ބ. ފުޅަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް އެ މަސައްކަތް ޙަވާލުކޮށްފައިވާ އެމްޓީސީސީއިން ފަށައިފިއެވެ.
ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތަކީ 48،297،417.22 (ސާޅީސްއަށް މިލިއަން ދުއިސައްތަ ނުވަދިހަ ހަތްހާސް ހަތަރުސަތޭކަ ސަތާރަ ރުފިޔާ ބާވީސް ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ސަރުކާރުން އެމްޓީސީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި:
* 51،861 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުން
* 108 މީޓަރުގެ ބޭރުތޮށިލުން
* 3020 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން
* 223 މީޓަރުގެ އެތެރެ ތޮށި ލުން
* މޫރިންގް ބްލޮކްސްލުމާއި އަދި ޕޭވްމަންޓްއެއް އެޅުން
* ރޭމްޕެއް އެޅުން
* ބަނދަރު ބައްތި ހަރުކުރުން

ފުޅަދޫ ބަނދަދު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ.
ފުޅަދޫގައި ބަނދަރެއް ހަދާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ. ބަނދަރު ހެދުމާއި ފަޅު ފުންކުރުމަށް އޭރުގެ ސަރުކާރުން ޚަރަދުކޮށްފައިވަނީ 23.8 މިލިއަން ރުފިޔާއެވެ.
ފުޅަދޫއަކީވެސް މީގެ ކުރިން ލަފާ ފުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ރަށެއްކަން ފާހަގަކޮށްލެވެއެވެ.

