި، ޒުވާނުންގެ މަރުކަޒުގައި މިރޭ އޮތް ”ރައްޔިތުންނާއެކު ކުރިއަށް- ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު“ގައި، ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި މަޝްރޫޢަކީ ރައީސްގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާޙްކުރައްވާފައިވާ ޕްރޮގްރާމެކެވެ.

ރައީސްގެ ޚާއްޞަ އިސްނެންގެވުމާއެކު، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ މޯލްޑިވްސް 2.0 މަޝްރޫޢުގެ ދަށުން ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ. ރައީސްގެ ވާހަކަފުޅުގައި އެކަން ފާހަގަކުރެއްވިއެވެ. އެންސްޕާގެ ބައެއް ޚިދުމަތްތައްވެސް މި ވިއުގައިން މިހާރު ދޭން ފަށާފައިވާއިރު، މުޅި ޞިއްޙީ ދާއިރާއަށް މިކަން ތަޢާރަފުވުމާއެކު ހުރިހާ ރައްޔިތުންނަށް އެކަމުގެ އަސަރު ނުވަތަ ފައިދާކުރާނެކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

މިފަދަ ބަދަލުތައް ބަލައިގަތުމަށް ފަސްޖެހެވޭ ގޮތް ވުމަކީ އިންސާނީ ޠަބީޢަތްކަމަށާ، ނަމަވެސް ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރަމުންދާނީ ’ޑިޖިޓަލް ފަސްޓް ނޭޝަން‘ އެއްގެ ގޮތުގައި ޤައުމު ބިނާކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައިވެސް މިކަމަށް ޚާއްޞަ އިސްކަމެއްދެއްވާފައި ވާނޭކަމަށާ، 2026 ވަނަ އަހަރުގެ އެންމެ ނަތީޖާ ރަނގަޅު އެއް ވާހަކައަށްވެސް މިކަންވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އިޚްލާޞްތެރިކަމާއެކު ކަންކަންކުރަނީނަމަ، މައްސަލައިގެ މުލާ ހިސާބަށް ރިޢާޔަތްކުރަންޖެހޭނެކަމަށާ، މޯލްޑިވްސް 2.0 އަކީ، ކޮރަޕްޝަންގެ ނުބައި ޢަމަލަށް އެޅޭނެ ބޮޑު ހުރަހެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، އެކަމުގެ ހެޔޮ ނަތީޖާ، ޑިޖިޓަލް އިޤްތިޞާދުން ފެނިގެންދާނެކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް ވަނީ، 2040 ވަނަ އަހަރު އަންނައިރު، ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނުމަށް އެމަނިކުފާނުގެ ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

ރައްޔިތުންގެ ގާތަށް ވަޑައިގެން، އެ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމެއްވުމުގެ ނަތީޖާއަކަށް ވާނީ، ރައްޔިތުން އެދޭ ގޮތަށް ޤައުމު ތަރައްޤީވެގެން ދިއުން ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ގާތުން ކަންކަން އޮޅުންފިލުއްވައިގެން، ސަރުކާރުން ކަންތައްތަކެއް ކުރުމަށް ގަސްތުކުރައްވާކަމަށާ، އެހެންކަމުން، އެކަންކަމަށް މަގުފަހިކުރެއްވުމަށްޓަކައި ރައްޔިތުންގެ ގާތަށް ވަޑައިގަތުމަށް ގަސްތުކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

ކަންމިހެން އޮތްއިރު، މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރައްވާފައިވާކަމަށާ، ނަމަވެސް، މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ އެފަދަ މޭރުމަކުން ބައްދަލުކުރެއްވިފައިނުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މާލެއަކީ ގިނަ ޢަދަދެއްގެ ރައްޔިތުން ވަޒަންވެރިވެގެން ދިރިއުޅޭ ތަނަކަށް ވާއިރު، މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން، ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުކުރެއްވުންތައް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މި މަޝްވަރާތައް ކުރިއަށްގެންދަވާނީ، ވިލިމާލެ، ހުޅުމާލޭގެ 2 ފިޔަވަހި އަދި މާލޭގެ 4 އަވަށްވެސް ވަކިވަކީން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިޔަފާރިވެރީންނާއެކުގައިވެސް ބައްދަލުވުންތަކެއް ކުރިއަށްގެންދަވާނެކަމުގެ ޚަބަރު، ރައީސް ވަނީ ހިއްސާކުރައްވާފައެވެ.

ސަރުކާރުން ކަންކަން ކުރައްވަނީ ރޭވުންތެރިކަމާއެކު، ދެމެހެއްޓެނިވި ތަރައްޤީ ހާޞިލުކުރެއްވުމަށްކަން ފާހަގަކުރައްވަމުން ފަހުކަމެއްގެ ގޮތުގައި ރައީސް ވަނީ، 20 އަހަރުގެ ނޭޝަނަލް ޑިވަލޮޕްމަންޓް ޕްލޭންގެ ވަޢުދުފުޅު ހިއްސާކުރައްވާފައެވެ. ކޮންމެ ކަމެއްވެސް ކުރައްވަނީ މަޝްވަރާގެ ތެރެއިންކަމަށާ، އެގޮތުން މި ޕްލޭން އެކުލަވާލުމަށް މިހާތަނަށް ކުރިއަށްގެންދެވި މަޝްވަރާތަކުގެ ތަފާސްހިސާބުތައް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަޒަންކުރައްވާ މީޒާނަކީ ނަތީޖާކަމުގައި ތަކުރާރުކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: