ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ މި ޗަރުކޭހަށް ނިމުން ގެންނަން ޖެހޭ!

އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖޭއެސްސޫގެ ރައީސް އަދި ސުޕްރީމް ކޯޓޫގެ ފަނޑިޔާރު އަބްދުﷲ އަރީފް: ފައިލް ފޮޓ
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު އަސާސީގައި ވަކިކޮށްފައިވާ ތިންބާރުގައި ވެސް އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމީ ހުރިހާ މުއަށްސަސާތަކާ ހުރިހާ ދިވެހިންވެސް ގަބުލުކުރާ ކަމެކެވެ. އަދުލުއިންސާފުގެ ދާއިރާގައި ވެސް ރަގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް އަދި ރައްޔިތުން އިންތިހާބު ކޮށްފައިވާ މަޖިލިސް މެމްބަރުންގެވެސް އިސްލާހުކުރަންޖެހޭ ކަންތައްތަކެއް ހުރިކަމީ ހުރިހާ އެންމެންވެސް އިއްތިފާގުވާ ހަގީގަތެކެވެ.

މިއީ ރާއްޖޭގެ ވިރާސީ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ރާއްޖެ ޑިމޮކްރެސީގެ މަގަށް އެނބުރެން ފެށީއްސުރެން ދިވެހިން ދައްކަމުން ދިޔަ ވާހަކަތަކެކެވެ. ޖުޑިޝަރީ އިސްލާހު ކުރުމުގެ ވާހަކަތައް އެންމެބޮޑަށް ދެކެވެމުންއައީ މިހާރު އަމަލު ކުރަމުންދާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތްކުރި ދުވަސްވަރުއެވެ. ގާނޫނުއަސާސީ އެކުލަވާލުމުގައި ހާއްސަ މަޖިލީހުން އެންމެބޮޑު އަހުމިއްޔަތުކަމެއް ދީގެން ކުރި އެއް މަސައްކަތަކީވެސް އެއީއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ނިންމުމަށް އޭރުގެ އިދިކޮޅު ފަރާތްތައް އެންމެ ގަދަޔަށްކީ އަންބާއަކީ ވެސް “އަދުލްއިންސާފު ގާއިމު ކުރޭ” މިއެވެ. ނަމަވެސް އާ ގާނޫނުއަސާސީއާއެކު ރައީސް މައުމޫންގެ ވެރިކަން ބަދަލުވެ، ރާއްޖެ ޑިމޮކްރެސީގެ މަގަށް ދީލާލިއިރުވެސް އަދުލްއިންސާފުގެ ނިޒާމު އޮތީ އޮތްތާނގައެވެ. ބަދަލުވީ ރައީސުލްޖުމްހޫރިއްޔާގެ ނަމަވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކުރެވިގެންދިޔައިރު، ދިވެހި ރައްޔިތުން ފޮނި އުއްމީދު ތަކެއް ކުރި އެވެ. އަދި އެ އުންމީދުތަކުގައި ކުލަ ޖެހި މަންޒަރު ސާފުވާންފެށި ހިސާބުން މުޅި މަންޒަރު ބަދަލުކޮށްލީ ވެސް އަދުލްއިންސާފުގެ ދާއިރާއިންއައި އިންގިލާބަކުންނެވެ. އޭރުވެސް ބަދަލު ނުކުރެވި އޮތީ އަދުލްއިންސާފުގެ ދާއިރާއެވެ. އިސްލާހު ނުކުރެވި އޮތީ ކޯޓުތަކެވެ. 

ރައީސް ނަޝީދުގެ ވެރިކަމަށްފަހު ވެރިކަމަށް އަރާ ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި އަދުލްއިންސާފު ދިޔައީ ގޯހުން ގޯހަށެވެ. އަދި ރައީސް ވަހީދުގެ ވެރިކަމަށްފަހު ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމްގެ ވެރިކަން ވެގެންދިޔައީ މުޅި ދައުލަތުގެ ނިޒާމު ފުނޑުފުނޑު ކޮށްލި ވެރިކަމެއްގެ ގޮތުގަ އެވެ.

