ރައްޔިތުންގެ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުރުމުން، މި އަހަރުގެ ތިންވަނަ ދައުރު ދަންމާލައިފި އެވެ.
ނޮވެމްބަރު މަހުގެ ނިޔަކަށް މި ދައުރުގެ މަސައްކަތްތައް ނިމުނު ނަމަވެސް، ބައެއް މުހިންމު ބިލުތަކެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައި ވެއެވެ. އަދި ބައެއް މަސައްކަތްތައް ބަޖެޓު ހިމެނޭ ގޮތަށް، މި ހަފްތާގެ ތެރޭގައި ވަނީ ނިންމާލާފަ އެވެ.
މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ދަންމާލުމަށް ހުށަހެޅުއްވީ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަބްދުއްރަހީމް ހުށަހެޅުއްވީ ޑިސެމްބަރު 4 ގެ ނިޔަލަށް ޖަލްސާތައް ކުރިޔަށް ގެންދިއުމަށެވެ.
އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރެއްގެ ވޯޓާއި އެކު އެވެ. ދައުރު ދަންމާލުމަށް ނުފެންނަކަމަށް ވޯޓު ދެއްވީ ހަތް މެމްބަރުންނެވެ.
އާންމުގޮތެއްގައި އަހަރުގެ ފަހުކޮޅު މަޖިލީގެ މަސައްކަތްތައް ފުނިޖެހި ދައުރު ދަންމާލަ އެވެ. މިވަގުތު ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތައް ހިމެނެ އެވެ.
މި ހަފްތާގައި މަޖިލީހުން ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސްކޮށްފަ އެވެ.\
އެހެންކަމުން މަޖިލީހުގައި ދެން ކުރިޔަށް ދާނީ، އަތޮޅު ކައުންސިލްތައް އުވާލަން ކަމާގުޅުންހުރި ގާނޫނުތަކަށް ހުށަހެޅި އިސްލާހުތަކުގެ މަސައްކަތްތަކެވެ. އެ އިސްލާހުގައި ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު އުނިކޮށް، އެ މާއްދާގެ (ށ) އިސްލާހުކުރުމަށް ހުށަހަޅާފައިވެއެވެ. އެއީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ރަށު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބުކުރާނީ، އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދީމިގްރާތީ އުސޫލުތަކުގެ މަތިން ނަގާ ސިއްރު ވޯޓަކުންކަމަށް ހިމެނުމެވެ.
މި ޤާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ޤާނޫނުއަސާސީގެ 230 ވަނަ މާއްދާއާއި 231 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން ކައުންސިލްތަކުގެ މެންބަރުން އިންތިހާބުކުރަންވާނީ، އެ މާއްދާތަކަށް އަމަލުކުރަން ފެށުމަށްފަހު ބާއްވާ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައެވެ.
ޤާނޫނަށް އަމަލުކުރަން ފަށާއިރު، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން، އާ މެންބަރުން މަގާމާ ހަވާލުވަންދެން، އެ މީހުންގެ މަގާމުގައި ދެމިތިބޭނެއެވެ.
އަތޮޅު ކައުންސިލްތަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭތީ، ގާނޫނަށް އިސްލާހު ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް މަޖިލީހަށް ހުށަޅުއްވާނެކަން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ އިތުރުން ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނެވޭނެ އެވެ. އެގޮތުން، 2000 މީހުންނަށް ވުރެ އާބާދީ ކުޑަ ރަށްރަށުގައި ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތައް ގާއިމުކުރެވޭނެއެވެ. އަދި 2000 މީހުންނަށް ވުރެ ބޮޑެތި ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭނެއެވެ.

