ސަރުކާރުން ޕޭ ފްރޭމް ވޯކަށް ގެނައި ބަދަލާއިއެކު، މި މަހުން ފެށިގެން މުސާރަ ކުޑަވެފައިވާކަމަށް ބުނެ، އެކަމާއި އިހުތިޖާޖުކުރުމުގެ ގޮތުން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަޅު ހެދުމުގައި މިއަދު އޮފީހަށް ގޮސް، ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމުގެ ކަންބޮޑުވުން ފާޅު ކުރުމުގެ ގޮތުން ރައީސް އޮފީހަށް ޕެޓިޝަންއެއް ހުށައެޅުމަށްވެސް ވަނީ ނިންމާފައެވެ.
މުސާރައިގެ ބަދަލުވެގެން އަންނަ އިރު، ކުރިން ދެމުން އައި އިނާޔަތްތައް ކަނޑާލުމަށްފަހު، ފަހުން ފޮނުވި ޖޮން މެޓްރިކްގައިވާ ގޮތުން، ކޯޓުގެ އެޑްމިން އޮފިސަރުން ފެށިގެން ލީގަލް އިންނަ އަސާސީ މުސާރަ ބޮޑު ވިޔަސް، ގެޔަށް ގެންދަން ލިބޭ މުސާރަ ކުޑަވާކަމަށްވެއެވެ، އަދި ޑިޕާޓްމެންޓް އޮފް ޑުޖިޝަލް އެޑްމިނިސްޓްރޭން (ޑީޖޭއޭ) އިން ކޯޓުތަކަށް ފޮނުވި މެޕިންތަކުން މިކަން އިތުރަށް އޮޅުން އަރާފައިވާކަމަށްވެސްވެއެވެ.
ކަޅު ހެދުމުގައި މުވައްޒަފުން ކޯޓަށް ދާން ނިންމީ މި ސަބަބަށްޓަކައެވެ.
ކަލު ހެދުމުގައި މުވައްޒަފުން ނިކުތް ކޯޓުތަކުގެ ތެރޭގައި، ކްރިމިނަލް ކޯޓު، ޑްރަގު ކޯޓު، ސިވިލް ކޯޓާއި ހައިކޯޓުވެސް ހިމެނެއެވެ. އަދި މި ހިމޭން އިހުތިޖާޖުގައި ބައިވެރިވި ބައެއް ރަށްތަކުގެ ތެރޭގައި ށ. މިލަންދޫ މެޖިސްޓްރޭޓު ކޯޓާއި ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓާއި ބ. ކިހާދޫ މެޖިސްޓްރޭޓް ކޯޓާއި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން ވެސް ހިމެނެއެވެ. ޖުމްލަ ގޮތެއްގައި 15 ކޯޓު ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.
ފިނޭންސް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި ދައުލަތުގެ ޕޭ ފްރޭމްވޯކަށް 2022 ގައި އަމަލުކުރަން ފެށި ފަހުން، ދައުލަތުގެ ވަޒީފާގައި މަސައްކަތްކުރާ އެންމެ ގިނަ ބަޔަކަށް މުސާރައިގެ ކުރިއެރުން މި މަހުން ފެށިގެން ލިބޭނެއެވެ. އަދި އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަނުވާނެ ކަމުގެ ޔަގީންކަން ދޭކަމަށްވެސް ބުންޏެވެ.
ޕޭ ކޮމިޝަނުން މިކަމާއި ގުޅޭ ގޮތުން ދިން މައުލޫމާތުގައި ބުނީ، އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަނުވާނެ ކަމުގެ ޔަގީންކަން ދޭކަމަށާއި، ބައެއް އެލަވަންސްތައް ވެސް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން ”ޖުޑިޝަރީ ކޮންޓިނިއުޓީ އެލަވަންސް“ ފާހަގަކުރެއެވެ. ހާއްސަ ހާލަތްތަކާ ގުޅުވައިގެން ދޭ އެލަވަންސްތައް ނުލައި ހިސާބު ހެދުމުން ނުބައި މަންޒަރެއް ފެނުމަކީ އެކަށީގެންވާކަމެއްކަމަށާއި، ނަމަވެސް ޖުމްލަ ގޮތެއްގައި ވާނީ ފައިދާކަމަށް ބުނެފައިވެއެވެ. އިދާރީ މުވައްޒަފުން ވަރަށް ރަނގަޅު މުސާރައިގެ ކުރިއެރުމެއް ލިބޭނެކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުން އަސާސީ މުސާރަ ވެސް 7،400 އަށްވުރެ އެއްވެސް މުވައްޒަފަކަށް މި މަހުން ފެށިގެން ދަށް ނުވާނެއެވެ