މިއަދުވެސް ރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ އަދުލްއިންސާފުގެ ދާއިރާ އިސްލާހު ކުރުމުގެ މަސައްލަ އެވެ. ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން އެންމެ އިސްކަމެއް ދޭން  ނިންމާފައިވަނީ އަދުލްއިންސާފުގެ ދާއިރާ އިސްލާހު ކުރުމެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް، މިހުވަފެން ރައްޔިތުންނަށް ދައްކަމުންދާއިރު، އެކަން ކުރުމަކީ މިއަދު ސިޔާސީ މައިދާނުގައި އިސްކޮށް އުޅޭ ފަރާތްތަކަށް ކެރި ކުޅަދާނަ ކަމެއް ކަމަކަށްވާނެ ކަމަށް ނުފެނެއެވެ.

އަދުލްއިންސާފު ގާއިމު ކުރަންވީ އިހުލާސްތެރި ކަމާއެކުގަ އެވެ. ކޮންމެހެން ކޮންމެ އިންތިހާބަކާ ދިމާކޮށް ތި ވާހަކަ ދެއްކުމުގެ ބަދަލުގައި އެކަންކުރަން އިހުލާސްތެރި ނިޔަތެއް އޮންނަން ޖެހެއެވެ. ޒާތީ ތައައްސުބުންނާއި ސިޔާސީ ނުފޫޒުން އަދި އެއްވެސް ނުފޫޒެއް ފަނޑިޔާރުންނާއި ފަނޑިޔާރުގެތައް ފޯރުމަކީ އަދުލްއިންސާފު ގާއިމު ކުރަން ނިކުންނަ މީހުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އަދި ފަނޑިޔާރުންވެސް މިނިވަންކަމާއެކު ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތަށް ހުކުމް ނުކުރެވޭނެނަމަ މަގާމުގައި ދެމިހުރުމުގެ ބޭނުމެއްނެތެވެ.

އިންސާފަކީ އިންސާނަކަށް ވީތީވެސް ލިބެންޖެހޭ އަސާސީ ހައްގެކެވެ. އިންސާފު ގާއިމު ނުކޮށް މިރާއްޖޭގައި ދެން ކުރަންޖެހޭ އިތުރުކަމެއް އޮތްކަމަކަށް ނުދެކެވެ. އިންސާފު ގާއިމު ނުކޮށް، ހައްގުތައް ރައްކާތެރި ނުކުރެވޭނެ އެވެ. ހައްގުތައް ރައްކާތެރި ނުކޮށް ގައުމަށް ހަމަޖެހުން އަންނާނެ ކަމަށް ނުދެކެމެވެ

ކަން މިހެން އޮތްއިރު ވެރިކަން ހިންގާ ބާރުގައި އަދި މާގިނަ ކަންތައްތަކެއް އިސްލާހުކޮށް ރަގަޅުކުރަން އެބަހުރިކަމަށް ގަބޫލުކުރާ މީހުން ނުހަނު ގިނައެވެ. ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މީހަކު ފާލުންނެއްޓި ގާނޫނަ ގަވާއިދާ ހިލާފު ވުމަކީ ދެންތިބި މީހުން ގާނޫނުތަކާ ކޯޓު ހުކުމްތައް މުގުރަން ޖެހޭ ސަބަބެއް ނޫންކަމެވެ.

ތިމާ ގާނޫނުތަކާ ގަވާއިދު އަދި ކޯޓު ހުކުމްތައް މުގުރުމަށް އެކަން ހުއްޖަތެއްގޮތުގައި ނެގިގެން ނުވާނެއެވެ. އަދި އަމުދުން ގައުމު ގާނޫނު އަސާސީއާ ގަވާއިދާ އެއްގޮތަށް ހިންގާ، އަދި ކޯޓު ހުކުމްތައް ތަންފީޒު ކުރަން ހުރި ފަރާތުން ގާނޫތަކާ ކޯޓު ހުކުމްތައް މުގުރުމަކީ ގަބޫލު ކުރެވޭނެ އިންސާފެއް ނޫނެވެ. އިސްލާހުކުރުމުގެ ފިޔަވަޅުތައްވެސް އެޅެންވާނީ ގާނޫނުތަކާއި ގަވާއިދުގައިވާ ގޮތަށެވެ. ކޯޓުތަކުގެ ހުކުމްތަކާއި އެއްގޮތަށެވެ. ކޯޓުތަކުގެ ހައިބަތާއި ގަދަރު ގެއްލިގެން ނުދާނެ ގޮތަށެވެ. 

