އަމާޒު ހިފި މިންވަރަށްވުރެ ބޮޑަށް ގައުމުގެ އިގްތިސާދު ވަނީ ކުރިއަރައިގެން ގޮސްފައިކަމަށް ހއ. އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
ބެޖެޓު ރިޕޯޓަށް ބަހުސް ކުރައްވަމުން ނަސީރު ވިދާޅުވީ، ބަޖެޓުގައި ހިފާފައިވާ އަމާޒަށް އަންނަ އަހަރު ވާސިލްވެވޭނެކަމަށެވެ. އަމާޒާއި އެއްގޮތަށް، މިއަހަރުވެސް މަސައްކަތްތައް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. ދައުލަތުގެ ބަޖެޓުގެ މަސައްކަތްތައް ދަނީ ޖުމްލަ ގޮތެއްގައި ރަނގަޅަށްކަމަށް ވިދާޅުވިއެވެ.
ޖީޑީޕީއަށް ބަލާއިރު، 5 އިންސައްތައިގައި ދަރަނި ހިފެހެއްޓުމަށް ހިފި އަމާޒަށް ސަރުކާރަށް ވާސިލްވެވިފައިވާކަމަށް ފާހަގަކޮށް ނަސީރު ވިދާޅުވީ، 2028 ވަނަ އަހަރު އަންނަންވާއިރަށް، ގައުމުގެ މާލީ ނިޒާމު ރަނގަޅު ގޮތެއްގައި ތަރުތީބު ކުރެވޭނެކަމަށެވެ.
ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނި ކާމިޔާބުކަމާއިއެކީގައި ދައްކާ ނިންމޭނެކަމަށްވެސް ވިދާޅުވިއެވެ.
އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅުގަނޑުމެން މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން، އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް ދެ އެއާޕޯޓެއްގެ މަސައްކަތް ނިންމާލެވި މި ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ޓޫރިޒަމް އިންޑަސްޓްރީއިން އެތެރެކުރަން ކަނޑައެޅި މިންގަނޑަށް އަޅުގަނޑުމެންނަށް ވަނީ ހާސިލްކުރެވިފަ.
ނަސީރު ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ކަނޑައެޅި އަމާޒުގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތް މި ސަރުކާރުން ކޮޅަށް ނަގާފައިވާކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ދެ އެއާޕޯޓެއް ހުޅުވުން ފާހަގަކުރެއްވިއެވެ. އެއާއިއެކު ރާއްޖެއަށް އެތައް މިލިއަނަކުން ފަތުރުވެރިން ޒިޔާރާތް ކުރާ އަދަދު އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ. ބެޑް ނައިޓް 15.2 މިލިއަނުގައި ހިފެހެއްޓިފައިވާކަމަށްވެސް ފާހަގަކުރެއްވިއެވެ.
އެއާއިއެކު ރާއްޖޭގެ އާމްދަނީއަށް 5.3 އިންސައްތައިގެ ކުރިއެރުމެއް ހޯދިފައިވާކަމަށް ފާހަގަކޮށް ނަސީރު ވިދާޅުވީ، 2024 ވަނަ އަހަރު 4.9 އިންސައްތަށް އާމްދަނީ އިތުރުކުރުމަށް ހިފި އަމާޒަށްވުރެ، ބޮޑަށް ވާސިލްވެވިފައިވާކަމަށެވެ.
އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ހަކަތަ ވަރަށް ބޮޑަށް ދޭން ޖެހުމުގެ ސަބަބުން އިގްތިސާދީ ދުވެލި މަޑުޖެހިފައިވާކަމަށާއި، އެހެންކަމުން ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ ގައުމަށް ހަކަތަ އިމްޕޯޓު ކުރާ މިންވަރު މަދުކުރަން ޖެހޭކަމަށެވެ. ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށްގެން ނޫން ގޮތަކަށް ގައުމުގެ އިގްތިސާދީ ދުވެލި ކުރިއަށް ނުދާނެކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ މުހިންމު ކަންކަމަށް އިންވެސްޓް ކުރެވޭނެހެން ބަޖެޓުން ފައިސާ ރައްކާކޮށްގެން ނޫނީ ގައުމުގެ އިގްތިސާދީ ދުވެލި އަވަސް ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.
ނަސީރު ވިދާޅުވީ ރާއްޖޭގެ އުފެންދުންތެރިކަން އިތުރުކުރަން ޖެހޭކަމަށެވެ.

