ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ދިމާވާ މޫސުމީ ގޮންޖެހުންތައް ބައިނަލްއަޤްވާމީ މުޖުތަމައުގެ ސަމާލުކަމަށް ތަކުރާރުކޮށް ރައީސް ގެންނަވާ: ޚަލީލް

ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތަކުން ދިވެހިރާއްޖެ ރައްކާތެރިކުރުމަށްޓަކައި، ބައިނަލްއަޤްވާމީ މުޖުތަމައުގެ އެހީތެރިކަން ފަސޭހައިން ލިބޭނެ ނިޒާމެއް އޮތުން މުހިންމުކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ޚަލީލް މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް، ސަންގުޓީވީން ކުރިޔަށް ގެންދިޔަ ހާއްސަ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ޚަލީލް ވިދާޅުވީ، މޫސުމީ ދާއިރާތަކުން ރާއްޖެއަށް މިހާރުވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން މޫސުމީ އެކި ބަދަލުތަކުން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަމަށް ރާއްޖެ ގެނައުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޚަލީލް އިތުރަށް ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލޭ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނެސް ބޮޑެތި ބައްދަލުވުންތަކުގައި އެންމެ ފުރަތަމަ އެ ވާހަކަތައް ދައްކަން ފެށި ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ. އެގޮތުން ދުނިޔެ ހޫނުވުން، ކަނޑުގެ ލޮނުގަނޑު އުފުލުން، ނުވަތަ ދިރޭތަކެއްޗަށް ދިމާވާ އެކިއެކި މައްސަލަތަކުގައި ވެސް ރާއްޖެއިން ދަނީ ޗެމްޕިއަން ކުރަމުންކަމަށް ފާހަގަކުރެއްވިއެވެ.

މޫސުމީ އެކި ކަންކަމަށް ރާއްޖެއާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުންނާއި، ގާތް ގުޅުމެއް އޮންނަ ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ

އިންޑިޔާގައި ބޭއްވުނު ”ރައިސީނާ ޑައިލޮގް“ އާއި ގުޅޭގޮތުން ޚަލީލް ވިދާޅުވީ އެ ބައްދަލުވުމުގެ ޕެނަލް ޑިސްކަޝަންއެއްގައި ބައިވެރިވެ، ރާއްޖެފަދަ ކުދި ޤައުމުތަކަށް ފަންޑުތަކަށް އެކްސެސް ވުމުގައި ދަތިތައް ހުރިކަން ބައިނަލްއަގްވާމީ ވަރަށް ބޮޑު އޯޑިއަންސެއްގެ ކުރިމަތީގައި ބަޔާންކޮށްދެއްވި ކަމަށެވެ. ޚާއްސަކޮށް، ދަރަނިތައް ޑެޓް ރިލީފް ވެސް ރާއްޖެފަދަ ގައުމުތަކަށް ލުއިތައް ދޭންޖެހޭކަމަށް ވިދާޅުވި އެވެ.

މި މަސައްކަތުގައި ރާއްޖެއިން ލީޑްކޮށް، ރައީސް މުއިއްޒު ވެސް ވެސް އެކި ބައްދަލުވުންތަކުގައި ރާއްޖެއަށް ދިމާވާ މޫސުމީ ގޮންޖެހުންތަކުގެ ވާހަކަ ތަކުރާރުކޮށް ދައްކަވާކަން ޚަލީލް ފާހަގަކުރެއްވި އެވެ. އެގޮތުން އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށް ބުރުއަރާކަމާއި، އެ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ދިވެހި ސަރުކާރުން އިތުރު ބޮޑެތި ހަރަދުތައް ކުރަންޖެހޭ ކަމަށެވެ.

މިއާއި އެކު އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ އެކު ބޭއްވުނު ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެފަދަ ގައުމުތަކުން 0.001 ނުވަތަ 0.002 ޕަސެންޓް ފަދަ ވަރަށް ކުޑަ ނިސްބަތަކުން ހިއްސާ ކުރާއިރު، އެ ބަދަލުތަކުގެ އެންމެ ބޮޑު ގެއްލުންތައް ލިބޭ ޤައުމުތަކަކީ މިފަދަ ކުދި ޤައުމުތައްކަމަށް ވިދާޅުވެފައިކަން ފާހަގަކުރެއްވި އެވެ.

މިސާލެއް ނަންގަވައި ޚަލީލް ވިދާޅުވީ ”ސޭފް އައިލެންޑް“ ނުވަތަ ރަށްތައް ހިމާޔަތްކުރުމަށް ބޮޑުހިލަ ޖެހުމަކީ މީގެ 30 އަހަރު ކުރިން ދިވެހިންނަށް ނޭނގޭ ކޮންސެޕްޓެއް ނަމަވެސް، މިއަދު ފެންބޮޑުވުމާއި، ރަށް ގިރުމުގެ މައްސަލަތަކާއި، އާދަޔާ ހިލާފަށް ވާރޭވެހުމުގެ ސަބަބުން ރަށްތަކަށް ލިބޭ ގެއްލުންތައް އެއީ ދިވެހިންނަށް އެނގޭ ކަންކަންކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި ފެންބޮޑުވާ ރަށްރަށުގައި ޑްރެއިނޭޖް ސިސްޓަމްތައް ވަރުގަދަކުރުމާއި، ރަށްގިރާ ރަށްރަށުގައި ބޮޑުހިލަ ޖެހުމަކީ މިހާރު ރާއްޖޭގައި ކުރަންޖެހިފައި ހުރި ކަންކަން ކަމުގައިވެސް ވިދާޅުވިއެވެ.

މީގެއިތުރުން ޚަލީލް ވިދާޅުވީ އެންވައިރޮމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަޤުވާމީ ބައްދަލުވުންތަކުގައި
މި ވާހަކަތައް ތަކުރާރުކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި COP29 ގައި، ރާއްޖެފަދަ ނުރައްކާތެރިކަން ކުރިމަތިވެފައިވާ ގައުމުތަކަށް ފަސޭހައިން އެކްސެސް ވެވޭނެ ނިޒާމެއް އޮތުމުގެ މުހިންމުކަމަށް އާ ފަންޑެއް އެކުލަވާލުމަށް ވާހަކަފުޅު ދައްކަވާފައިވާކަމަށް ޚަލީލް ވިދާޅުވިއެވެ.

މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް މުރަކަ ހުދޫދުވުމުގެ ކަންކަމުގައި ބޭރުގެ އެހީތެރިކަން ލިބެމުންދާ ކަމަށް ޚަލީލް ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ އދ. ގެ އެކި ޖަމިއްޔާތަކުންނާއި، ބައިނަލްއަގްވާމީ އެހެންވެސް ބައެއް ޖަމިއްޔާތަކުންނާއި، ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ސްޓްރެޓެޖިކް ބައެއް ޤައުމުތަކުން ފާޅުކަން ބޮޑު ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: