ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ވަނީ ރިކޯޑު އަދަދަކަށް ބިން ހިއްކުމުގެ ޗެމްޕިއަންކަން ހޯދާފައިކަމަށް ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް ވިދާޅުވެއްޖެއެވެ.
2026 ވަނަ އަހަރަށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓު ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން އަސަދުﷲ ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެނައީ ވާދަވެރިން ގައުމު ބަނގުރޫޓުވާނެކަމަށް ތައްޔާރަށް ތިއްބާކަމަށެވެ. މިއީ ފުރިހަމަ ބަޖެޓެއްކަމަށް ފާހަގަކޮށް އަސަދުﷲ ވަނީ ރައީސް މުއިއްޒު އަދި މާލީ ވަޒީރު މޫސާ ޒަމީރަށް ޝުކުރު ދަންނަވާފައެވެ.
ބަޖެޓުގެ މަސައްކަތް ކުރިއަށްދާއިރު، ސިވިލް ސާވަންޓުގެ މުސާރަ ބޮޑުކޮށްފައިވާކަމަށާއި، ސަރުކާރުގެ ބުރަ މަސައްކަތުން ރާއްޖެ ތަރައްގީގެ ދުވެލީގައި ދުވަހަކުވެސް ކުރިއަށް ނުދާ މިންވަރަށް ކުރިއަށް ގޮސްފައިވާކަމަށް ފާހަގަކޮށް އަސަދުﷲ ވިދާޅުވީ، އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ތިބީ ރުހިފައިކަމަށެވެ.
ބަޖެޓުގައި މެންބަރު ނިސްބަތްވެވަޑައިގަންނަވާ ދާއިރާ ގެމަނަފުއްޓަށް ހާއްސަކޮށްފައި ހުރި ކަންކަމާއި ގުޅޭ ގޮތުން ވިދާޅުވީ ފާއިތުވީ 9 އަހަރު ހައްލު ނުހޯދުނު ގެމަނަފުށީގެ ނަރުދަމާގެ މަސައްކަތަށް މި ބަޖެޓުން ހައްލު ލިބޭނެކަމަށެވެ.
މި މަސައްކަތް ނިންމުމަށް މިހާރު އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ. އަދި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެކަމަށާއި، އައިސް ޕްލާންޓުގެ މަސައްކަތްވެސް ދާދި އަވަހަށް މި ބަޖެޓުގެ ތެރެއިން ނިމިގެންދާނެކަމަށް މެންބަރު ވިދާޅުވިއެވެ. ގެމަނަފުށީގައި ކުރިން ހިންގަމުން އައި އައިސްޕްލާންޓްވެސް އޮޕަރޭޝަނަށް ގެނައުން ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން 2026 ވަނަ އަހަރުގެ ބަޖެޓުގެ މަސައްކަތް ފައްޓައިގަތީ ދީނަށް ލޯބިކުރާ އަހުލާގު ރަނގަޅު އާބާދީއެއް އޮތް ގެމަނަފުށީގެ ދޭދޫ ސައިޓު މިސްކިތުގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެމަނަފުއްޓަށް ބަނދަރު ކޮށްގެން. 2026 ވަނަ އަހަރުގެ ބަޖެޓުގެ މަސައްކަތް އަޅުގަނޑުމެން މި ފަށައިގަތީ، ކުށް މަދު މުޖުތަމައުއަކަށް އެދި އެދި ތިބި ގެމަނަފުށީގެ ޕޮލިސްޓޭޝަންގެ ބިންގާ އަޅާ، އަދި މަސައްކަތަށް ބޭނުންވާ ސާމާނު ގެމަނަފުއްޓަށް ބަނދަރުކޮށްގެން.
އަސަދުﷲ ވިދާޅުވިއެވެ.
މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަސްމާލެ ހިއްކުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށްކަމަށާއި، މިކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށް އިދިކޮޅުން މަސައްކަތް ކުރި ނަމަވެސް ވޭތުވެދިޔަ 5 އަހަރާއި، އޭގެ ކުރީގެ 5 އަހަރުވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ހިއްކި ބިމުގެ ސައިޒު މާ ކުޑަކަމަށާއި، އޭގެ އެތައް ގުނައަކަށް މި ސަރުކާރުން ވަނީ ބިން ހިއްކާފައިކަމަށް އަސަދުﷲ ވިދާޅުވިއެވެ.
އެގޮތުން އުތުރުތިލަފަޅާއި، ގިރާވަރުފަޅާއި، ތިލަފުއްޓާއި، ގުޅީފަޅާއި އަދި ހުޅުމާލޭގައި މިހާތަނަށް ހިއްކި ބިމުގެ އަދަދަށްވުރެ، ރަސްމާލޭގައި އެކަނި މި ސަރުކާރުން ހިއްކާފައިވާ ބިމުގެ އަދަދު ގިނަވާނެކަމަށް ފާހަގަކުރެއްވިއެވެ. އެ ފާހަގަކުރި ތަންތަނުގައި ހުރި ގޯތިތައްވެސް ފެނުން މައްޗަށް ހިއްލަމުންދަނީ މި ސަރުކާރުންކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ ރިކޯޑު އަދަދަކަށް ބިންކާ، ބިން ހިއްކުމުގެ ޗެމްޕިއަންކަން ހޯދައިގެންކަމަށް އަސަދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރުގެ ދާއިރާގައި ހިމެނޭ ދެއްވަދޫގައި އޮތް ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ބޮޑު ހިލަ މިހާރު ވަނީ ރަށަށް ގެންގޮސްފައިވަކަމަށް މެންބަރު ވިދާޅުވިއެވެ. ފުޓުބޯޅަ ދަނޑުގެ މަސައްކަތްވެސް އޮތީ ޓާފު އެޅުމާއި ހަމައިގައިކަމަށާއި، އަދި ދެއްވަދޫގެ ބަނދަރު ހެދުމުގެ މަސައްކަތްވެސް އަމަލީ ގޮތުން ފެށުމަށް ވާން ޖެހޭ ތައްޔާރީތައްވަމުންދާކަމަށް ފާހަގަކޮށް ދެއްވަދޫގައި ގާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް ވަނީ އަޅާފައިކަމަށް ވިދާޅުވިއެވެ.
ކަނޑުހުޅުދޫއާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން މެންބަރު ވަނީ އެ ރަށުގެ އޭޓީއެމްގެ މަސައްކަތް ނިމިފައިވާކަން ފާހަގަކުރައްވާފައެވެ. އެ ރަށުގައި މަލްޓި ޕާޕަސް ހޯލު ގާއިމްކޮށް، ފުޓުބޯޅަ ދަނޑުވެސް ގާއިމްކޮށް ކުނި މެނޭޖުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންކަމަށް މެންބަރު ވިދާޅުވިއެވެ.
ދާއިރާގެ ތިން ރަށުގައިވެސް ކައުންސިލް އިދާރާ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އަދި ސިއްހީ ހިދުމަތް ވަރުގަދަ ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުން މި ތިން ރަށުގެ ބިން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށާއި، ބަނދަރުގެ މަސައްކަތްވެސް ކުރާނެކަމަށް ފާހަގަކުރެއްވިއެވެ. އަސަދުﷲ ވިދާޅުވީ، ހުވަދޫ އަތޮޅު މަސްވެރިންގެ ހައްގުގައިވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަމަށެވެ. އެގޮތުން ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖު ބޮޑުކުރުން ފާހަގަކުރެއްވިއެވެ.