މިއަދު އެމްޑީޕީން ހާއްސަކޮށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޝަރުއީ ދާއިރާ އިސްލާހު ކުރަންކަމަށް ބުނެ މިހިންގާ ކަންތައްތައް ބަލައިގަތުމަށް އުދަގޫވަނީ ސަބަބުތަކެއް ހުރީމައެވެ. އެމްޑީޕީ އުފެދިގެން މިއަދާއި ހަމައަށް އައިއިރުވެސް  އިސްލާހު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކޮށް ގާޒީއަކު ރަހީނުކޮށް ސުޕްރީމް ކޯޓުގައި ތަޅުއަޅުވައި އެކަން ދިފާއު ކުރުމަކީ އިސްލާހަށް މަސައްކަތް ކުރުމެއްނޫނެވެ.

ކޯޓު ހުކުމްތައް ބޮލާލާ ޖެހުމަކީ އިސްލާހީ މަސައްކަތެއް ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ. އެންމެ ފަނޑިޔާރުންގެ ސުލޫކީ އަވާގައި ޖެހި  ގައުމު މިފަދަ ހާލަތަކަށް ވައްޓާލުމަކީ އިސްލާހީ މަސައްކަތެއްގޮތުގައި ބަލައެއް ނުގަނެވޭނެއެވެ. ހަމަ އެހެންމެ އިސްލާހު ކުރުމުގެ ނަމުގައި ލިބިގެން ނުވާ ބާރުތަކެއް ބޭނުން ކޮށްގެން ފަނޑިޔާރުންގެ އަގު ވައްޓާލައި ހެދުމަކީ ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. 

ހަމަ އެހެންމެ  ކޯޓުތަކުގެ ހުކުމްތަކަށް އިހުތިރާމް ނުކުރުމަކީ އިސްލާހީ މަސައްކަތެއް ކަމަކަށް ގަބޫލެއް ނުކުރެވޭނެއެވެ.  ފަނޑިޔާރުންގެ ސުލޫކީ މައްސަލައޭ ކިޔައިގެން ކޯޓުތަކުގެ ހުކުމްތައް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މެދުގައި ކޯޓުތަކާ ފަޑިޔާރުންގެ އަގު އިހާނެތިކޮށް ވައްޓާލުމަކީ އިސްލާހުކުރަން މަސައްކަތްކުރާ ބައެއްގެ ފަރާތުން ފެންނަންޖެހޭނެ ކަންތައްތަކެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ހުރުމަކީ ކޯޓުތަކާ ފަނޑިޔާރުންގެ އަގު ވައްޓާލަން ޖެހޭ ސަބަބެއްނޫނެވެ. އަދި ސަރުކާރުން ގާނޫނުތަކާ ގަވާއިދުތައް މުގުރާލަންޖެހޭ ސަބަބެއް ކަމަށް މިގައުމުގެ ގާނޫނީ ވަކީލުންވެސް އަދި އެމްޑީޕީ ކުރާ ކޮންމެކަމެއް ރަގަޅުކަމަށް ގަބޫލުކުރާ ރައްޔިތުންކޮޅު ފިޔަވާ އެހެން ހުރިހާ ރައްޔިތުން ގަބޫލުކުރާ ކަމެއްނޫނެވެ. 

މިއަދު ކޯޓުތަކާ ފަޑިޔާރުންގެ ކޮންޓްރޯލް ސަރުކާރުން ހޯދަން ބޭނުންވާ ސަބަބުތަކެއް ހުރި ކަމަށް ގަބޫލު ކުރެވެއެވެ. ސަރުކާރުން މިހާތަނަށް އަމަލު ކޮށްފައި ހުރިގޮތުން ސަރުކާރުން އަމަލު ކުރަނީ ސަރުކާރުން ބެނުންވާ ގާނޫނަކާއި ގަވާއިދަކަށޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. ގާނޫނުތައް މާނަ ކުރަނީ ވެސް ސަރުކާރުން ނުވަތަ މަޖިލީހުގެ ރައީސް ރައީސް ނަޝީދުއާއި އެމަނިކުފާންގެ އައުވާނުން ބޭނުންފުޅުވާ ގޮތަކަށޭ ދެންނެވުން ދޮގޮކަށް ނުވާނެއެވެ. 

