ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަހުމަދު ހައިލަމް ސަސްޕެންޑު ކުރާނެ ގޮތެއް ސަރުކާރުގެ އިސްވެރިން ހޯދަމުން އައި ކަމަށާއި ފައިސާގެ މައްސަލައަކީ އެހެން ގޮތެއް ނެތިގެން ކުރި ތުހުމަތުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ހައިލަމްއަށް ދެ ލައްކަ ރުފިޔާ ދިން ގޮތް ހާމަކުރައްވަމުން ސަންގު ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި އަލްހާން ވިދާޅުވީ ހައިލަމް އަކީ އޭނާގެ ގާތްއެކުވެރިއެއް ކަމަށާއި އެކުވެރިއަކު ކަމަކު އެދުމުން އެކަން ކޮށްދެއްވި ކަމަށެވެ.
“ ސްކޫލްދައިރުން ފެށިގެން، މައުޙަދުން ގޮސް މިސްރުގައިވެސް ހައިލަމް އާއި އަޅުގަނޑާއި އެކީގައި ކިޔެވީ. ވަރަށް ގާތް ދެ ރަޙުމަތްތެރިން އަޅުގަނޑުމެންނަކީ. އެއްގެއެއްގެ ތެރޭގައި އުޅެ އެކީކައި ބޮއެ ކުޅެން ގޮސް ސަކަރާތްޖަހަން އުޅުނު ބައެއްމިއީ. އަޅުގަނޑު ދިވެހިރާއްޖޭ ސިޔާސީ ކަންކަމުގައި ހަރަކާތެރިވުމާއި އަދި ހައިލަމް ދިވެހިރާއްޖޭގެ ކްރިމިނަލްކޯޓުގެ އިސް ފަނޑިޔާރަކަށް ވުމަކީ ދެމީހުންގެ މެދުގައި އޮތް ގާތްގުޅުމާއި އެއްވެސް ބުރުލެއް އަރާ ކަމެއް ނޫން. ދެމީހުންގެ ދެމެދުގައި އޮތީ ޒަމާންވީ ދިގު އިތުބާރު ހިފޭ ގުޅުމެއް. އިލްމީކަންކަމުގައި ވާހަކަދައްކާ ބައްދަލުކޮށް ޤައުމުގެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކޮށްވެސް ހަދަން“
އަލްހާން ވިދާޅުވީ ހައިލަމް އަށް ދިން ފައިސާއަކީ އޭނާ މާލީ ގޮތުން ދަތި ދުވަސްވަރެއްގައި ފައިސާއަށް އެދުމުން އޭނާއަށް ދިން ލޯނެއްކަމަށެވެ. އަދި އެ ފައިސާ ހައިލަމްއަށް ފޮނުވީ ސީދާ އަލްހާންގެ އެކައުންޓުން ކަމަށް އޭނާ ވިދާޅުވިއެވެ.
“ އަޅުގަނޑުގެ އެކައުންޓުން ސީދާ އޮންލައިން ޓްރާންސްފަ އެއް ހެދީ. ނުހަމަ ގޮތަކަށް، ނުސީދާ ކަމެއް ކުރާނަމަ ކީއްކުރަންތޯ އަޅުގަނޑު އަމިއްލަ އެކައުންޓުން ސީދާ ހައިލަމްގެ އެކައުންޓައް ދެ ލައްކަ ފޮނުވަން ވީ؟ ވަގުތުން އެމްއެމްއޭއަށް އެ ޓްރާންސެކްޝަން އައިޑެންޓިފައި ކުރެވޭނެ. އެހެންވީމާ އެ ޓްރާންސެކްޝަންއަކީ ތުހުމަތު ކުރެވޭ ޓްރާންސެކްޝަންއެއްތޯ ބަލަން އެމްއެމްއޭއިން ފުލުސް އޮފީހަށް ފޮނުވާނެ. އުސޫލު އޮންނަ ގޮތް އެއީ“
އެ ތާރީހެއްގައި މުއާމަލާތް ހިނގައިގެން، އެމްއެެމްއޭއިން ފުލުސް އޮފީހަށް އަންގައިގެން، ފުލުހުންގެ އިސްވެރިން ހައިލަމް އަރިހަށް ވަޑައިގެން ކިހިނެތް ހިނގި ކަމެއްތޯ އޮޅުން ފިލުވާފައިވާ ކަމަށެވެ. އަދި ފުލުހުން ސުވާލަތަކަށް ހައިލަމް ޖަވާބު ދެއްވާ އެ މައްސަލަ ސާފުކޮށްދެއްވާފައިވަ ކަމަށްވެސް އަލްޙާން ވިދާޅުވިއެވެ. ޚުދު އަލްހާން ވެސް ކޮމިޝަނަރ އޮފް ޕޮލިސް އާއި ކަންހިނގައިދިޔަގޮތް ހިއްސާކުރައްވާފައިވާ ކަމަށެވެ.
