މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން، ރާއްޖޭގައި މިހާރު ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރު ގެޒެޓުގައި ޝާއިއުކޮށްފިއެވެ.
މިއީ ގާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ ދަށުން ކޮމިޝަނަށް ލާޒިމުކުރާ ކަމެކެވެ.
މީޑިއާ ރެގިއުލޭޝަންގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން، ފުރަތަމަ ފަހަރަށް ކޮމިޝަން އެކުލަވާލުމަށްފަހު، 45 ދުވަހުގެ ތެރޭގައި، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރެއް އެކުލަވާލައި، ގެޒެޓުގައި ޝާއިޢުކުރަންވާނެ އެވެ.
އެގޮތުން، އެމްއެމްބީސީއިން ވަނީ މިވަގުތު އެކުލަވާލައިފައިވާ ނޫސް މަޖައްލާގެ ދަފްތަރު، އާންމުކޮށްފަ އެވެ. މި ދަފްތަރަށް ބަލައި، އެއްވެސް ނޫސް މަޖައްލާއެއް ރަޖިސްޓަރީކުރެވިފައި ނެތްނަމަ، 7 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ލިޔުމުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
އެމްއެމްބީސީން އެދިފައި ވަނީ ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން، info@mmbc.gov.mv އަށް އީމެއިލް ކުރުމަށެވެ.
މީގެ އިތުރުން، އިތުރު އެއްވެސް މައުލޫމާތެއް ބޭނުންވާނަމަ 3003995 އަށް ގުޅުމަށް ވެސް ކޮމިޝަނުން ވަނީ އެދިފައެވެ.

