މާލޭގެ މަގުތަކަށް ނިކުމެ ކުރި މުޒާހަރާތަކުގެ މަތީން މިއަދު ޕީއެންސީ ހަނދާނެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ޒިޔާދު މިހެން ވިދާޅުވީ، ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ. މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
ބިލަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ އެންމެންވެސް ގަބޫލުކުރަންޖެހޭ އެއްކަމަކީ، ގޯސްކަމެއް ބަޔަކު ނުކުރުމަކީ، އެކަމެއް ރަނގަޅުވާ ސަބަބެއް ނޫން ކަމަށެވެ.
ޒިޔާދު ވިދާޅުވީ ރަނގަޅުކަމެއްގެ ގޮތުގައި ބެލެވޭނީ، މުޒާހަރާއާއި އެއްވެ އުޅުމުގެ މިނިވަންކަން، ތަންމިނަށް ލިބިފައި އޮތުމުން ކަމަށެވެ. އަދި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ރައްޔިތުންނަށް އެ ހައްގު ކަށަވަރުކޮށްދޭނެކަމަށް ވިދާޅުވިކަން ފާހަގަކުރި އެވެ. ޒިޔާދު ވިދާޅުވީ ވެރިކަމުގައި ހުންނަ ކޮންމެ ވެރިއެއް ވެސް ދައްކާ ވާހަކައަކީ އެއީ ކަމަށެވެ.
އެއްވެ އުޅުމުގެ ހައްގު ލިބިފައިވާކަމަށް ސަރުކާރުން ބުނި ނަމަވެސް، މަގުމައްޗަށް ނިކުމެ ހިޔާލުފާޅު ކުރާ މީހުންނާއި ދެކޮޅަށް މައްސަލަ ބަލައި ސަރުކާރުން ދައުވާކޮށްފައިވާކަމަށް ޒިޔާދު ވިދާޅުވި އެވެ. އެގޮތުން ފަލަސްތީނުގެ ހައްގުގައި ނިކުތް ދެ އަންހެނެއްގެ މައްސަލަ ބަލަމުންދާއިރު، މާލޭގެ އިމާރާތެއްގެ މަތީން އަންހެނަކު ވެއްޓުނު މައްސަލައިގައި އިންސާފު ގާއިމު ކުރުމަށް ގޮވާލައި ޒުވާނުން ކުރި އިހުތިޖާޖުގައި ވެސް ދެ މީހެއްގެ މައްސަލަ ބަލަމުންދާކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން އެމްޑީޕީގެ މުޒާހަރާގައި ވެސް ހަތް މީހަކު ހައްޔަރު ކުރިއިރު، އެ މީހުންނަށް ވެސް ދައުވާ ކުރުމުގެ މަރުހަލާތައް ކުރިޔަށް ގެންދިޔަކަމަށް ޒިޔާދު ވަނީ ވިދާޅުވެފަ އެވެ. ޒިޔާދު ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ސަބަބަކީ މިއީ ކަމަށެވެ.
ޒިޔާދު ވާހަކަދައްކަވަމުން ގެންދިޔަ ވަގުތުގައި، މަޖިލީހުގެ ތަޅުން ހޫނުވެ، ސަރުކާރުގެ މެމްބަރުންގެ ބަސްތައް ޒިޔާދުއަށް އަމާޒު ކުރަމުން ދިޔައެވެ. އެކަމަށް ރައްދު ދެއްވައި ޒިޔާދު ވިދާޅުވީ، ސަރުކާރަށް ނިސްބަތްވާ މެމްބަރުން ދައްކާ ވާހަކަތަކަށް ކަންބޮޑުނުވާ ކަމަށެވެ. އެއީ، އެ މެމްބަރުންނަކީ، މާދަމާއަކީ އެ މެމްބަރުން މިއަދު ވަކާލާތު ކުރާ ފަޅިއާއި އިދިކޮޅަށް ވާހަކަދައްކާނެ ދުވަހަކަށް ވާނެތީކަމަށް ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ، މިވަގުތު ވެރިކަމުގައި އޮތް ޕާޓީން، މީގެ 2 އަހަރު ކުރިން، ”އިންޑިއާ އައުޓްއާއި“، ”ޙަރާމް ހުކުމް“ގެ ނަމުގައި ބޮޑެތި މުޒާހަރާތައް މާލޭގެ މަގުތަކުގައި ހިންގިއިރު، އެ ދުވަސްތައް، ގިނަ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ހަންދާން ނެތިއްޖެ ކަމަށެވެ.

