ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އަރަން ގާތްވެއްޖެއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ 1.9 މިލިއަނަށް އަރާފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާކިޔާއިރު، 9.9 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކާމިޔާބީއަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގު ވަރަށް އުޖާލާކަން ދައްކުވައިދޭ ކަމެކެވެ.
ފަތުރުވެރިކަމުގެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ މި މުއްދަތުގެ ތެރޭގައި 1.9 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް ވަނީ އަރައިފައެވެ.
ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ މާކެޓްތަކަށް ބަލާއިރު، އެއް ވަނައިގައި އޮތީ ޗައިނާއެވެ. ޗައިނާއިން 305،500 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓަކީ ރަޝިއާއެވެ. އެގޮތުން، ރަޝިއާއިން 245،989 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 173،970 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖަރުމަނާއި އިޓަލީ އަދި އިންޑިއާއިންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވެއެވެ. މި މާކެޓްތަކުގެ ތަފާތުކަމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެއް މާކެޓަކަށް ބަރޯސާވުމުގެ ބަދަލުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާވެފައިވާކަން ދައްކުވައިދޭ ކަމެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެންމެ ގިނައިން ހިޔާރުކުރާ އެކޮމޮޑޭޝަން ފެސިލިޓީއަކީ ރިސޯޓުތަކެވެ. ނޮވެމްބަރު 19 2025 ގެ ނިޔަލަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ތެރެެއިން 73.7 އިންސައްތަ ވަނީ ރިސޯޓުތައް ހިޔާރުކޮށްފައެވެ. މިއީ، ރާއްޖޭގެ ލަގްޒަރީ އަދި ޚާއްސަ ޚިދުމަތްތަކަށް ދުނިޔޭގެ ފަތުރުވެރިންގެ ތެރޭގައި ބޮޑު މަޤްބޫލުކަމެއް ލިބިފައިވާކަން ހާމަކޮށްދޭ ކަމެކެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ހިޔާކުރީ ގެސްޓުހައުސްތަކެވެ. ޖުމްލަ ފަތުރުވެރިންގެ 21.6 އިންސައްތަ ފަތުރުވެރިން ގެސްޓުހައުސް ހިޔާރުކުރިއިރު، މިއީ ލޯކަލް ރަށްރަށުގައި ފަތުރުވެރިކަން ފުޅާވެ، އިޤްތިޞާދީ ފައިދާ އާންމު ރައްޔިތުންނަށް ލިބެމުންދާކަން ދައްކުވައިދޭ މުހިންމު ނިޝާނެކެވެ. ހޮޓަލާއި ޓޫރިސްޓް ވެސަލްތައް ހިޔާރުކުރީ 4.7 އިންސައްތައިގެ ފަތުރުވެރިންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ވަނީ ބޮޑު އަމާޒެއް ކަނޑައަޅާފައެވެ. އެއީ، 2025 ވަނަ އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި ވިސިޓް މޯލްޑިވްސްއިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާކެޓިންގ ހަރަކާތްތައް ވަރުގަދައަށް ހިންގަމުންނެވެ. މި މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިތުރަށް ވަރުގަދަވެ، އާ މާކެޓްތަކަށް ރާއްޖެ ތަޢާރަފުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

