ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތައް ކުރިއެރުވުމަށްޓަކައި މާލޭގައި އަލަށް ތަރައްޤީކުރާ ވަޤްފު ޢިމާރާތްކަމަށްވާ ”ދާރުލްއަރްޤަމް“ގެ ބިންގާ އެޅައިފިއެވެ.
މި މަޝްރޫޢަކީ އިސްލާމީ ޚިދުމަތްތަކަށް މާލީ ވަސީލަތްތައް ހޯދުމަށްޓަކައި ސަރުކާރުން ކުރައްވާ މުހިއްމު މަސައްކަތެކެވެ. މި އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި މަޝްރޫޢު ހިންގުމަށްޓަކައި، އިމާރާތް ކުރުމުގެ މަސައްކަތް ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ވަނީ މިދިޔަ މަހު ހަވާލުކުރެވިފައެވެ. މި މަޝްރޫޢު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
”ދާރުލްއަރްޤަމް“ ޢިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މާލޭގައި ނެޝެނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާ ޖެހިގެން އޮތް ބިމުގައެވެ. މިއީ 12 ފަންގިފިލާއަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ.
ޢިމާރާތުގެ ބޭސްމަންޓާއި ގްރައުންޑް ފްލޯގައި ޕާކިންގގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ. ދެވަނަ ފަންގިފިލީގައި ބޮޑު ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، ދެން ހުރި ފަންގިފިލާތަކުގައި ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތައް، އަދި ނަމާދު ކުރާ ކޮޓަރިތައް ހިމެނޭނެއެވެ. މީގެ އިތުރުން މިއިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއްގެ ގޮތުގައި ޤާއިމްކުރާ ބައެކެވެ.
ޢިމާރާތުގެ ޑިޒައިންގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމްތައް ހިމެނިފައިވުމުގެ އިތުރުން، ލިފްޓުތައްވެސް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިންމުމަށްޓަކައި އާރްސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫޢަށް 39.4 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، ފަންޑު ކުރަނީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭސިންގެ ދަށުންނެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.
މިފަދަ މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ކަންތައްތައް ކުރިއެރުވުމަށްޓަކައި ދާއިމީ އާމްދަނީއެއް އުފެއްދުމެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި އިމާރާތުން ލިބޭ އާމްދަނީން ޚަރަދުކުރެވިގެންދާނީ އިސްލާމީ ޚިދުމަތަށް، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް، މިސްކިތްތަކަށް އަދި ދީނީ ހުރިހާ ކަމެއް ހިމެނޭހެންނެވެ.
”ދާރުލްއަރްޤަމް“ މަޝްރޫޢުން އަހަރަކު 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެއެވެ. މި އާމްދަނީ ބެހުމަށް ހަމަޖެހިފައިވާ ގޮތަކީ، އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމާއި، ބާކީ %80 އިސްލާމިކް ވަޤުފް ފަންޑަށް ޖަމާކުރުމެވެ. މީގެ ސަބަބުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް މާލީ ގޮތުން ބޮޑު ހިތްވަރެއް ލިބި، ދީނީ ޚިދުމަތްތައް ފުޅާކުރުމަށް މަގުފަހިވާނެއެވެ.
ވަޒީރު ޑރ. ޝަހީމް ވަނީ މި މަޝްރޫޢުގެ އިތުރުން، ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ ޕްލޭންތައް ސަރުކާރުން ކުރިއަށް ގެންދަވާކަން ހާމަކުރައްވާފައެވެ. އެގޮތުން، މިމަހުގެ ފަހުކޮޅު ހުޅުމާލޭގައިވެސް ވަޤުފު އިމާރާތެއްގެ ބިންގާ އެޅުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. މިފަދަ މަޝްރޫޢުތައް އަވަސްކޮށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އިރާދަކުރެއްވިޔާ ގިނަވެގެން ދެ އަހަރާއި ބައިގެ ތެރޭގައި މި ހުރިހާ މަޝްރޫޢުތަކެއް ނިމި، މި ޢިމާރާތްތަކުގެ ބޭނުން މި ދައުރުގެ ތެރޭގައި ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށެވެ.