ޖޭއެސްސީގައި ރައީސް ނަޝީދުގެ ހުންނަވައިގެން މިހާރު ކުރައްވަމުން ގެންދަވާ ކަންތައްތަކަށް ބަލާއިރު ސަރުކާރާ އެމްޑީޕީން ކޯޓުތައް އެމީހުންގެ ބާރުގެދަށަށް ގެނެސް އެމީހުންގެ ފިކުރުގެ މީހުން ފަޑިޔާރުންގެ ގޮތުގައި އައްޔަން ކުރަން ނުހަނު ބޭނުންވާކަން ކަށަވަރުވެ ޔަގީންވެއެވެ. ކޯޓުތަކަށް ބާރުފޯރުވާ ކޯޓުތަކުގެ ކޮންޓްރޯލް ހޯދުމަކީ އަންނަން އޮތް ދުވަސްތަކުގައި ހަމަޖެހިލައިގެން އުޅެވެން އޮތް ހަމައެކަނި ގޮތް ކަމަށް އެމީހުންނަށް ގަބޫލު ކުރެވެނީ ކަމަށް ވެދާނެއެވެ. 

ކޮންމެ ގޮތެއްވިޔަސް މިއަދު އެމްޑީޕީން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އަދުލުއިންސާފުގެ ދާއިރާ އިސްލާހު ކުރަންކަމަށް ބުނެ އެކުރާ މަސައްކަތް އަޅުގަޑަށް ބޮޑަށް ސިފަކުރެވެނީ އަދުލު އިންސާފުގެ ދާއިރާ ހަލާކުކޮށް ނިކަމެތި ކޮށްލުމަށް ކުރާ މަސައްކަތެއް ގޮތުގައެވެ.

އަދުލުއިންސާފުގެ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލަން ކުރާ މަސައްކަތެއް ގޮތުގައެވެ. ފަޑިޔާރުންނަށް ބިރުދައްކާ ބޭނުން ގޮތަކަށް ގާނޫނުތައް މާނަކުރަން ކުރާ މަސައްކަތެއްގެ ގޮތުގައެވެ. ކޯޓުތައް ބާރުގެ ދަށަށް ގެނައުމަށް ކުރާ ހީލަތްތެރި މަކަރުވެރި މަސައްކަތެއް ގޮތުގައެވެ. 

އިދިކޮޅު ފަރާތްތަކާއި ގާނޫނީ ބޭފުޅުން ވިދާޅު ވަނީ ސަރުކާރުން ގާނޫނާއި ކޯޓުތަކުގެ ބާރު ކަޑުވައިލައިފި ކަމަށެވެ. ރައްޔިތުން  އެދެނީ އަދުލުއިންސާފުގެ ދާއިރާގެ ހިމާޔަތް ކުރުމަށެވެ. ސަރުކާރުން ވެސް އެދާއިރާ ހިމާޔަތްކޮށްދީ ގައުމުގައި އަމަން ގާއިމުކޮށްދޭށެވެ.

ތިމާ އެހެންބަޔަކަށް ހެޔޮނަސޭހަތެއް ދޭން ބޭނުންނަމަ ފުރަތަމަ ތިމާ އެގޮތުގައި ސާބިތުވެ ހުރުން މާބުއްދިވެރިއެވެ. ތިމާ ކަމެއް ނުވަތަ ބަޔަކު އިސްލާހުކުރަން އުޅޭނަމަ ފުރަތަމަ ތިމާ އިސްލާހުވުން މާހެޔޮކަން ބޮޑެވެ. ހަގީގަތަކީ މިއީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގަިއ ނަޝީދު ކުޅުއްވަނީ ބޮޑު ޗަރުކޭހެކެވެ. ޝަރުއީ ދާއިރާ އިސްލޫ ކުރަން ބޭނުންނަމަ ފުރަތަމަ ކުަރްން ޖެހޭ ކަމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ރައީސް ނަޝީދު ކުޅުއްވާ ޗަރުކޭސް ނިމުމަކަށް ގެނައުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް ވެސް އޮތް އެންމެ ރަނގަޅޫ ގޮތަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ނަޝީދު މި ކުޅުއްވާ ޗަރުކޭސް ހުއްޓުމަކަށް ގެނައުމެވެ. ނޫނީ ނިމުން ހިތިވާނެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: