އަތޮޅު ކައުންސިލްތައް އުވާލި ނަމަވެސް ހަރަދު ކުޑަ ނުވާކަމަށާއި، އަތޮޅުކައުންސިލް ތަކުގައި މުވައްޒަފުން ހާސްވާން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނަމުން ދާކަމަށް ކަންޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އަމީން ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ދެއްކީ ހަރަދު ކުޑަކުރުމުގެ ވާހަކަ ކަމަށެވެ. އެހެންނަމަވެސް ގާނޫނުގައި އެކި ނުކުތާތައް ހިމަނައިގެން އަތޮޅުކައުންސިލްތައް އުވާލެވިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. ގާނޫނު ފާސްކުރުމަށްފަހު އެއާއި ވިދިގެން އެލްޖީއޭއާއި މިނިސްޓްރީން ދައްކާ ވާހަކަތަކުން ހަަރަދު ކުޑަކުރަން ބުނެ ދެއްކި ވާހަކައަކީ ބަހަނާއެއް ކަން ސާފުވާކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ހަގީގަތަށް ބަލާއިރު، ހަރަދު ކުޑަ ނުވާ ކަމަށެވެ. އެއީ އަތޮޅުކައުންސިލް ތަކުގައި މުވައްޒަފުން ހާސްވާން ނުޖެހޭނެ ކަމަށާއި، އަތޮޅުކައުންސިލްގެ އިދާރާތައް ހިންގަމުންދާނެ ކަމަށާއި އަދި އެމީހުން ބެލެނިވެރި ފަރާތަކީ އެލްޖީއޭ ކަމަށް ސަރުކާރުން ބުނަމުން ގެންދާ ކަަމަށް އަމީން ވިދާޅުވިއެވެ.
”އެލްޖީއޭ އަކީ މާލޭގައި ގާއިމްވެސް ހުންނަ އޮފީހެއް. ކުރުކޮށް ބުނަންޏާ މާލެ ސަރުކާރަށް އަތޅުތަކުގެ ރަތްޔިތުންގެ ބާރު ނެގުން މިއީ އަޅުގަނޑަށް ސިފަވާ ގޮތް. އަތޮޅު ކައުންަިލްތައް ފަންކްޝަން ނުކުރާ ކަމަށް އެބޭފުޅުން އެ ވިދާޅުވާ ވިދާޅުވުމަކަށް އަޅުގަނޑަށް ތާއީދެއް ނުކުރެވޭ. އެއީ އަޅުގަޑު ނިސްބަތްވާ އަތޮޅަކީ، ށ އަތޮޅަކީ އަތޮޅުކައުންސިލް ތަކުގެ ތެރޭގައި އެންމެ މުއްސަނދި އެއް އަތޮޅުކައުންސިލް. ވަރަށް ރަނގަޅު ވިޔަފާރީތަކަކަށް މިހާރުވެސް ހުރީ އިންވެސްޓް ކޮށްފައި“
އަމީން ވިދާޅުވީ އަތޮޅުކައުންސިލްތައް ހިންގަންވާ ގޮތަށް ހިނގަން ފެށީ އަދި ކިރިޔާ ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަތޮޅު ކައުންސިލްތަކަށް ބޭނުންވާ ބާރުތައް ދީ ކައުންސިލްތަކަށް ފަންނީ ފަރާތްތައް އައްޔަނުކޯށް ދިޜާސާތައް ކުރެވި އެންމެ ރަނގަޅަށް ކަންކަން ފެށިގެން އައުމުން ލާމަރުކަޒީ ނިޒާމުގެ ކުރިން އޮތްގޮތަށް ކަންކަން ބަދަލު ކުރީ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ދެން އަނެއްކާވެސް މިހާލަތައް ގެންނަން އަނެއްކާވެސް ދުވަސްތަކެއް ނަގާނެ ކަމަށެވެ. އަތޮޅު ކައުންސިލްތަކުން ވަރަށް ގިނަ ކަންކަން ރައްޔިތުންނަށް ރަށްރަށަށް ކޮށްދޭ ކަމަށާއި، އެކައުންސިލްތައް އުވާލުމުން އެކަންކަންވެސް ނިމުމަކާއި އަންނާނެ ކަމަށެވެ.

