ކުރީގެ ޑީއާރްޕީ، ޕީޕީއެމް އަދި ޕީއެންސީން ”ހާވަނީ އެކައްޗެއް“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމުގެ ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ، ސުލްހަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް ހުށަހަޅައިފައިވާ ބިލާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރިއަށްދިޔަ އިބްތިދާއީ ބަހުސްގައެވެ. އޭނާ ވަނީ މި ބިލަށް ތާއިދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
މެމްބަރު އަމީން ވިދާޅުވީ، 2008 އަދި 2006 ގައި ރާއްޖޭގެ ސިޔާސީ މަސައްކަތްތައް ފެށުނުއިރު، އުމުރުން ޅަވުމާއިއެކު، ސިޔާސީ ކުޅި ބަލާ، ސިޔާސީ ގޮތުން ކީއްތޯ ކުރަންވީ އަދި ކިިހިނެއްތޯ ވާން އުޅެނީ، މި ކަންތައްތަކާއި މެދު ވިސްނުނު ކަމަށެވެ. އަދި، އޭރުގަވެސް އަދި އޭގެ ކުރިންވެސް، ރަށްފުށުގައި ރައްޔިތުންގެ ބައްދަލުވުމަށް ކަތީބުން ގޮވާލުމުން، ދުރުދުރުގައި ހުރެ ވާނުވާ ބަލާ، ކީއްތޯ ކުރަނީ ބަލާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަމީން ވިދާޅުވީ، އޭރާއި މިހާރުގެ ތަފާތަކީ، އޭރުގަވެސް ސިޔާސީ ޕާޓީތަކާއި ސިޔާސީ ފިކުރު އޮންނަކަމަށެވެ. އެއީ، ރަށްފުށުގައި 500 ނުވަތަ 100 މީހުން އުޅުނަސް ހިޔާލު ތަފާތުވުންތައް އޮންނަ ކަމަށެވެ. އެހެންނަމަވެސް، އޭރާއި މިހާރުގެ ތަފާތަކީ، ޕާޓީއެއް ރަޖިސްޓަރކޮށްގެން، ޕާޓީއެއްގެ މެމްބަރެއް ކަމަށް ރަޖިސްޓަރކޮށްގެން، މިގޮތަށް، ސިޔާސީ ހަރަކާތްތައް ރަސްމީ ގޮތެއްގައި ނުކުރާކަން ކަމަށް އަމީން ވިދާޅުވިއެވެ.
މެމްބަރު އަމީން ވަނީ އޭނާގެ ސިޔާސީ މަސައްކަތް ފެށުނު ގޮތުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ދިވެހި ދައުލަތުން އޭނާގެ ރަށަށް ލިބެންޖެހޭ ހައްގާއި، އޭނާއަށް ލިބެންޖެހޭ ހައްގުތައް ގެއްލިދާން ފެށުމުން، މުޅި އާއިލާއާއި ދެކޮޅަށް އޭރުގެ ޑީއާރްޕީގެ ފިކުރާ ދެކޮޅަށް ނިކުތީ ކަމަށެވެ. އަމީން ވިދާޅުވީ، ކުރިން ކަތީބުން ކުރާ ކަންކަމާއި، ހިންގާ ގޯސް ކަންތައްތައް ބަލާ، އެ އަމަލުތައް ރަށުގެ ރައްޔިތުން ކަމުނުދާމީހުން، ކޮންމެ މުޖުތަމައެއްގަވެސް އޭރުގަވެސް އުޅެމުންދިޔަ ކަމަށެވެ. އަދި، ކަތީބުންގެ އާރާއި ބާރުގައި، ނިކަމެތި އާންމު ރައްޔިތު މީހާގެ ނުރުހުން ފާޅުކުރުމުން، ފުރައްސާރަކޮށް، ޖެއްސުންކުރުމަކީވެސް ރަށްފުށުގައި ކުރިން ހިންގާ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީން ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ މަސައްކަތަކީ ހަމައެކަނި އެމްޑީޕީން ކުރި ކަމެއް ނޫނެވެ. ”ޕީއެންސީއާއި، ޕީޕީއެމްވެސް ސިޔާސީ މަސައްކަތް ރާޢްޖޭގަކޮށްފަ ހުރީ ތާހިރުކޮށް ނޫން،“ އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކުރިން އޭނާ އަދާކުރެއްވީ މުދައްރިސެއްގެ ވަޒީފާ ކަމަށާއި، އޭރުގައި އޮތް ޑީއާރްޕީގެ ހަރަކާތްތައް ހުރީ، މުދައްރިސެއްގެ މަގާމު އަދާކުރުމަށް ޖެއްސުން ކުރާ ހާލަތުގައި ކަމަށް އަމީން ވިދާޅުވިއެވެ. އަދި، އޭރުގެ ޑީއާރްޕީގެ މަތީ މަގާމުތަކުގައި ހުންނެވީ، މިއަދުވެސް މަތީ މަގާމުތަކުގައި ހުންނެވި ފަރާތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

