ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑީވޯން ކެމެރާގެ މުޢާމަލާތް: އޭސީސީން މައްސަލަ ބެލި، ހަތަރު އަހަރަށް ބަހާލައިގެން ފައިސާ ޥެސް ދައްކާ ހަލާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

19 ނޮވެންބަރު 2025 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގައި، ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަޙްމަދު ނާޒިމް، ބޮޑީވޯން ކެމެރާ ހޯދުމުގެ މުޢާމަލާތާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ ޙަޤީޤަތް އޮޅޭ ގޮތަށް މައްސަލައިގެ އަސްލު އޮޅޭ ގޮތަށް ދައްކަވާފައިވާ ވާހަކަތަކެއްކަމަށް ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އިން ބުނެފިއެވެ.

މި މުޢާމަލާތުގައި ހިމެނޭ ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާ ގުޅޭގޮތުން ނާޒިމް ކުރެއްވި ދޮގު ތުހުމަތުތަކުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ކުންފުނީގެ ގާނޫނީ ޓީމުން ވަނީ ބަޔާނެއް ނެރެފައެވެ. މި މުޢާމަލާތް ހިނގާފައިވާ ގޮތާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލަ ބެލިގޮތް އަދި ފުލުހުން ފައިސާ ދެއްކުމުގައި ޢަމަލުކޮށްފައިވާ ގޮތުގެ ތަފްސީލުތައް މި ބަޔާނުގައި ސާފުކޮށްދީފައިވެއެވެ.

ތުހުމަތުތަކުގެ ޙަޤީޤަތް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެފައިވަނީ، ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑު ”ކޮލިފައި“ ނުވާތީ، އެއް ވެރިން ހިމެނޭ ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑަށް މަސައްކަތް ޙަވާލުކުރެވުނު ކަމަށެވެ. އެހެންނަމަވެސް، ޙަޤީޤަތަކީ މިއާ މުޅިން ތަފާތު ގޮތަކަށް ކަން ހިނގާފައިވާ ކަމެވެ. 1400 ބޮޑީވޯން ކެމެރާ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހޯދުމަށް ކުރިއަށް ގެންދެވުނު ޓެންޑަރގައި ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ޓެންޑަރ އެވޯޑުނުކުރުމަށް ނެޝަނަލް ޓެންޑަރ ބޯޑުން މައިގަނޑު ގޮތެއްގައި ނިންމާފައިވަނީ، ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ޓެންޑަރ ކުރިއަށް ގެންދަން އެ ބޯޑަށް ނުފެންނާތީއެވެ. ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ޓެންޑަރ އަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅައި، އެކަން ކުރެވޭނެ މާލީ އަދި ފަންނީ ޤާބިލުކަން ހުރިކަން ސާބިތުކޮށްދީފައިވާނެއެވެ. އަދި އެ ކުންފުނިން އޭރު ހުށަހެޅި ޕްރޮޕޯޒަލަކީވެސް 5 އަހަރުގެ ޕޭމަންޓު ޕްލޭންއަކާ އެކު ދައުލަތަށް މާލީ ގޮތުން ލުއިވާނެ ގޮތަކަށް ހުށަހެޅި ޕްރޮޕޯޒަލެކެވެ. މިއީ އެ ކުންފުނި ކޮލިފައި ނުވާކަމަށް ނާޒިމް ދެއްކެވި ވާހަކައާ މުޅިން ޚިލާފު ކަމެކެވެ.

ޑިސްޓްރިބިއުޓަރޝިޕްގެ މައްސަލަ

ނާޒިމް ފާހަގަކުރެއްވި ގޮތަށް ޕްރޮކިއުމަންޓް މަސައްކަތާއި ކެމެރާގެ ޓްރަޔަލް ޕްރޮސެސް ކުރިއަށް ގެންގޮސްފައިވާ ޓައިމްލައިނާ ހޯދަން ބޭނުންވާ ބްރޭންޑުގެ ބޮޑީ ވޯން ކެމެރާ ފޯރުކޮށްދިނުމުގެ އެކްސްކްލޫޒިވް ރައިޓްސް ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ހޯދާފައިވާ ތާރީޚް ފުށުއަރާކަމަށް ފާހަގަކޮށްފައިވަނީ، އެ ކުންފުނިން ހުށަހަޅާފައިވާ AXON ގެ އެކްސްކްލޫޒިވް އަދި ސޯލް ޑިސްޓްރިބިއުޓަރޝިޕް ލިޔެކިޔުންތައް ރަނގަޅަށް ބެލުމެއްނެތިއެވެ. ގާނޫނީ ޓީމުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަކީ 2019 ވަނަ އަހަރުން ފެށިގެން AXON އާއެކު ދިވެހިރާއްޖޭގައި ސޯލް ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ. އަދި AXON ގެ ދިވެހިރާއްޖޭގެ އެކްސްކްލޫޒިވް ޑިސްޓްރިބިއުޓަރގެ ގޮތުގައި 24 އޮގަސްޓް 2020 ގައި އެ ކުންފުނި ވަނީ ރަސްމީކޮށް އައްޔަންކޮށްފައެވެ. އެހެންކަމުން، އެކްސްކްލޫސިވް ރައިޓްސް ހޯދި ތާރީޚާއި ޓެންޑަރުގެ ޓައިމްލައިން ފުށުއަރާކަމަށް ނާޒިމް ދެއްކެވި ވާހަކައަކީ ބިންގަލެއް ނެތް ވާހަކަތަކެއްކަން ގާނޫނީ ޓީމުގެ ބަޔާނުން ސާފުވެއެވެ.