އަލްހާން ވިދާޅުވީ އޭނާގެ އެއްވެސް މައްސަލައެއް ނުވަތަ އާއިލާގެ އެއްވެސް މައްސަލައެއް ކުރިމިނަލް ކޯޓުގައި ނޯންނާނެ ކަމަށެވެ.
އޭނާ އާއި ގުޅުން ހުރި އެއްވެސް މައްސަލައެއް ހައިލަމް ނުބައްލަވާ ކަމަށާއި އަލްހާން އެއްވެސް ކަމެއްގައި ކްރިމިނަލް ކޯޓަށް ދާ މީހެއް ނޫންކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ރިޝްވަތުގެ ގޮތުގައި ހައިލަމްއަށް އެއްވެސް އެއްޗެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
އަލްހާން ވިދާޅުވީ ރިޝްވަތުގެ ދިން ކަމަށް ދައްކައިގެން މިއީ ބަޔަކު އޭނާ އާއި ހައިލަމްގެ އަބުރު ކަތިލުމަށް ކުރަމުންދާ ކަމެއް ކަމަށެވެ.
މިއީ ރަނގަޅު ނިޔަތެއްގައި ހިނގާ ކަމެއް ނޫން ކަން ފާހަގަކޮށް އަލްހާން ވިދާޅުވީ މިހާދިސާ ހިނގައި ދިޔަތާއި އެތަށް ދުވަހެއް ފާއިތުވި ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ޝަރީޢަތުގެ ހުކުން ކުރަން ތާވަލްކުރި ދުވަހާއި ދިމާކޮށް މައްސަލަ ޖުޑީޝަލް ސާރވިސްކޮމިޝަނަށް ދާންވީ ކީއްވެތޯ ސުވާލުކުރެއްވިއެވެ.
އަލްހާން ވިދާޅުވީ ސަރުކާރުގެ ބާރު ހުރި ފަރާތްތަކުން އައީ ހައިލަމްއަށް ޕްރެޝަރ ކުރާނެ ގޮތްތަކެއް ހޯދަމުން ކަމަށާއި އެންމެ ފަހުގެ ”އޮޕްޝަންއަކީ“ އޭނާ ހައިލަމްއަށް ފޮނުވި ދެ ލައްކަ ރުފިޔާގެ މައްސަލަ ފެންމަތިކުރުން ކަމަށް ވިދާޅުވިއެވެ. ކޮންމެ ގޮތެއް ހަދާފަވެސް ބޭނުމަކީ ހައިލަމް ސަސްޕެންޑް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
“ މިޙާރު އުފެދޭ ސުވާލަކީ ކިހިނެތްތޯ މިހާ ފަހުން ޖޭއެސްސީއަށް މިމައްސަލައައީ. މިއޮއްހާ ދުވަހު މައްސަލަ ތަޙުޤީޤު ނުކޮށް ތިބީ ކީއްވެގެންތޯ؟ ޖޭއެސްސީއަށް މައްސަލަ ފޮނުވީ ފުލުހުންތޯ ނޫނީ ރައީސް ނަޝީދު ވިދާޅުވެގެން ނަޝީދު ނުފޫޒު ފޯރުއްވައިގެން ، ސިޓީއެއް ފޮނުއްވައިގެން، ހައިލަމްގެ ނަމުގައި ބައިސްކަލު ބައްތިއެއް މައްސަލައެއްވެސް އޮތްތޯ ބަލާދޭށޭ ބުނިކަމެއްތާ މިއީ. ބަލަންވީ މިކަމެއް ހިނގީ ކިހިނެއްތޯ؟ ޖޭއެސްސީއިން އިސްނަގައިގެން އަމިއްލައަށް ފުލުސް އޮފީހަށް ކީއްވެގެންތޯ ހުރިހާ ފަނޑިޔާރުންނާއި ބެހޭ ގޮތުން ސިޓީ ފޮނުވަންވީ ނޫންތޯ؟ މައްސަލައެއް އޮތްތޯ ބަލަން.. ”
އަލްހާން ވިދާޅުވީ މިއީ ވަރަށް ގޯސްކޮށް ހިނގައިގެން އުޅޭ ކަމެއް ކަމަށެވެ. އަދި މިއީ ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ސީދާ އެމަނިކުފާނު ޕްރެޝަރކޮށްގެން ކުރުވި ކަމެއް ކަމަށެވެ.
މިހާތަނަށް ފުލުހުންވެސް ބުނަނީ ފަނޑިޔާރެއްގެ މައްސަލަ ރައީސް ނަޝީދު އަމިއްލަފުޅައް އުފައްދައިގެން ފަނޑިޔާރަކު ސަސްޕެންޑް ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ހިނގަމުން ދަނީ މިފަދަ ހިތާމަހުރި ކަންކަން ކަމަށް އަލްހާން ވިދާޅުވިއެވެ.
