މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމުގެ ގޮތުން، ސިނެކްސް ޕްރޮގްރާމް އިފްތިތާހުކޮށްފިއެވެ.
ހުޅުލެ އައިލެންޑް ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑު މެންބަރު އިބްރާހީމް މަހުދީއެވެ. ސިނެކްސް ޕްރޮގްރާމަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ސޮފްޓްވެއަރ ކުންފުނިތައް ކުރިއެރުވުމަށް އެމްއޭސީއެލްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން އެ ރަސްމިއްޔާތުގައި ވަނީ ހަތަރު ކުންފުންޏަކާއެކު ޕާޓްނަރޝިޕް ގާއިމުކުރިކަން އިއުލާނުކޮށް، އެފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އެ ހަތަރު ކުންފުންޏަކީ:
- ޕައި ނެޓްވަރކްސް ޕްރައިވެޓް ލިމިޓެޑް
- ސޮލިޑް ޓްރީ ޕްރައިވެޓް ލިމިޓެޑް
- ޖަވާބު ޕްރައިވެޓް ލިމިޓެޑް
- ލޫޕް ކްރާފްޓް ޕްރައިވެޓް ލިމިޓެޑް
ސިނެކްސް ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝަރީފް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރުވެސް މިހާރުވެސް ވީއައިއޭގެ ހިދުމަތްތައް ވަރަށް ބޮޑަށް ޑިޖިޓަލައިޒްކުރެވިފައިވީނަމަވެސް އެއީ އަދި ފެށުމެއްކަމަށާއި، ކުރިއަށްއޮތްތާނގައި ވީއައިއޭގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން އިބްރާހީމް ޝަރީފް ފާހަގަކުރެއްވިއެވެ.
ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހާއްސަ ސިޔާސަތުގެ ދަށުން، ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ފައްޓަވާފައިވާ އެންމެ މުހިއްމު މަޝްރޫއަކީ ”މޯލްޑިވްސް 2.0″އެވެ. މި މަޝްރޫއުގެ ދަށުން ސަރުކާރުގެ އެކި ކުންފުނިތަކާއި އިދާރާތަކާއި ވުޒާރާތަކުގެ މަސައްކަތްތައް މިހާރުވެސް އަންނަނީ ޑިޖިޓަލައިޒްކުރަމުންނެވެ.

