ހުޅުމާލޭގެ ހިޔާ ޓަވަރެއްގައި ހަށި ވިއްކައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ބަޔަކު އަތުލައިގެންފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ބިދޭސީ އުޒްބެކިސްތާނަށް ނިސްބަތްވާ އަންހެނުންތަކަކާއި އެކު މި މައްސަލައިގައި ދިވެހި ފިރިހެނަކު ވެސް ހައްޔަރުކޮށްފައިވާކަމަށެވެ.
ހިޔާ ޓަވަރުގައި ފުލުހުންގެ އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔައީ، ދިވެއްސަކާއި ބިދޭސީއަށް ގުޅިގެން ރާއްޖަށް ބޭރު އަންހެނުން ގެނެސް ފައިސާއަށް ހަށި ވިއްކުވައި ފައިސާ ބޭނުންކޮށް މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް ލިބުނު ރިޕޯޓަކަށެވެ.
މި މީހުން ހައްޔަރު ކުރީ، ހިޔާގެ 12 ވަނަ ޓަވަރުންނެވެ. މިދިޔަ ހޮނިހިރު ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކުށުގެ ވެށިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އުމުރުން 40 އަހަރުގެ، ރ. ރަސްގެތީމު/ކިއުބާ، ހުސެއިން ސޮލާހު އާއި، އުމުރުން 40 އަހަރުގެ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާއާއި، އުމުރުން 31 އަހަރުގެ ޑިލްޑޯރާއެގަމް އަދި 28 އަހަރުގެ ޝަހުޒޮޑަ ހޮންގެ އިތުރުން އުމުރުން 34 އަހަރުގެ އުމިޑަ ބޮނޫ ނެމަޓޯ އެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ދިވެހި މީހާއައި، ޒަރީމާއަކީ މި ވިޔަފާރީގައި އެންމެ އިސްކޮށް އުޅޭކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނެވެ.
މި މީހުން ހައްޔަރުކޮށް، އެޕާޓްމަންޓު ބަލައިފާސްކުރި އިރު، 19،100 ޑޮލަރާއި 18،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުސައިން ސޮލާހ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާގެ ބަންދަށް 10 ދުވަސް ވަނީ ދީފަ އެވެ. އަދި އަނެއް ތިން އަންހެނުންގެ ބަންދަށް ކޯޓުން ވަނީ 5 ދުވަސް ދީފައެވެ.

