ވަކި ޕްރޮޖެކްޓްތަކަށް ވަކި އަދަދުތަކެއް ކަނޑައަޅާފައި ނެތުމުން ކަންބޮޑުވާކަމަށް އިދިކޮޅުން ބުނި ނަމަވެސް، ރައްޔިތުންނަށް މުހިންމީ އެ ރައްޔިތުން ބޭނުންވާ ކަންކަން ރަނގަޅަށް ފުރިހަމަވުންކަމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހްމަދު ރިޔާޒް ވިދާޅުވެއްޖެ އެވެ.
ރިޔާޒް މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ.
ރިޔާޒް ވިދާޅުވީ މި ބަޖެޓަކީ ކޮޅުމަޑުލު ތ. އަތޮޅާއި، ހާއްސަކޮށް ތިމަރަފުށި އަދި ވޭމަންޑޫ ދާއިރާއަށް ވަރަށް އުއްމީދީ ބަޖެޓެއް ކަމަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި ތ. އަތޮޅު ތަރައްގީގެ މަޝްރޫޢުތަކުން ބާކީވެފައިވާ ނަމަވެސް، މިހާރުގެ ސަރުކާރުން އެ އަތޮޅަށް އެތައް ތަރައްގީއެއް ގެނެސްދެމުންދާކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތުގެ މަތިން، ތ. އަތޮޅުގެ މަޝްރޫޢުތައް މިހާރު ކުރިއަށް ގެންދެވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން، އެމަނިކުފާނުގެ ދާއިރާގައި ހޮސްޕިޓަލްތަކާއި، ޕޮލިސް ސްޓޭޝަންތަކާއި، ޒުވާނުންގެ މަރުކަޒުތަކާއި، ފުޓްސެލް ދަނޑުތަކާއި، ފުޓްބޯޅަ ކުޅޭ ދަނޑުތައް ތަރައްގީ ކުރުމަށް ތައްޔާރީތައް ވަމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުން މަސައްކަތް ފަށާފައިވާ ނަމަވެސް ނުނިމިހުރި މަގުތައް ނިންމުމާއި، މަގުތަކުގެ މަސައްކަތް ފެށުމާއި، މިސްކިތްތަކާއި ގުރުއާނާ ބެހޭ މަރުކަޒުތައް ގާއިމުކުރުން ވެސް ހިމެނޭކަމަށް ރިޔާޒް ވިދާޅުވި އެވެ.
ތަރައްގީގެ މި މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި، ރަށްރަށަށް ހަވާލުކުރެވިފައިވާ ކުންފުނިތަކުން ތަކެތި ގެންގޮސް، ބިންތައް ނަގައި، އަމަލީ މަސައްކަތް ފެށުމަށް ދިރާސާކޮށް، ސްޓޭޝަން ވުމުގެ މަގުމަތީގައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި މި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށާއި، މި ބަޖެޓުގެ ސަބަބުން ތ. އަތޮޅަށް ކުރިމަގުގައި އުޖާލާކަން ލިބިގެންދާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅަށް ވަޑައިގަތުމަށްފަހު، އާރްޓީއެލްގެ ހިދުމަތްވެސް ގާއިމުކުރެވިގެން ދިޔަކަމަށާއި، ރިސޯޓް ތަރައްގީ ކުރުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
މިގޮތުން، ތ. އަތޮޅުގެ އެކި ރަށްތައް ރިޒޯޓް ތަރައްގީ ކުރުމަށް އިއުލާންކޮށް، ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދާކަމަށް ރިޔާޒް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ކޮންމެހެން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބަޖެޓުގައި ވަކި ޕްރޮޖެކްޓްތަކަށް ވަކި އަދަދެއް ކަނޑައަޅާފައި އޮންނާކަށް ނުޖެހޭ.. އަޅުގަނޑުމެން ބޭނުންވަނީ މިއަދު މި ސަރުކާރުން މިފަދަ ބަޖެޓްތަކެއް ގެނެސްގެން ވެސް މިގޮތަށް ބަޖެޓް ބަދަލުކޮށްގެން ވެސް އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ތަރައްގީ އަޅުގަނޑުމެންގެ ރަށްތައް ތަރައްޤީ ވަމުން ދާ މަންޒަރު ދެއްކުން.. އެ މަންޒަރު ފެނިގެން ދިޔުން… އެ ކަންކަމުން ސަބަބުން އަޅުގަނޑުމެންގެ ރަށްރަށުގެ ރައްޔިތުންނަށް ފައިދާތައް ވެގެން ދާ މަންޒަރު ދާތަން ފެނިގެން ދިޔުން…
ބަޖެޓާ މެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހި ޝަކުވާކުރަމުންދާ ކަމަށާއި، ވަކި ޕްރޮޖެކްޓްތަކަށް ވަކި އަދަދުތަކެއް ކަނޑައަޅާފައި ނެތުމުން ކަންބޮޑުވާ ކަމަށް ބުނާ ވާހަކަތަކަށް ރިޔާޒް ރައްދުދެއްވިއެވެ. އެގޮތުން އޭނާ ވިދާޅުވީ، ބަޖެޓުގައި ކޮންމެހެން ވަކި އަދަދުތަކެއް ޖަހާފައި އޮންނަން ނުޖެހޭ ކަމަށެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ، 2026 ގެ ބަޖެޓަކީ ވޭތުވެދިޔަ ސަރުކާރުތަކުން ނަގާފައިވާ ލޯންތައް ދައްކައި، ދަރަނިވެސް ދައްކާ، އަދި ރައްޔިތުންނަށް ބޭނުންވާ މާލީ ކަންތައްތައް ކުރުމަށް ފައިސާ ހޯދުމުގެ މަގްސަދުގައި ތައްޔާރުކޮށްފައިވާ ބަޖެޓެއް ކަމަށެވެ. ބައެއް ބޭފުޅުން ގައުމު ބަނގުރޫޓުވެ ހަލާކުވެދާނެކަމަށް ހީކުރި ނަމަވެސް، މިއަދު ރައްޔިތުންނަށް ފެންނަމުންދަނީ ގައުމު އާރާސްތުވަމުންދާ މަންޒަރުކަމަށާއި، ރައީސް މުއިއްޒުގެ ދުރުވިސްނެމާއެކު ގައުމަށް ބޭނުންވާ ހުރިހާ ކަމެއް ކުރިއަށްގެންދަވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

