އިންޖީނުގޭގެ ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ ތެރޭގައި، މުވައްޒަފަކަށް އަނިޔާ ލިބުނު މައްސަލައިގައި ފުލުހުން ވެސް މިނިވަން ތަހުގީގެއް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި ސްޓެލްކޯގެ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.
މީޑިއާތަކަށް އާންމު ކުރި ބަޔާނެއްގައި ސްޓެލްކޯއިން ބުނީ މި ހާދިސާ ހިނގާފައި ވަނީ، އިންޖީނުގޭގެ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި، ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު، އަނިޔާވި މުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ.
މުވައްޒަފުގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ސްޓެލްކޯއިން ބުނީ އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އޭޑީކޭއަށް ބަދަލުކޮށްފައިވާކަމަށެވެ.
ސްޓެލްކޯއިން ބުނީ އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ ޢާއިލާއާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ސްޓެލްކޯއިން ކުރާނެކަމަށް ބުނެފައި ވެއެވެ.
ސްޓެލްކޯއިން ބުނީ މި ހާދިސާގެ މިނިވަން ތަހުގީގެއް ފުލުހުންގެ ހިދުމަތުން ވެސް ފަށާފައިވާކަމަށެވެ. އަދި އެ ކުންފުނީގެ ފަރާތުން، ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުން ގެންދާނެކަމަށް ބުންޏެވެ.
ސްޓެލްކޯއިން ވަނީ މި ނާޒުކު ހާލަތުގައި، އަނިޔާވި މުވައްޒަފުގެ އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެފަދަ ހުރިހާ އަމަލަކުން ދުރުހެލިވުމަށާއި، ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައި ނުވާ މަޢުލޫމާތު ނުފެތުރުމަށް އެދިފަ އެވެ.
ސްޓެލްކޯއިން ބުނީ އަނިޔާވި މުވައްޒަފުގެ ސިއްހީ ހާލަތާއި ގުޅޭ މައުލޫމާތު ލިބެމުންދާވަރަކުން ރަސްމީ އިދާރާތަކުންނާއި ކުންފުނީގެ ފަރާތުން ހާމަކުރާނެ ކަމަށެވެ.

