ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ލާމަރުކަޒީ ނިޒާމަށް ގެންނަމުންދާ ބަދަލުތަކަށް ރައްޔިތުން ތާއީދުކުރާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށައަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ގެންދެވިއިރު، މިނިސްޓަރު ވަނީ މަޖިލީހުގެ ތަޅުމުގައި މެންބަރުންނާއިއެކު ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ބަހުސްއާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމީ ރައްޔިތުން ބަލައިގަނެގައިވާ، ރައްޔިތުން ބާރުވެރިކުރުވާ ނިޒާމެއްކަމަށެވެ.
މި ނިޒާމަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކުރުމުގެ ނިޒާމެއް ގާއިމްކުރުމަށް މުހިންމު ނިޒާމެއްކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ބަހުސް ކުރިއަށްދާއިރު، ގަބޫލުކުރަން ޖެހޭ އެންމެ ބޮޑު ހަގީގަތަކީ މި ނިޒާމު ތަންފީޒުކުރާނަމަ ރަށެއްގައި ހިނގާ ހުރިހާކަމެއްގައި ކައުންސިލްތަކުގެ ދޮރުގައި ޓަކި ޖަހަން ޖެހޭކަމަށެވެ.
ލާމަރުކަޒީ ނިޒާމަކީ މުހިންމު ނިޒާމެކޭ ހީވަނީ މި ސަބަބަށްޓަކައިކަމަށް ވިދާޅުވިއެވެ. މީގެ ކުރީގައި ކައުންސިލްތައް ހިންގުމަށް ޖާގަ ނެތްކަމަށާއި، ނަމަވެސް މި ސަރުކާރުން އަންނަނީ އިދާރާތަކަށް ބޭނުންވާ ޖާގަވެސް ހަމަޖައްސަވައިދެއްވަމުން، އާ އިމާރާތްތައް ގާއިމްކޮށް، ތަންތަން މަރާމާތުކޮށް ތަރައްގީކުރަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކައުންސިލުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ފުރިހަމަ މިނިވަންކަމާއިއެކީގައި، ރައްޔިތުންނާއި ބައްދަލުކުރުމުގެ ފުރުސަތު އޮންނާނެ، ޑަބްލިއުޑީސީއަށް މަސައްކަތްކުރުމުގެ ރަނގަޅު މާހައުލެއް ފަހިވެގެންދާނެ.
މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ މަޝްރޫއުތަކާއިއެކު ކައުންސިލަރުންނަށް މިނިވަންކަމާއިއެކު، ރައްޔިތުންނާއި ބައްދަލުވެވޭނެ މަގު ފަހި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށްވެސް މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ލިބިގެންދާނެކަމަށެވެ.
މިއީ މި ނިޒާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި އަންނާނެ ހެޔޮ ބަދަލުތައްކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކައުންސިލްތަކަކީ ރައްޔިތުން އިތުބާރު ކުރާތަނަކަށްވާން ޖެހޭކަމަށެވެ. އަދި ރައްޔިތުންނަށް ކައުންސިލްތައް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް މުހިންމުކަމަށް ވިދާޅުވިއެވެ.
މަޖިލީހުގައި މި ބިލުގެ މަސައްކަތް ކުރައްވާއިރު، މިކަންކަމަށް ރިޔާއަތް ކުރެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވަނީ ރައީސް މުއިއްޒު ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ބައްދަލުކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. ކައުންސިލަތަކަށް ދިމާވާ ދަތިތައްވެސް ރައީސް ވަނީ ބައްލަވާފައިކަމަށާއި، އަދި ރައްޔިތުންނާއި ގާތުން ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ނަމޫނާ އެމަނިކުފާނު ދަނީ ދައްކަވަމުންކަމަށް ވިދާޅުވިއެވެ. އެގޮތުން މަޝްރޫއުތަކަށް ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނައުން ފާހަގަކުރެއްވިއެވެ. ރައްޔިތުން މިކަންކަން ބަލައިގަންނަކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން ކައުންސިލަރުންގެ އަދަދު މަދުރުން ވެގެންދާނީ ވަޒީފާ ގެއްލޭނެ ސަބަބަކަށްވުރެ، ވަޒީފާތައް ކަށަވަރުވެގެންދާނެ ސަބަބަކަށްކަމަށެވެ. ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކަށް ރައްޔިތުން ތާއީދުކުރާކަމަށްވެސް ވިދާޅުވިއެވެ.

