މި އަހަރުގެ ތެރޭގައި ހާސިލްކުރެވުނު މުހިންމު އެއް ކާމިޔާބީއަކީ ކުޅިވަރާއި ބެހޭ ގާނޫނަށް އިސްލާހުތައް ގެނައުމުގެ މަސައްކަތް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ވަކި ޓާގެޓުތަކެއް ކަނޑައަޅައި، އެގޮތުން ޓާގެޓުތަކެއް ކަނޑައަޅައި އެ ޓާގެޓުތައް އެޗީވްކުރަން ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ދެނެގަނެ އެކަންކަން ކުރުމަށްޓަކައި ފްރޭމްވޯކެއް އެކުލަވައިލައި، ފްރޭމްވޯކުގައި ހުރި ކަންކަން ކުރުމަށްޓަކައި ތަފްސީލީ މަސައްކަތްތަކެއް މިހާރު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހަފްތާ 14ގައި ރާއްޖެގެ ކުޅިވަރުގެ މުސްތަގުބަލު އެންމެން ގުޅިގެން ކުރިއަށް ގެންދަން ޖެހޭގޮތް ހާމަކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭރު ލޯންގް ޓާމްްޕޯޓްސް ޑިވެލޮޕްމެންޓްގެ ޕްލޭނެއްގެ ވާހަކަ ދެކެވުނު ކަމަށާއި، އެ ޕާލޭން އެކުލަވާލެވުނީ ކުޅިވަރުގެ ހުރިހާ މުވައްސަސަތަކެއްގެ އެއްބާރުލުމާއި އެފަރާތްތަކުގެ ހިޔާލުތަކާއިއެކުގައި ކަމަށް މިނިސްޓަރ ރާފިއު ވިދާޅުވިއެވެ. އަދި މިކަމަށް ހާއްސަ ބޭރުގެ ކޮންސަލްޓަންޓުންގެ އެހީވެސް އެ ޕްލޭން ހެދުމުގައި ލިބިގެން ދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”އެކަން އަޅުގަނޑުމެންނަށް ކުރެވިގެންދިޔައިރުގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، ރާއްޖޭގެ ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދަން ކޮން ކަންތައްތަކެއްތޯ އަޅުގަނޑުމެންނަށް ކުރަންޖެހެނީ. ކޮންކަމެއްތޯ އަޅުގަނޑުމެންގެ ސިސްޓަމްތެރޭގައި އިތުރަށް އިމްޕްރޫވް ކުރަންހުރީ. އެކަންކަން ކުރާނީ ކޮން ސްޓޭކްހޯލްޑާސްއެއްތޯ. އެކަންކަން އަޅުގަނޑުމެންނަށް އައިޑެންޓިފައި ވެގެންދިޔައީ މިދިޔަ އަހަރު. މިއަހަރު އަޅުގަނޑުމެން ކުރަން ފެށި މަސައްކަތުގައި އެންމެ ބޮޑު އެއް ކަމަކަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އެކަންކަން ކުރުމަށްޓަކައި ގާނޫނީ ގޮތުން ބާރު ލިބިގަންނަން ޖެހޭ ކަންތައްތަކެއް ހުރިކަން“
ރާފިއު ވިދާޅުވީ މިނިސްޓްރީގެ ތެރެއިން އެންމެ މުހިންމު ކަމަކަށް ވެފައި އޮތީ، ކުޅިވަރުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރެވުން ކަމަށެވެ. ކުޅިވަރާއި ބެހޭ ގާނޫނަށް ބަދަލުތައް ގެނައުމަށްޓަކައި، ނުވަތަ އިސްލާހުތަކެއް ގެނައުމަށްޓަކައި ފާއިތުވި ސަރުކާރުންވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ ފަރާތްތަކަށް އެކަން އޮތީ ނުވާގޮތް ވެފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުޅިވަރާއި ބެހޭ ގާނޫނަށް ގެނެވުނު އިސްލާހު މަޖިލީހުން ފާސްކޮށް، ރައީސް އެ ބިލު ތަސްދީގުކުރައްވާފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ގާނުނުގެ ތެރެއިން ކުޅިވަރުގެ ކަންކަން މުޅި ރާއްޖެއަށް ފެތުރިގެންދާނެ ގޮތް ކަނޑައެޅިގެން ދިއުމަކީވެސް މުހިންމު ކާމިޔާބީއެއް ކަމަށެވެ.

