އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޙާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ މަސައްކަތްތަކަށް އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
މި އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފައިވާ ވަގުތީ ތާރީޚަކީ 17 ޖަނަވަރީ 2026 އެވެ. އީސީން ބުނެފައިވާ ގޮތުގައި، މި އިންތިހާބުގެ މަސައްކަތްތަކަށް 7000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވެއެވެ.
އިންތިހާބީ މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އީސީގެ ޕޯޓަލް (https://my.elections.gov.mv) މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވެ، އީ-ފާސްގެ މައުލޫމާތު ޕޯޓަލްއަށް ދިނުމަށް ހުއްދަ ދޭންޖެހެއެވެ. ލިޔެކިޔުންތައް ހުށަހަޅަންޖެހޭނީ ޕީޑީއެފް ފައިލްގެ ގޮތުގައެވެ. ހުށަހަޅަންޖެހޭ މުހިންމު ލިޔެކިޔުންތަކުގެ ތެރޭގައި ހާސިލުކޮށްފައިވާ އެންމެ މަތީ ތައުލީމީ ސެޓްފިކެޓްގެ ކޮޕީ، ވަނަވަރު، އަދި ވަޒީފާއެއް އަދާކުރާނަމަ އެކަން އަންގައިދޭ ލިޔުން ހިމެނެއެވެ.
އިންތިހާބީ އޮފިޝަލަކަށް ވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ޝަރުތުތަކެއް އީސީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އުމުރުން 18 އަހަރުވެފައިވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރާ ފަރާތެއް ކަމުގައި ނުވުން ހިމެނެއެވެ. މީގެ އިތުރުން، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުމާއި، ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމަކީ ވެސް މުހިންމު ޝަރުތެކެވެ.
އޮފިޝަލުންނަށް ދެވޭ އުޖޫރައަށް ބަލާއިރު، ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 2900 ރުފިޔާ، އަދި މަރުކަޒުގެ ވެރިޔާގެ އެހީތެރިއަކަށް 2600 ރުފިޔާ ލިބޭނެއެވެ. ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އެހެން އޮފިޝަލުންނަށް 2300 ރުފިޔާ ލިބޭއިރު، ވޯޓު ގުނުމުގައި ހަރަކާތްތެރިވާ އޮފިޝަލަކަށް 1800 ރުފިޔާ ލިބޭނެއެވެ. ރިޒާވް އޮފިޝަލުންނަށް 1000 ރުފިޔާގެ އެލެވަންސް ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، މަސައްކަތްކުރާ ގަޑިއަށް ރިއާޔަތްކޮށް ކެއުމާއި ސައިގެ އެލެވަންސް އަދި އިތުރު ގަޑީގެ އެލެވަންސް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އީސީން ބުނެފައިވަނީ، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ފޯމުގެ ސްޓޭޓަސް އެ ޕޯޓަލް މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އިންތިހާބީ މަސައްކަތްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުމަށް އީސީން އިލްތިމާސްކުރެއެވެ.

