20 ވަނަ އަޖިލީހުގައި ތިއްބަވީ އަލަށް ހޮވުނު މެމްބަރުންކަމަށާއި އިލްމީ ބަހުސްތަކަށް ދާން ވަގުތުކޮޅެން ނަގާނެކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުނުއިރު، ސިޔާސަތުތައް ތަންފީޒު ކުރުމުގައި އިސް ދައުރެއް އަދާކުރި އެއްތަނަކީ ރައްޔިތުންގެ މަޖިލީހެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރުމާއި ދިމާކޮށް، ”ސަންގު“ އިން ކުރިޔަށް ގެންދިޔަ ހާއްސަ ކަވަރޭޖުގައި އަބްދުއްރަހީމް ވަނީ މަޖިލީހުގައި ކުރެވުނު މަސައްކަތްތަކަށް ތައުރީފު ކުރައްވާފަ އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާއި އެއްގޮތަށް ހުރިހާ މަސައްކަތެއް ވެސް ދަނީ ކުރިޔަށެވެ. އަދި ވިދާޅުވީ ކޮންމެ މަސައްކަތެއް ވެސް ނިންމަން ވަގުތު ނަގާކަމަށާއި، ކޮމިޓީ މަރުހަލާގައި ބިލުތަކާއި ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް ފުރިހަމަ ކުރާކަމަށެވެ.
މަޖިލީހުގައި މީގެ ކުރިން އޮންނަ، ބަހުސްތަކުގެ ވާދަވެރިކަމާއި އެ ފޯރިއަށް އަލިއަޅުއްވާލައްވައި އަބްދުއްރަހީމް ވިދާޅުވީ އެންމެ ފޯރިގަދަ ދައުރަކަށް ފެނުނީ 16 ވަނަ މަޖިލިސް ކަމަށެވެ. އޭރު ސިޔާސީ ޕާޓީތަކުގެ މެދުގައި އޮތް ވާދަވެރިކަމުގެ ސަބަބުންނާއި އެކު ތަޅުމުގައި ދެކެވޭ ވާހަކައިގައި އެއް މެމްބަރަކު، އަނެއް މެމްބަރަށް ރައްދު ދިނުން ވެސް އޮންނަކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލީހުގައި އިލްމީ ބަހުސް ކުރާ މެމްބަރުން ވެސް ތިއްބަވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ މަޖިލީހުގައި ގިނައީ އަލަށް ހޮވުނު މެމްބަރުން ކަމަށެވެ. އަދި އެބޭފުޅުންގެ މެދުގައި އެ ވާދަވެރިކަމާއި ފޯރިގަދަކޮށް އިލްމީ ބަހުސް ކުރުމަށް ވަގުތު ނަގާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މިހާރު މަޑުމަޑުން ރަނގަޅުވަމުން އާދޭ މިދަންނަވާ ސަބަބަކީ 17 ވަނަ މަޖިލީހަށް ވުރެ 18 ވަނަ މަޖިލިސްގެ ބަހުސްތައް ރަނގަޅު، 19ވަނަ މަޖިލިސް އެއަށްވުރެ ރަނގަޅުވާނެ. ދެން އަދި މި މަޖިލިސް މިހާހިސާބަށް އައިސްފައި ކުރިއަށްދާއިރު އެއަށްވުރެ ރަނގަޅުވާނެ… އަޅުގަނޑުމެންނަށް އަލަށް މި ނިޒާމު އައީ، މިއަދު ނިކުމެ ހޭލުންތެރިވާން ބެލިއިރު އަޅުގަނޑުމެން ހޭލުންތެރި ކުރުވުމަކާއި ނުލާ އައި ނިޒާމެއް މިއީ ކުއްލިއަކަށް
މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ މީގެ ކުރީގައި ސިޔާސީ ވާދަވެރިކަމުގެ ސަބަބުން، އިދިކޮޅަށް ތާއީދު ބޮޑު ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާއަށް ދަތުރު ކުރުމުގައި ވެސް ދަތިތައް ދިމާވާކަމަށެވެ. އެ ރަށްތަކުގައި އިހުތިޖާޖުތައް ކުރުމާއި، ޖަލްސާތައް ކުރާ ސަރަހައްދުތަކަށް ގޮސް އަޑުގަދަކޮށް އެތައްކަމެއް ކުރާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭރާއި މިހާރުގެ ހާލަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް، ވެރިންނަށް އެގޮތަށް އުނދަގޫ ކުރާ މަންޒަރު ނުފެންނަކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ކޮންމެވެސް ވަރެއްގެ އިހުތިޖާޖުތައް ކުރިނަމަވެސް، ވެރިންނަށް ރަށަށް އެރުމުގައި އެހާބޮޑު ދައްޗެއް ދިމާނުވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދާދިފަހުން ކުރެއްވި ދަތުރުފުޅެއްގައި ވެސް ގިނަ ބަޔަކު ނިކުމެ މަރުހަބާކީކަން ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ރަށްރަށުގެ ވެރިން ވެރިންނާއި، ކުރީގެ ވެރިންނަށް ކުރާ އިހުތިރާމެވެ.
މިކަމުން ވެސް އެނގިގެން ދަނީ ރައްޔިތުންގެ މެދުގައި އޮތް ހޭލުންތެރިކަމާއި، ވެރިންނަށް އޮތް ލޯބިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