އޭސީސީގެ ތަޙްޤީޤާއި، ޒެޓާ ޓެކްނޮލޮޖީސްގެ ކާމިޔާބީ

ގާނޫނީ ޓީމުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ބޮޑީވޯން ކެމެރާ ހޯދުމަށް ކުރެވުނު (IUL)13-K/13/2021/207 އިއުލާނާއި، 200 ބޮޑީވޯން ކެމެރާ ހޯދުމަށް ކުރެވުނު 171-12(b)/IUL/2021/361 އިއުލާނުގެ ދަށުން ހުޅުވާލެވުނު ބީލަމަށް ކުރިމަތިލާފައިވަނީ ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުންނެވެ. 200 ބޮޑީވޯން ކެމެރާ ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި އޯޕަން ޓެންޑަރ ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން ކާމިޔާބުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މަސައްކަތް ފުރިހަމަކޮށްފައިވެއެވެ. މި ބީލަން ކުރިއަށް ގެންދިޔުމުގައި އަދި އެވޯޑުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ހިނގާފައިނުވާކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީން) މައްސަލަ ބެލުމަށްފަހު ވަނީ ކަށަވަރުކޮށްދީފައިވާކަމަށް ގާނޫނީ ޓީމުގެ ބަޔާނުގައި ބުނެފައިވެއެވެ. އޭސީސީގެ ތަޙްޤީޤުން މި މުޢާމަލާތަކީ ޤާނޫނާ އެއްގޮތަށް، އިންސާފުވެރިކަމާއެކު ކުރިއަށް ގެންދެވިފައިވާ މުޢާމަލާތެއްކަން ސާބިތުވެފައިވާކަމަށްވެސް ގާނޫނީ ޓީމުގެ ބަޔާނުގައި ބުނެފައިވެއެވެ.

ފައިސާ ދެއްކުމުގެ އިންތިޒާމް

ކުންފުނީގެ ގާނޫނީ ޓީމުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ބޮޑީވޯން ކެމެރާ ހޯދުމުގެ މުޢާމަލާތުގެ ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖައްސާދީފައިވަނީ ދައުލަތަށް މާލީ ގޮތުން ލުއިވާނެ ގޮތަކަށެވެ. އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތަށް އަގު އަދާކުރުމަށް ލުއި ފަސޭހަ ގޮތެއް ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓްލިމިޓެޑްގެ ފަރާތުން ހަމަޖައްސައިދީ، 4 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން އަގު އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާކަމަށް ގާނޫނީ ޓީމުގެ ބަޔާނުގައި ބުނެފައިވެއެވެ. މިގޮތަށް ޕޭމަންޓް ޕްލޭން ހަމަޖެއްސުމަކީ ދައުލަތުގެ ބަޖެޓަށް އެއްފަހަރާ ބޮޑު ބުރައެއް ނާޅުވައި، މިފަދަ މުހިންމު ވަސީލަތެއް ފޯރުކޮށްދިނުމަށް އެޅުނު ފިޔަވަޅެެއްކަމުން މިކަމުން ދޭހަވަނީ، މި މުޢާމަލާތް ކުރިއަށް ގެންގޮސްފައިވަނީ އިޤްތިޞާދީ ގޮތުން ވެސް ވިސްނުންތެރިކަމާއި އެކުގައިކަން ގާނޫނީ ޓީމުގެ ބަޔާނުގައި ބުނެފައިވެއެވެ.

ނައިބު ރައީސް އަޙްމަދު ނާޒިމް ބޮޑީވޯން ކެމެރާގެ މުޢާމަލާތާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު، އަދި ހަޤީޤަތް އޮޅުވާލުމަށްޓަކައި ދެއްކެވި ވާހަކަތަކެއްކަން ގާނޫނީ ޓީމުގެ ބަޔާނުން ސާފުވެއެވެ. ޒެޓާ އެންޓަޕްރައިޒަސް އަކީ ޓެންޑަރގެ ޝަރުޠުތައް ފުރިހަމަކުރި ކުންފުންޏެއްކަމާއި، ޑިސްޓްރިބިއުޓަރޝިޕްގެ މައްސަލައެއް ނެތްކަން ގާނޫނީ ޓީމުގެ ބަޔާނުން ހާމަވެއެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި، މި މުޢާމަލާތުގައި ކޮރަޕްޝަންގެ އުންސުރެއް ނެތްކަން އޭސީސީގެ ތަޙްޤީޤުން ވެސް ކަށަވަރުކޮށްދީފައި ވާކަން ގާނޫނީ ޓީމުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: