ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ވީއައިއޭގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު ބައްލަވާލައްވައިފިއެވެ.
އެއަރޕޯޓު ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު އެއަރޕޯޓަށް ވަނީ ޒިޔާރަތްްކުރައްވާފައެވެ.
މި ޒިޔާރަތުގައި ރައީސް ސޯލިހު ވަނީ އެއާޕޯޓުގައި ތަރައްޤީކުރަމުންދާ ސީ ޕްލޭން ޓަރމިނަލްގެ މަސައްކަތާއި، ސީޕްލޭން މެއިންޓަނަންސް ރޭމްޕް، އެއާޕޯޓުގެ އައު ޕަސެންޖަރ ޓާރމިނަލާއި އައު އޭޕްރަންއަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ބައްލަވާލެއްވިއެވެ. މީގެ އިތުރުން އައު ކާގޯ އޭރިޔާއަށް ޒިޔާރަތްކުރައްވައި އެ ތަނުގެ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.
ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުޚާރުގެ އެއާޕޯޓު ތަރައްޤީ ކުރުމަށް ފެށި މަޝްރޫޢުގެ ދަށުން މިހާތަނަށް ބޮޑެތި ގިނަ މަސައްކަތްތަކެއް ވަނީ ނިމިފައެވެ. އޭގެ ތެރޭގައި އައު ރަންވޭއަށް ޓެސްޓް ފްލައިޓް ޖައްސާ އޮޕަރޭޝަނަށް ތައްޔާރުވެފައިވާއިރު، އިންޓަނޭޝަނަލް ގިނަ ބްރޭންޑް ތަކާއެކު ވޯޓަރ ފްރަންޓް ރެސްޓޯރަންޓްވެސް ވަނީ ހުޅުވާފައެވެ. އޭގެ އިތުރުން މި ސަރުޚާރު އައިފަހުން ހުއްޓިފައިވާ ޕެސެންޖަރ ޓާމިނަލްގެ މަސައްކަތް ފަށައިގެން ދަނީ ކުރިއަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެއްކޮށް ތަރައްޤީކޮށް ނިމުމުން އެއްފަހަރާ 7 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެއެވެ.

