ރައީސުލްޖުމްހުރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާތްތަކާއި ބެހޭ ގާނޫނަށް ހުށައެޅި އިސްލާހު މިއަދުގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި އިސްލާހު ފާސް ކޮށްފައިވަނީ މަޖިލީހުގެ އަޢުލަބިއްޔަތުންނެވެ. ވޯޓުގައި 68 މެންބަރުން ބައިވެެރިވިއެވެ.
ދިވެހިރާއްޖޭގެ ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ދޭ އިނާޔަތްތަކާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން މުހިންމު އިސްލާޙުތަކެއް ހުށަހަޅާފައިވާއިރު، މި އިސްލާޙުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އެންމެ ބޮޑު ބަދަލަކީ ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދެމުން އައި 175،000ރ. ގެ އިނާޔަތް ކަނޑާލުމެވެ. އަދި މި އިސްލާޙުތަކުގައި ކުރީގެ ނައިބު ރައީސުންނަށް މާލީ އިނާޔަތެއް ކަނޑައަޅާފައިވުމަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ.
ކުރީގެ ރައީސުންގެ އޮފީސް ހަރަދު އުވާލުން
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ކުރިން ބުނެފައިވާ ގޮތުން، ކުރީގެ ރައީސުން މުޖުތަމަޢަށް ފައިދާހުރި އިޖުތިމާޢީ މަސައްކަތެއް ކުރެއްވުމަށްޓަކައި ބޭނުންފުޅުވެއްޖެ ހާލަތެއްގައި، މަސައްކަތް ކުރައްވާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށް ކޮންމެ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ޖެހެއެވެ.
ސަރުކާރުން ހުށަހެޅި އިސްލާޙުގައި މި މާއްދާ އުވާލުމަށް ހިމަނާފައިވުމުގެ ސަބަބުން، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކުރަންޖެހޭ ހުރިހާ ހަރަދެއް އެ އިސްލާޙު ފާސްވެއްޖެނަމަ އުވޭނެއެވެ.
ނައިބު ރައީސުންނަށް މާލީ އިނާޔަތް ކަނޑައެޅުން
ކުރިން މި ޤާނޫނުގައި ކުރީގެ ނައިބު ރައީސުންގެ އިނާޔަތާބެހޭ އެއްވެސް ވާހަކައެއް ނެތް ނަމަވެސް، މި ފަހަރު ހުށަހެޅުނު އިސްލާޙުގައި ވަނީ ކުރީގެ ނައިބު ރައީސުންނަށް ދައުލަތުން ކޮންމެ މަހަކު 25،000ރ. ގެ މާލީ އިނާޔަތެއް ދިނުމަށް ބަޔާންކޮށްފައެވެ. މިއީ ކުރީގެ ނައިބު ރައީސުންނަށް ދައުލަތުގެ ފަރާތުން ލިބޭނެ އެންމެ ފުރަތަމަ މާލީ އިނާޔަތެވެ. މީގެ އިތުރުން، ނައިބު ރައީސުންނަށް ވެސް ރާއްޖެއިން ބޭރުންނާއި ރާއްޖެއިން ސިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ވެސް އިސްލާޙުގައި ހިމަނާފައިވެއެވެ. މި ބަދަލަކީ ދިވެހިރާއްޖޭގެ ވެރިކަމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅުންނަށް ދެވޭ އިޙްތިރާމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އިތުރު މަޤާމެއް އަދާކުރައްވާނަމަ އިނާޔަތް މެދުކެނޑުން
އިސްލާޙުތަކުގެ ތެރެއިން މުހިންމު އަނެއް ނުކުތާއަކީ، ކުރީގެ ރައީސަކު ނުވަތަ ނައިބު ރައީސަކު ދައުލަތުގެ އިތުރު މަޤާމެއް އަދާކުރައްވާ ނަމަ، އެ މުއްދަތަށް ޤާނޫނުގައި ބުނާ އިނާޔަތްތައް ލިބިވަޑައިނުގަންނަވާނެ ގޮތަށް ބަދަލު ގެނައުމެވެ.
މި އިސްލާޙުގެ މަގްސަދަކީ، ދައުލަތުގެ މަޤާމެއް އަދާކުރައްވައިގެން މުސާރައާއި އިނާޔަތް ލިބިވަޑައިގަންނަވާ ބޭފުޅުންނަށް، ކުރީގެ މަޤާމުގެ އިނާޔަތް ދިނުމަކީ ބަޖެޓަށް ބުރައެއް ކަމަށް ދެކިގެން، އެކަން ހުއްޓުވުމެވެ.
މި ބަދަލުގެ ސަބަބުން، ކުރީގެ ރައީސަކު ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ ނަމަވެސް، ނުވަތަ ދައުލަތުގެ އެ ނޫން މަޤާމެއް އަދާކުރައްވާ ނަމަވެސް، ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާނެއެވެ.
ރައްކާތެރިކަމާއި ހިމާޔަތާބެހޭ ބަދަލުތައް
އިސްލާޙުތަކުގެ ތެރޭގައި ކުރީގެ ރައީސުންނަށް ދޭ ރައްކާތެރިކަމާއި ހިމާޔަތާބެހޭ ބަދަލުތައް ވެސް ހިމެނެއެވެ. އެގޮތުން، ކުރީގެ ރައީސަކު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ނަމަ، އެ ބޭފުޅަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނުން ލާޒިމު ނޫންކަމަށް އިސްލާޙުގައި ބުނެފައިވެއެވެ. ނަމަވެސް، އެ ބޭފުޅަކު ރާއްޖެ ވަޑައިގެންފި ނަމަ، ހިމާޔަތާއި ރައްކާތެރިކަން ދޭން ވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މިއީ ދައުލަތުގެ ސަލާމަތީ ޚަރަދުތައް ރާވައި ހިންގުމަށް ގެނެވޭ ލުޔެއްކަމަށް ބެލެވެއެވެ.

