މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ފަށާފައިވާ ”ރަސްމާލެ“ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އަންނަ މާޗް ނުވަތަ އެޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. އެގޮތުން ބަޖެޓުގައި އެކަމަށް ހާއްސަ އިސްކަމެއް ދީ އަންނަ އަހަރު ވެސް ގިނަ ޕްރޮޖެކްޓުތަކާއި މަސައްކަތްތައް ކުރިޔަށް ދާނެކަމަށް ވަނީ ބުނެފަ އެވެ.
ބޯހިޔާވަހިކަމުގެ ”ޓޯޓަލް ސޮލިއުޝަން“ ގެ ގޮތުގައި ސަރުކާރުން ފާހާގަކުރާ ރަސްމާލެ މަޝްރޫއާއި އެކު މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ. އަދި އެ މަސައްކަތް ކުރިޔަށް ދާގޮތް ރައީސް މުއިއްޒު ވެސް ވަނީ ދާދިފަހުން ބައްދަލަވާލައްވާފަ އެވެ.
ރައްޔިތުންނާއި ބައްދަލު ކުރުމަށް ބާއްވާ ޖަލައސާތަކުގައި އާންމުކޮށް އެމަނިކުފާނަށް އަންނަ ޝަކުވާއަކީ ވެސް ބޯހިޔާވަހިކަމެވެ. ރަސްމާލެއާއި، ފްލެޓުތައް އަދި ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތްތައް ކުރިޔަށް ދާގޮތާއި ގުޅޭގޮތުން ރައީސް ވާހަކަ ދެއްކެވީ ރޭ މައްޗަންގޮޅި ރައްޔިތުންނާއި ބައްދަލު ކުރުމަށް އޮތް ޖަލްސާގަ އެވެ.
މި ބައްދަލުވުމުގައި ގިނަ ބަޔަކު ވަނީ ބޯހިޔާވަހިކަން ނުލިބި ދިގުލައިގެން ދިއުމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް ދިމާވަކަމަށް ފާހަގަކޮށްފަ އެވެ. ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ހައުސިން ފޯރުކޮށްދޭނެކަމަށްވީ ވައުދު ފުއްދާނެކަމަށެވެ. އަދި މިހާރު ވެސް ގިނަ މަސައްކަތްތައް ކުރެވިފައިވާކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން އިތުރުން ހުޅުމާލެ ފޭސް 3 އާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތުގެ ސްޕީޑު އަވަސް ކުރުމަށް ވެސް ފިޔަވަޅު އަޅާފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރުވެސް ތިން ސައިޓެއްގައި ވަރަށް ބާރަށް ހިނގަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަހުގެ ނިޔަލަށް ނުވަތަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި، ހުޅުމާލެ ފޭސް 3 ހިއްކަން ބޭނުންކުރާ ޑްރެޖަރުގެ ދެގުނަ ބޮޑު ޑްރެޖަރެއް ރަސްމާލެ މަޝްރޫއުއަށް ގެނެވޭނެއެވެ.
ރައީސް ވިދާޅުވީ މި ޑްރެޖަރު ޑިސެމްބަރު 7 ނުވަތަ 10 ހިސާބުގައި މަސައްކަތް ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ މި ބޮޑު ޑްރެޖަރާއެކު ރަސްމާލޭގެ މަސައްކަތް މިހާރުގެ ސްޕީޑުގެ ތިން ގުނައަށް މަތިވެގެންދާނެ ކަމަށެވެ. މިއާއި އެކު މާޗް ނުވަތަ އޭޕްރީލް ހިސާބަށް ދާއިރު ރަސްމާލެ ހިއްކާ ނިމޭނެކަމަށާއި، އެއީ ހުޅުމާލޭގެ ދެ ފިޔަވައްސާ އެއްކޮށްލީމާ އޮތް ބިމަށް ވުރެ ދެގުނަ ބޮޑު ބިމެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އޭރުން ރަސްމާލޭގެ މަސައްކަތް މިހާރުގެ ސްޕީޑުގެ ތިން ގުނައަށް މަތިވެގެން ދާނެ… އިރާދަކުރެއްވިއްޔާ. އެ މަސައްކަތް ފަށާނެ ޑިސެމްބަރުގެ ހަތެއް ނޫނީ ދިހައެއް ހިސާބުގައި… ފަށައިގެން ގޮސް މާޗް ހިސާބު ނޫނީ އެޕްރިލް ހިސާބަށް ދާއިރުގަ އެތަން އެއްކޮށް އިރާދަކުރެއްވިއްޔާ ނިމޭނެ.. ނިމޭއިރުގަ ހިއްކާ އެ ނިމެނީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަ އޮތް ބިމަށް ވުރެ ދެގުނަ އެއް ވުރެސް ބޮޑު ބިމެއް…
ފުރަތަމަ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އައިސްފައި ވަނީ 11 ސަރަޙައްދަކަށް ބަހާލައިގެން ދެ ކުންފުންޏަކުންނެވެ. އެއީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީސީ) އާއި މޯހަން މުތާ އެކްސްޕޯޓްސް އިންނެވެ. ނަމަވެސް، މަސައްކަތް އިތުރަށް ހަލުވިކުރުމުގެ ގޮތުން މި ސަރުކާރުން ވަނީ ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް، ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުންޏާއި މި މަހުގެ ތެރޭގައި ހަވާލުކޮށްފައެވެ.
ހާބަރ އިންޖީނިއަރިން ކުންފުނިން ސައިޓް ”ސީ“ އަދި ”އީ“ އިން 265 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެ ކުންފުނިން މިހާރު ވަނީ ބިން ހިއްކުމަށް ބޭނުންވާ ސައިޓް މޮބަލައިޒްކޮށް، ބަނޑް ޖެހުމުގެ މަސައްކަތް ފަށާފަ އެވެ. ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރު ވެސް ރާއްޖެ ގެނެސް، މި ހަފްތާގެ ތެރޭގައި މަސައްކަތް އެ ކުންފުނިން ފަށައިގަންނާނެ އެވެ.