“ މިކަން ކުރަން ޖެހޭނީ ރައީސުލްޖުމްޙޫރިއްޔާ ހުވާ ކުރައްވާފައި ވިދާޅުވި ގޮތައް، ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލުކުރަންޖެހޭނެ. ޖޭއެސްސީ ކޮމްޕޮސިޝަން އޮތް ގޮތުން އެތަނަކީ މިހާރު އެމްޑީޕީގެ އައްޑާއެއް. އެތަނުގައި އިންނަވަނީ ރައީސް ނަޝީދު، ދެންވެސް ރައިސް ނަޝީދު، ދެންވެސް ރައީސް ނަޝީދު އަދި ދެންވެސް ރައީސް ނަޝީދު، ދެންވެސް ރައިސް ނަޝީދު، ދެންވެސް ރައީސް ނަޝީދު. މިހާރު ހައެއް ވީ. އެހާލަތުގައި ޖޭއެސްސީ އޮވެގެން ކޮން މިނިވަން ކަމެއްތޯ އަންނާނީ. ދެން ހަމަ ފަނޑިޔާރުންނަށް ބިރުދައްކަނީ. ހުކުމް ތަކާއި ބެހޭ ގޮތުންވެސް ސުވާލު ކުރަނީ“
ރާއްޖޭގެ ޖުޑިޝަރީ އިސްލާހުކުރުމުގެ ނަމުގައި ރައީސް ނަޝީދު ބުނާގޮތަކަށް ކަންކަން ނިންމާނެ ބަޔަކު ހޯދުން ކަމަށް ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ފަނޑިޔާރުގެ ތަކަށް ސީދާ ނުފޫޒު ފޯރުވަނީ ސިޔާސީ ބޭފުޅުން ކަމަށެވެ. އެގޮތުން ރައީސް މައުމޫންގެ 30 އަހަރުގައި އެމަނިކުފާނުގެ ބަރުވެރިކަމުގެ ދަށުން ކޯޓުތަކުގެ ފަނޑިޔާރުންގެ މައްޗަށް ހިންގާފައިވާ ނުފޫޒާއި ކޮށްފައި ހުރި ހުކުންތަކާއި އަދި އެންމެފަހުގެ އިސްތިއުނާފު އިލްތިމާސްއަކުން ނިންމަވާ ކަމަށެވެ. އަދި އޭގެ ފަހުން ސުޕްރިމްކޯޓެއް ހުޅުވާ ހަމަ މަގައް ކަަންކަން ގެންދިއުމުގެ ފުރުސަތު ރައީސް ނަޝީދަށް އޮތް ކަމަށް ވިދާޅުވިއެވެ.
“ ރާއްޖެއަށް ޑިމޮކްރެޓިކް ސިސްޓަމްއައިސްގެން ސުޕްރިމްކޯޓެއް އުފެދި ދައުލަތުގެ ތިންބާރު ވަކިކޮށް، އުއްތަމަ ފަނޑިޔާރަކު އައިސް، އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރަކީ ވަކި ބާރެއްގެ ގޮތުގައި މިއޮތީ ތަރުތީބު ކުރެވިފަ. ކަން މިހެން އޮތް އިރު ފުރަތަމަ ފެނިގެން ދިޔައީ ރާއްޖޭގެ އޮތް އިންތިޤާލީ ސުޕްރިމްކޯޓު، ސުޕްރިމްކޯޓަކަށް ބަދަލުވާން ދިޔަ އިރު ވެގެން ދިޔަ ގޮތް. އޭރު އަޅުގަނޑު ހުރީ 17 ވަނަ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި. އެކަން ދިޔައީ ސިޔާސީ ބޮޑު ކޯޅުންގަނޑެއްގެ ތެރެއިން ފަނޑިޔާރުންގެ އައްޔަންކުރުމުގެ މިންގަނޑުތަކަށް ބެލުމެއް ނެތި، ސިޔާސީ ޕާޓީތަކުގެ މީހުން ބައި ބަހައިގެން ކޭކެއް ފަޅާހެން ފަޅާލާފަ، ސުޕްރިމްކޯޓު ފުރަތަމަ އުފެއްދީ. އުފެއްދި އިރު އެންމެ އިސްކޮށް ހުންނެވީ ރައީސް ނަޝީދު“
އޭރުވެސް ކަންތައްތައް ދިޔައީ ސިޔާސީ ގޮތުން ވަކި ބަޔަކު ބޭނުންވާ ގޮތައް ކަމަށް އަލްހާން ވިދާޅުވިއެވެ. އަދި މިހާރު އަނެއްކާވެސް ސުޕްރިމްކޯޓުގެ ފަނޑިޔާރުން އަދަދު 7ށް އިތުރުންކޮށް ކުޅޭ ކުޅިވަރަކަށް ޝަރުޢީދާއިރާ ވެއްޖެ ކަމަށް ވިދާޅުވިއެވެ.

