މި ސަރުކާރު ވެރިކަމާ ހަވާލުވީ ފަހުން 24 މީހަކަށް ބޯންމެރޯ ހަދައިދިނުމަށް ޒަކާތު ފަންޑުން އެހީދީފައިވާކަމަށް ޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އާންމު ކުރި ރިޕޯޓު ދައްކާގޮތުގައި ނޮވެންބަރު، 2023އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ބޯންމެރޯއަށް ދިން އެހީގެ މައުލޫމާތުތައް އާންމުކޮށްފައެވެ. އެ މައުލޫމާތުތަކުން އެނގޭ ގޮތުން، މި އަހަރުތެރޭ، އޮކްޓޫބަރުގެ ނިޔަލަށް 10 މީހަކަށް ބޯންމެރޯ ހަދައިދޭން 1.5 މިލިއަން ރުފިޔާ ޒަކާތު ފަންޑުން ހަރަދުކޮށްފައި ވެއެވެ.
މިދިޔަ އަހަރު ބޯންމެރޯ ހަދަން ނުވަ މީހަކަށް ވަނީ އެހީދީފައެވެ. އެއީ، ސަރުކާރުން ވެރިކަމާ ހަވާލުވީ ފަހުން، އެ ފަރުވާއަށް އެންމެ ގިނައިން ޚަރަދުކުރި އަހަރެވެ. އެ އަހަރު އެކަނި 7.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ނޮވެންބަރު 2023 އިން ފެށިގެން އެ އަހަރުގެ ނިޔަލަށް ފަސް މީހުންގެ ބޯންމެރޯއަށް ޒަކާތު ފަންޑުން ހޭދަކުރިއެވެ. އެއީ، 3.8 މިލިއަން ރުފިޔާއެވެ.
ތެލެސީމިއާ ހުންނަ މީހުންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް މި ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް އެ މަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމް ކުރަން ވެސް މަސައްކަތް ފަށާފައެވެ.

