އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް، އއ. މާޅޮސް، މާހިޔާގޭގެ ކޮޓަރިއެއްގައި ނިދާފައި އޮއްވައި، ފުރާނައަށް ގެއްލުން ލިބޭފަދަ ބޮޑެތި ޒަހަމްތަކެއްދީ މަރާލާފައިވާ މައްސަލާއިގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރެއްވި ގޮތުގައި މި ދައުވާތައް ކުރުމަށް ހުށައެޅީ ނޮވެމްބަރު 18 ވަނަ ދުވަހުއެވެ. މި ހާދިސާ ހިނގާފައިވަނީ 13 ޖުލައި 2025 ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
މި މައްސަލައިގައި ދައުވާކުރަނީ ތިން މީހެއްގެ މައްޗަށެވެ. އއ. މާޅޮސް، ފިޔަ، އަޙްމަދު އާޝިދުގެ މައްޗަށް ދަޢުވާކުރަނީ ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. އަދި އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމްއާއި، އއ. މާޅޮސް، ފިނިވާގެ، އަޙްމަދު ފާރިސްގެ މައްޗަށް ދަޢުވާކުރަނީ ހަމަ އެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.
މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ތުހުމަތުކުރެވޭ އެއް ފަރާތް ކަމަށްވާ އަޙްމަދު ފާރިސް، އަބްދުއްރަހްމާން މަރުވި ދުވަހު އޭނާގެ ދަރިއަކަށް ގުޅާފައިވާކަން ފާހަގަކުރެވިފައިވެއެވެ. ފާރިސް ބުނި ގޮތުގައި ގުޅީ ”ގޭދޮށަށް މީހުން އެއްވެފައި އޮތުމުން ވެގެން އުޅޭގޮތް ބެލުމަށް“ ކަމަށެވެ. ނަމަވެސް، އޭނާ ގުޅި ވަގުތަކީ އަބްދުއްރަހްމާން މަރުވިކަން ރަށުގެ ރައްޔިތުންނަށް އެނގުމުގެ މާ ކުރިން ކަމަށް މަޢުލޫމާތު ލިބެއެވެ.
ތުހުމަތުކުރެވޭ ތިން މީހުންނަކީވެސް އެކި ވަޒީފާތަކުގައި އުޅޭ ބައެއް ކަމަށްވާއިރު، ފާރިސް މަސައްކަތްކުރަނީ މަރުހޫމްގެ ގެއާ ކައިރީގައި ހުންނަ ފެނަކަ ބްރާންޗުގައެވެ. މީގެ އިތުރުން މައްސަލައިގެ މައި ދައުވާކުރެވޭ އަޙްމަދު އާޝިދު ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. މި މަރުގެ މައްސަލައިގައި ތިން މީހުން ހައްޔަރުކުރުމާ ގުޅިގެން، މިއީ ސިހުރުގެ މައްސަލައެއްކަމަށް ބުނެ ރަށުގައި ދެކެވޭ ވާހަކަތައް އިތުރުވެފައިވެއެވެ. އެގޮތުން ހައްޔަރުކުރެވުނު މީހުންގެ ތެރެއިން އެކަކަށް ކުރިންވެސް ސިހުރުގެ ތުހުމަތު ކުރެވިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

