ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށައަޅުއްވާފައިވާ، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުން ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަން ފާހަގަކޮށް އަކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާފައިވާ ގަރާރު ބޭރުކޮށްލައިފިއެވެ.
މި ގަރާރު ބޭރުކުރުމަށް 56 މެންބަރު ވޯޓުދެއްވިއެވެ. ގަރާރު ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދިނީ 10 މެންބަރުންނެވެ.
މި ގަރާރުގައި ވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން، ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށް، އަދި މި ހައްގުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ނުވަތަ ޖިންސަށް ނުވަތަ އުމުރަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެ ނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަކަށް ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް އަދި މި ނޫންވެސް ކަންކަމަށް ބަލައިގެން ނުވާނެކަމަށް ގާނޫނު އަސާސީގެ 2 ވަނަ ބާބުގައިވާކަމަށެވެ. މިއީ ދައުލަތެއްގެ ވާޖިބެއްކަމަށްވެސްވެއެވެ.
އެހެން ނަމަވެސް ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި ހިމެނޭ އެންމެ މުހިންމު މުއައްސަސާތައްކަމަށްވާ ކޯޓުތަކުން، މި ހައްގުތަކަށް ރައްކާތެރިވުމުގެ ބަދަލުގައި، ފަރުދުންގެ މެދުގައި ތަސްދުގައި ތަފާތުކުރަމުންދާކަމަށް ގަރާރުގައިވެއެވެ. ގަރާރުގައި އެ ތަންތަނަށް ހުށަހެޅޭ މައްސަލަތަކުގައި ކަނޑައެޅިގެން ތަފާތުކޮށް އަމަލު ކުރަމުންދާކަން ނުހަނު ކަންބޮޑުވުމާއިއެކު ފާޅުކޮށްފައިވެއެވެ.
ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން، އެ މީހަކު ދޫކޮށްލުމަށް ނުވަތަ ބަންދުގައި އިތުރަށް ބެހެއްޓުމާއިމެދު ގޮތެއް ކަނޑައެޅުމުގައި ފަނޑިޔާރުން އަދުލުވެރިކަމުން އެއްކިބާވަމުންދާކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ. ކުދި ކުދި މައްސަލަތަކުގައި ބޮޑެތި ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް ބޮޑެތި މައްސަލަތައް ނުބަލާކަމަށް ގަރާރުގައިވެއެވެ.

