ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވާ ބައްދަލުވުންތަކަށް ކުރިޔާލައި ސުވާލު ފޮނުވަން ޖެހޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ރައީސް ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގައި އެ ރައްޔިތެއް ކުރާ ސުވާލު ނުވަތަ ހިޔާލު ކުރިޔާލައި ހުށަހަޅަން ޖެހޭކަމަށް ބުނެ ދައްކަމުން ދަނީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
ހީނާ ވިދާޅުވީ މި ބައްދަލުވުންތަކުގެ ބޭނުމަކީ ރައްޔިތުންނާއި ވީހާވެސް ގާތުން ބައްދަލު ކުރައްވައި، ރައްޔިތުންގެ ކަންބޮޑުފުންތައް އަޑުއެހުން ކަމަށެވެ. އަދި މި ބައްދަލުވުންތަކުގައި ބައިވެރިވާ ކޮންމެ ރައްޔިތަކަށް ވެސް، އެ ރައްޔިތެއްގެ ހުރި ޝަކުވާއާއި، ކަންބޮޑުވުންތައް އެއްވެސް ހުރަހެއް ނެތި މިނިވަންކަމާއި އެކު ދެއްކުމުގެ ފުރުސަތު އޮންނާނެކަމަށް ހީނާ ވިދާޅުވިއެވެ.
ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ހަރަކާތްތައް ކުރިޔަށްދާނެކަމަށާއި، ކޮންމެ ރައްޔިތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވާކަމެއް ހުށަހެޅޭނެކަމަށް ހީނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއްވެސް ރައްޔިތަކު އެ ބައްދަލުވުމެއްގެ ކުރިޔަށް ކުރާލައި، ސުވާލު ފޮނުވަން ނާންގާނެކަމަށެވެ.

