ކުރީގެ ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރ ކުރުމުގެ ދައުވާގެ ހުކުމް އިއްވުން މި މަހުގެ17 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތަވާލް ކޮށްފިއެވެ.
”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ވިދާޅުވީ މިމަހުގެ17 ވަނަ ދުވަހަށް މައްސަލަ ތަވާލް ކޮށް ކްރިމިނަލް ކޯޓުން ޗިޓް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ބަދަލުވެފަިއވާކަން އަންގާފައި ނުވާ ކަމަށާއި ނަމަވެސް ގާޒީ ސަސްޕެންޑް ކޮށްފައިވާ ހާލަތުގައި ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތަށް އެކަން އަންގަން ޖެހޭނެ ކަމަށް ވަކީޅުންގެ ޓީމުން ވިދާޅުވިއެވެ.
ވަކީލުންގެ ޓީމުން ވިދާޅުވި ގޮތުގައި ރައީސް ޔާމީންއަށް ހުކުމް އިްވުން ތާވަލް ކޮށްފައި ވަނީ17 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އަށެވެ.
އެ މައްސަލައިގައި ހުކުމް އިއްވުމުގެ އަޑުއެހުން މިދިޔަ އަންގާރަ ދުވަހު ބާއްވަން ތާވަލްކުރި ނަމަވެސް، އެ މައްސަލަ ބައްލަވަމުން ގެންދެވި އެ ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ޖޭއެސްސީއިން އެންމެ ފަހު ވަގުތު ސަސްޕެންޑް ކުރުމުން ހުކުމް އިއްވުމުގެ މަޖިލިސް ކެންސަލްކުރި އެވެ.
ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފައި ވަނީ ނަސްރުގެ ދުވަހާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ވައިބަރ ގުރޫޕަކަށް ފޮނުވި ޕޯސްތަކާއި ގުޅިގެންނެވެ. ހައިލަމް ކުރި ޕޯސްޓުން ފެންނަނީ ނޮވެންބަރު ތިނެއްގައި ޝާހިދުވި ޝަހީދު ހުސެން އާދަމް ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައިގެން ދަމާފައި ގެންދާ މަންޒަރެވެ.
ހައިލަމް ސަސްޕެންޑްކޮށް ރައީސް ޔާމީންއަށް ހުކުމް އިއްވުމުގެ ޝަރީޢަތް ކެންސަލް ކުރުމާއި ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީޅުންގެ ޓީޟުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީޅުންގެ ޓީމުގައި އިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ ނަިއބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައި ވަނީ ފަނޑިޔާރުންނާ ގުޅޭ ކަންކަން ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ނިންމަމުން މިހާރު އަންނަނީ ރޮކެޓު ސްޕީޑުގައި ކަމަށެވެ.
ޖަމީލު ވިދާޅުވީ ޔާމީންގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުމުގެ ސަބަބުން މިފަދަ ސިޔާސީ މައްސަލަތައް ބައްލަވާ އެހެން ފަނޑިޔާރުންނަށް ބިރުވެރި ހާލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ޖަމީލު ވިދާޅުވީ ފަނޑިޔާރަކާ މެދު ފިޔަވަޅެއް އެޅުމުގެ ކުރިން އެކަށީގެންވާ ގޮތެއްގައި ތަހުގީގެއް އަދި ޖަވާބުދާރީވާން ފުރުސަތު ވެސް ދެއްވަންޖެހޭ ކަމަށް ޖޭއެސްސީގެ ގާނޫނުގައި ވެސް ބަޔާންކޮށްފައި ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ފަޓާސް ބަރިއެއްހެން ނިންމަންޖެހޭ ފަދަ ކަންކަމެއް ނޫން ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. އަދި މިހާރު އޮތްފަދަ ހާލަތެއް އޮތްހާ ހިނދަކު ފަނޑިޔާރުންނަށް މިނިވަންކަމާއެކު ޝަރީއަށް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

